ހަތަރު އެކުވެރީންގެ ފަރާތުން ދިވެހީންނަށް ބަރިސްޓާ!

ބަރިސްޓާ މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރު ވަދީފް ހަސަން ސައީދު ސަންއަށް އިންޓަވިއުއެއް ދެނީ -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އިންޑިއާގެ ކޮފީ ފްރެންޗައިޒް ބަރިސްޓާއަކީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި އެކި އުމުރުފުރާތަކުގެ މީހުންގެ މެދުގައި ނުހަނު މަޝްހޫރު ކެފޭތަކެކެވެ. ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ބަރިސްޓާ ކެފޭތައް ދިވެހީން ތިބެނީ އަބަދާއި އަބަދު ފުރާލައިފައެވެ.

އެންމެ ކުރީއްސުރެ އެކުވެރި ހަތަރު ޒުވާނުން ގުޅިގެން ފެށި ވިޔަފާރިއަކުން ކުރި ފަޅައި، ފުޅާވެ، ރާއްޖެއަށް ބަރިސްޓާ ގެނެސްދޭނެކަމުގެ ޔަގީންކަން މިދިޔަ އަހަރުގެެ ތެރޭގައި ލިބުނެވެ. ހަތަރު އެކުވެރިންގެ ބުރަ މަސައްކަތުގެ ފޮނި މޭވާ މިދިޔަ ހުކުރު ދުވަހުގެ ރޭ ލިބުނީ މާލޭގައި ބަރިސްޓާގެ ކެފޭއެއް ހުޅުވައި، އާންމުންނަށް ޚިދުމަތް ދޭން ފެށުމުންނެވެ.

ބަރިސްޓާ: އަބަދުވެސް އޮންނަނީ އެކި އުމުރުފުރާ ތަކުގެ މީހުންނާ އެކު ފުރިފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"މިތަނަށް ބޮޑެތި ކްރައުޑުތައް އާދޭ. ޒުވާނުންނާއި، ބޮޑެތި ވިޔަފާރިވެރިންނާއި، މަޖިލީސް މެމްބަރުންނާއި، ކުޑަކުދިން ގޮވައިގެން އާއިލާތައް ވެސް. އަބަދާއި އަބަދު ފުރިފައި މި އޮންނަނީ،" ބަރިސްޓާ މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރު ވަދީފް ހަސަން ސައީދު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގައި އެމްޕީއެލް ކުރިމަތިން، އޭޑީކޭ ފާމަސޫޓިކަލްސް އިމާރާތުގެ އެންމެ މަތީގައި ބަރިސްޓާ ހުޅުވީ މިދިޔަ ހުކުރު ދުވަހުއެވެ. ބަރިސްޓާ ހުޅުވި ރަސްމިއްޔާތަށް ބަރިސްޓާގެ މައި ކުންފުނީގެ ޗެއާމަން ރާއްޖެ ވަޑައިގެންނެވި އިރު، އެ ކެފޭ ހުޅުވައިދެއްވީ ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

"އޭގެ އެއް ދުވަސް ފަހުން އާދީއްތަ ދުވަހު އާންމުންނަށް ކެފޭ ހުޅުވައިލީ. ވަރަށް ބޮޑު ކްރައުޑެއް އައި. މިތަނުގެ ކެޕޭސިޓީއަށް ވުރެ ވެސް އިތުރަށް މީހުން އައި،" ވަދީފް ވިދާޅުވިއެވެ.

ދިވެހީންނަށްޓަކައި ރެސްޓޯރަންޓް ކޮންސެޕްޓް ބަދަލުކުރި

ބަރިސްޓާ، ނުވަތަ ކޮންމެ ފްރެންޗައިޒެއް ވެސް ދުނިޔޭގެ ކޮންމެ ގައުމަކަށް އަންނަނީ އެ ގައުމެއްގެ ރައްޔިތުންނަށް ކަމުދާނެ ރަހަތަކާ އެކުގައެވެ. އެ ގައުމުގެ ރައްޔިތުން އެދޭނެ ފަދަ ގޮތަކަށެވެ.

