ފީފާއަށް 300 މިލިއަން ޕައުންޑުގެ ބޮޑު ގެއްލުމެއް

އިނގިރޭސި ވިލާތުގެ މަޝްހޫރު ކޮމޭޑިއަން ލީ ނިލްސަން ފީފާގެ ރައީސް ބްލެޓާއާ ދިމަލަށް އަމާޒުކޮށް "އޮއްސާލި ޑޮލަރުގެ ވާރޭގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ފޮޓޯ --- ފޮޓޯ/ ގެޓީ އިމޭޖަސް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް 2016 ވަނަ އަހަރު 300 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއްގެ މާލީ ގެއްލުމާ ކުރިމަތިލާން ޖެހިއްޖެހިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ފީފާގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 300 މިލިއަން ޕައުންޑް، އަދި މިހިނގާ 2017 ވަނަ އަހަރު 400 މިލިއަން ޕައުންޑު ގެއްލުން ވާނޭކަމަށް ބެލެވެއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް މިފަދަ ބޮޑު ގެއްލުމެއް ވެފައި ވަނީ، ވޭތުވެ ދިޔަ އަހަރު ތަކުގައި އެ އިދާރާގައި ހިނގައިދިޔަ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކާ ގުޅިގެން ގާނޫނީގޮތުން ކުރަން ޖެހުނު މަސައްކަތްތަކާއި، އަދި އޭރު ކޮށްފައިވާ ދެކޮޅުނުޖެހޭ އިންވެސްޓްމަންޓް ތަކުގެ ސަބަބުންނެވެ.

ފީފާގެ މާލީ ނަތީޖާތަކަށް ބަލާއިރު، ވޭތުވެ ދިޔަ ދެއަހަރުވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން 2015 ވަނަ އަހަރު ވެސް އެ އިދާރާއަށް 100 މިލިއަން ޕައުންޑް ގެއްލުން ވެފައި ވެއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ "ފީފާ"ގެ މައި މަރުކަޒު ހުންނަނީ ސްވިޓްޒަލޭންޑްގެ ޒިއުރިކްގައި --ބީބީސީ ފޮޓޯ: އޭއެފްޕީ

ފީފާއިން ލަފާކުރާގޮތުގައި އެ އިދާރާއަށް ލިބިފައިވާ މާލީ ގެއްލުންތައް އަދާކޮށް ފައިދާގެ ގޮތުގައި އެއްޗެއް ލިބޭވަރު ވާނީ، 2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތަށް ފަހު އެވެ. ފީފާއިން އެންމެ ފަހުން ރަނގަޅު ފައިދާއެއް ލިބިފައި ވަނީ 2014 ވަނަ އަހަރުއެވެ. އެއީ 80 މިލިއަން ޕައުންޑެވެ.

އެމެރިކާއާއި ސްވިޓްޒަލޭންޑްގައި ފީފާއިން ކުރިއަށް ގެންދާ ކޮރަޕްޝަނާއި ޖިނާއީ ތަހްގީގުތަކަށް މިދިޔަ އަހަރު އެކަނިވެސް، ގާނޫނީ ފަރާތްތަކަށް 50 މިލިއަން ޕައުންޑް ހަރަދުކޮށްފައިވެއެވެ.

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ، ޒިއުރިކްގައި ގާއިމުކުރި ފުޓްބޯޅަ ދާރުލްއާޘާރާއި، ހޮޓެލްއިން މިހާތަނަށް އެއްވެސް ފައިދާއެއް ނެރެވައިފައި ނުވާއިރު، އެތަންތަން ބެލެވިފައިވަނީ، އެ އިދާރާއިން މީގެ ކުރީން ހިންގާފައިވާ ދޯހަޅި އިންވެސްޓްމަންޓްތަކުގެ ގޮތުގައެވެ.

comment ކޮމެންޓް