ނަރުދޫ އިންޖީނުގޭގައި ރޯވެ މުޅި ރަށުން ކަރަންޓް ކެނޑިއްޖެ

ނަރުދޫ އިންޖީނުގޭގެ ހުރި އިންޖީނުގައި ރޯވެ ދުން އަރަނީ ---

ށ. އަތޮޅު ނަރުދާ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ރަށުން ކަރަންޓް ކެނޑިއްޖެއެވެ.

'ސަން' އާ ވާހަކަ ދައްކަމުން ނަރުދޫ އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ 12:05 އެހާ އިރުގައި ކަމަށާއި ރޯވެފައި ވަނީ 80 ކިލޯ ވޯޓާއި 50 ކިލޯ ވޯޓްގެެ ދެ އިންޖީނުގައި ކަމަށެވެ.

"ރޯވީ ސްޓާޓްކޮށްގެ ރަށަށް ކަރަންޓް ދެމުންދިޔަ އިންޖީނަކާއި އޭގެ ކައިރީގައި އިން އިންޖީނެއްގައި. ހަދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭންގެ. އަލިފާން ހުފުމާއި އެކު ޑިޔުޓީގައި ހުރި އޮފިސަރު ވަނީ ހުރިހާ އިންޖީނެއް ނިއްވާލައި މުޅި ރަށުން ކަރަަންޓް ކަނޑާލާފައި،" އޮފިޝަލް ވިދާޅުވިއެވެ.

ނަރުދޫ އިންޖީނުގޭގެ ހުރި އިންޖީނުގައި އަލިފާން ހިފާފައި ---

އޭނާ ވިދާޅުވީ ހާދިސާ ހިނގިތާ 20 ވަރަކަށް މިނެޓް ފަހުން ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކު ރޯވެފައި އިން ދެ އިންޖީނުގައި ހިފާފައިވާ އަލިިފާން ގަނޑު ނިއްވާލެވިފައިވާ ކަމަށެވެ.

"އިންޖީނުގޭގައި ނެތް އަލިފާން ނިންވާ ސިސްޓަމެއް. އެހެންވެ ރައްޔިތުން ނިކުމެ ކައިރި ގޭގެއިން ފެނާއި އަލިފާން ނިންވާ ސާމާނު ހިފައިގެން އައިސް އަލިފާން ގަނޑު ނިއްވާލާފައި ވަނީ،" އޮފިޝަލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޖީނު ގޭގައި އިނީ ތިން އިންޖީނު ކަމަށާއި ރޯވި ދެ އިންޖީނު ބޭނުން ކުރެވޭވަރު ވަނީ ބޮޑު އޯވަހޯލްއެއް ކުރުމަށް ފަހުގައި ކަމަށެވެ. އަދި ދެން އިން 50 ކިލޯ ވޯޓްގެ އިންޖީނުން މުޅި ރަށަށް ކަރަންޓް ދިނުމަކީ ދަތި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަރުދޫގެ އާބާދީގައި 604 މީހުން ދިރުއުޅެމުންދާއިރު އިންޖީނުގެއިން އަންނަނީ 111 ގެއަކަށް ކަރަންޓް ދެމުންނެވެ.

އޮފިޝަލު ވިދާޅުވީ އެ ރަށު އިންޖީނުގެ ހިންގަމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުން ކަމަށާއި މިއަދު އިރު އޮއްސުމުގެ ކުރިން ކައިރި އެހެން ރަށަކުން ޖަނަރޭޓަރެއް ގަނައިސް މުޅިރަށަށް ކަރަންޓް ދެވޭނެ ކަމުގެ ޔަގީން ކަން ދީފައިވާ ކަމަށެވެ

comment ކޮމެންޓް