ކިޔެވުން ފެށި އިރު ގިނަ އަދަދެއްގެ ކުދީން ސްކޫލްތަކަށް ހާޒިރުވި

ސްކޫލް ދަރިވަރުންތަކެއް-- މިއަދު ވަނީ އާދައިގެ މަތިން ގިނަ އަދަދެއްގެ ކުދިން ސުކޫލްތަކަށް ގޮސްފަ-- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ސްވައިން ފްލޫ ނުވަތަ އެޗްވަންއެންވަން ވައިރަސް ފެތުރެމުންދާތީ، ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު މިއަދު ކިޔެވުން ފެށިއިރު ގިނަ އަދަދެއްގެ ކުދިން ވަނީ ސްކޫލްތަކަށް ގޮސްފަ އެވެ.

މިދިޔަ ހަފްތާގައި ވެސް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އެޑިއުކޭޝަންއިން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ގިނަ ބެލެނިވެރިން މިދިޔަ ހަފްތާގައި ކުދިން ސުކޫލްތަކަކަށް ނުފޮނުވަ އެވެ. ނަތީޖާއެއްގެ ގޮތުން އަނެއްކާ ވެސް ބަންދު ކުރީ އެވެ.

ދެ ހަފްތާއަށް ވުރެ ގިނަ ދުވަހަށް ފަހު މިއަދު ކިޔެވުން ފެށިއިރު ސްކޫލްތަކުން ބުނަނީ ގިނަ އަދަދެއްގެ ކުދިން ކިޔަވަން އައި ކަމަށެވެ.

"ހަމަ އާދައިގެ ދުވަހެއް މިއަދަކީ، ގިނަ އަދަދެއްގެ ކުދިން ސްކޫލަށް ހާޒިރުވި އިރު ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް އެބަދޭ،" ކަލާފާނު ސްކޫލުގެ ލީޑިން ޓީޗަރަކު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ކުލާހަކުން ފަސް ކުދިން ސުކޫލަށް ދިޔަ މަޖީދިއްޔާ ފަދަ ސުކޫލްތަކުން ވެސް ބުނީ މިއަދު ގިނަ އަދަދަކަށް ކުދިން ސުކޫލްތަކަށް އައި ކަމަށެވެ.

ސްވައިން ފުލޫ ރޯގާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު އެލާޓް ލެވެލް ތިނެގެ ހާލަތެއް މިހާރު ނެތް ކަމަށާއ، މިހާރު އުޅެނީ އާންމު ރޯގާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ.

އިންފުލުއެންޒާ އެޗްވަންއެންވަން އަށް ޕޮސިޓިވްވި ހަ މީހަކު މި އަހަރުގެ މިހާތަނަށް މަރުވެފައިވެ އެވެ.

comment ކޮމެންޓް