ގާސިމް އިބްރާހީމް ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފި

މިރޭގެ ވަގުތެއްގައި ފުލުހުން ވަނީ، ކޯޓު އަމުރެއްގެ ދަށުން މ. މާފަންނުވިލާއަށް ވަދެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި -- ސަން ފައިލް ފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދިރިއުޅުއްވާ މ. މާފަންނުވިލާ އަށް ކޯޓު އަމުރަކާ އެކު ފުލުހުން ވަދެ ގާސިމް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއިކުރައްވައި ނެރުއްވާފައިވާ ކޯޓު އަމުރުގައި ގާސިމް ހައްޔަރުކުރަން ބޭނުންވާ ސަބަބުތަކެއް ކަމަށް ބުނެފައި ވަނީ:

  • ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓް އަނބުރާލުމަށް ޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުކުރެވޭތީ އާއި،
  • ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް މައްޗަށް ނަގަން އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި،
  • ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި،
  • ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ،
  • އެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި،
  • މުޖުމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ ގާސިމްގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ތަހުގީގަށް ފެންނާތީ އެވެ.

ގާސިމްގެ މައްޗަށް ތުހުމަތުކުރެވޭ ރިޝްވަތުގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން ގާސިމްގެ ޕާސްޕޯޓް ވެސް ވަނީ މަސްދުވަހަށް ހިފަހައްޓައިފަ އެވެ.

ފުލުހުން މިހާރު ވަނީ، ގާސިމް ހައްޔަރުކޮށްގެން ދޫނިދޫގައި ހުންނަ ފުލުހުންގެ ތަހްގީގީ ޖަލަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް