އިހުތިޖާޖު ކަވަރުކުރުމަށް ދިޔަ ބައެއް ނޫސްވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައިފި

މިޜޭ މ. ކުނޫޒު ކައިރީ ކުރިއަށްދިޔަ އިހުތިޖާޖުގައި ބައެއް ނޫސްވެރިން ގަޔަށް ފުލުހުން ޕެޕާ ސުޕްރޭ ޖަހަނީ ---

މ. ކުނޫޒު ކައިރީ މިހާރު ކުރިއަށްދާ އިހުތިޖާޖު ކަވަރު ކުރުމުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ ލޮލަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކުރުމާ ގުޅިގެން މާލެތެރެ ހަލަބޮލިވެ މ. ކުނޫޒު ކައިރީގައި އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އިހުތިޖާޖު ކުރަމުންނެވެ.

އެތަނުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ ތެރެއިން ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އާޒިފާއި ޕީއެސްއެމްގެ ނޫސްވެރިޔާ އާދަމް ނަޒީރު އަދި ރާއްޖެ ޓީވީގެ ކެމެރާ މެން އާދަމް ޒަރީރުގެ ލޮލަށް ވަނީ ޕެޕަ ސުޕްރޭ ޖަހައިފައެވެ.

ނޫސްވެރިން ބުނީ ފުލުހުންގެ ސަފުގެ ފަހަތުގައި ތިބެ އިހުތިޖާޖު ކަވަ ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ނުލިބޭ ކަމަށެވެ. އެގޮތުން ނޫސްވެރިނަަށް އިހުތިޖާޖު ކަވަ ކުރުމުގެ ފުރުސަތު ދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަމަށް ފުލުހުން އިޖާބަދީފައި ނުވާ ކަމަށް ނޫސްވެރިއަކު ބުންޏެވެ.

ޕެޕަރ ސްޕްރޭ ޖެހި ބައެއް ނޫސްވެރިންނަށް އޭޑީކޭ އަދި އައިޖީއެމްއެޗުގައިވެސް ދަނީ ފަރުވާ ދެމުންނެވެ.

ގާނޫނީ ސަރުކާރެއް ވައްޓާލަން އުޅޭ ކަމަށްް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ގާސިމް އިބްރާހިމް ހައްޔަރު ކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މައުމޫނު އަބްދުގައްޔޫމު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި ގާސިމް ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ ޖޭޕީ އަދި އަދާލަތުން ވެސް ވަނީ ސީދާ ހަަރަކާތައް ނުކުތުމަށް ފާސްކޮށްފައެވެ.

comment ކޮމެންޓް