މާމައަށް ދިން 1110 ޑޮލަރުގެ ދަބަސް ބޭނުން ކުރީ ރޯމަސް އުފުލަން

ޓައިވާނުގެ ސޯޝަލް މީޑިއާ ޔޫޒަރަކު އޭނާގެ މާމައަށް ދިން 1110 ޑޮލަރުގެ ދަބަސް ބޭނުން ކުރީ ރޯމަސް އުފުލަން -- ފޮޓޯ: ގެޓީ

ޓައިވާނުގެ ސޯޝަލް މީޑިއާ ބޭނުން ކުރާ މީހަކު އޭނާގެ މާމައަށް ދިން 1110 ޑޮލަރުގެ ދަބަސް ބޭނުން ކުރީ ރޯމަސް އުފުލަން ކަން ހާމަ ކުރުމާ ގުޅިގެން އެޕޯސްޓަށް އެތައް ހާސް ބަޔެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އެ ސޯޝަލް މީޑިއާ ޕޯސްޓުގައިވާ ގޮތުން މާމައަށް ދިނީ އަގުހުރި ބްރޭންޑެއް ކަމަށްވާ ލުއި ވިޓޮންގެ ދަބަހެއްކަން ނޭނގި މާމަ ވަނީ ބާޒާރަށް ދިޔުމަށް ފަހު އެދަބަހަށް ތަރުކާރީ އާއި ރޯމަސް އަޅައިފައެވެ.

އަދި އެދަބަހާ މެދު މާމަ އިނީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި، އެދަބަސް ކުޑަކޮށް ބަރުވި ނަމަވެސް އޭގެއިން ފެން ލީކު ނުވާތީ ވަރަށް އުފާވާ ކަމަށް މާމަ ބުނި ކަމަށް ޕޯސްޓުގައިވެ އެވެ.

އަދި އެއަގުބޮޑު ދަބަހަށް ރޯމަސް އަޅާފައި ހުރި މަންޒަރު ފެނުމުން 'ބުނާނެ އެއްޗެއް ނޭނގުނު' ނަމަވެސް އެދަބަހާ މެދު މާމަ ވަރަށް އުފާވެފައި ހުރުމުން، އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ނުބުނާ ކަމަށް ޕޯސްޓުގައިވެ އެވެ.

އެޕޯސްޓަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބި، 31،000 މީހުން ވަނީ އެޕޯސްޓު 'ލައިކް' ކޮށްފައެވެ. އަދި އެއް ސޯޝަލް މީޑިއާ ޔޫޒަކަރަކު ވަނީ އެޕޯސްޓު ކުރި މީހާގެ މާމަ ވާނީ މާރުކޭޓަށް ދިޔަ އެންމެ 'ފެޝަނަބުލް' މީހާއަށް ކަމަށާއި، އޭގެ ސަބަބުން މާރުކޭޓުގައި ހުރި މަހުގެ އަގުވެސް މައްޗަށް ގޮސްފައިވާ ކަމަށް ބުނެފައެވެ. (ބީބީސީ)

comment ކޮމެންޓް