ދިވެހީންނަށްޓަކައި ބަރިސްޓާގެ ސާވިސް ކޮންސެޕްޓް ވަގުތުން ވަނީ ބަދަލުކޮށްފައި -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ބަރިސްޓާއިން އާންމު ގޮތެއްގައި ސާވިސް ދެނީ މުވައްޒަފުން ކައުންޓަރުގެ ފަހަތުގައި ތިބެގެންނެވެ. މާނައަކީ، ކަސްޓަމަރުން ކެފޭއަށް އައިސް އިށީންނަން ޖެހޭނީ ކައުންޓަރުގައި އޯޑަރު ދިނުމަށްފަހުއެވެ. ބަރިސްޓާ މޯލްޑިވްސްއިން ދިވެހީންނަށް ޚިދުމަތް ދިނުމަށް ތައްޔާރުވީ ވެސް އެގޮތަށެވެ.

"އަސްލު ކޮންސެޕްޓަކީ އެއީ. އޯޑަރު ކުރަންޖެހޭނީ ކައުންޓަރުގައި. ދެން އެ ރެޑީ ވީމަ ސާވް ކޮށްދޭނެ. އަޅުގަނޑުމެން ބޭރުން ގެނައި މުވައްޒަފުންވެސް ޓްރެއިންކޮށްފައި ތިބީ އެފަދައިން،"

ފުރަތަމަ ދުވަހު ހެނދުނު ބްރެކްފާސްޓަށް މީހުން އައިސް އިށީނދެ ތިބީ ބައި ގަޑިއިރު ވަރު ވަންދެން. ކަސްޓަމަރުން ކޮންފިއުޒްވީ އަޅުގަނޑުމެން ޓޭބަލް-ޓު-ޓޭބަލް ސާވިސް ނުދޭކަން،" ވަދީފް ވިދާޅުވިއެވެ.

އެހެންކަމުން، ވަގުތުން ބަރިސްޓާ މޯލްޑިވްސްގެ ސާވިސް ކޮންސެޕްޓް ބަދަލުކޮށްލީއެވެ. މިހާރު ބަރިސްޓާއަކީ ޓޭބަލް-ޓު-ޓޭބަލް ސާވިސް ދޭ ތަނެކެވެ.

ދިވެހި ރަހަތަކާއި ހިތްގައިމު މާހައުލެއް

ފިނި އަދި ހޫނު ކޮފީއާއި، މޮހީޓޯއާއި، ޑެސާޓްތަކުގެ އިތުރުން ލުއި ކެއުންތަކާއި، ކޮންމެ ވަގުތަކަށް ވެސް ކަމުދާ މީލްސް ބަރިސްޓާގައި ހުރެއެވެ. އެންމެ ފާހަގަކޮށްލެވެނީ، ހެނދުނުގެ ނާސްތާއަށް ހުންނަ ޑިޝްތަކެވެ. ބަރިސްޓާގައި ރޮށްޓާއި، ޑިސްކާއި މަސްހުނި ވެސް ހިމެނޭ ގޮތަށް ދިވެހިވަންތަ ނާސްތާ ލިބެއެވެ.

ބަރިސްޓާ މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރު ވަދީފް ހަސަން ސައީދު -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ބަރިސްޓާގައި ވަނީ ހިތްގައިމު މާހައުލެކެވެ. އިންޑޯގައި އަރާމު ގޮނޑިތައް ބަހައްޓާފައިވާ އިރު، އަމިއްލަ ގޭގައި ހުރެވޭ ފަދަ "ކޯޒީ" އިހުސާސެއް ކުރެވެއެވެ. އޯޕަން އެއާ އޭރިއާއަށް މާލޭގެ އުތުރުކޮޅަށް ފޯރާ ފުރަތަމަ ވައިރޯޅުތަކުގެ އިހުސާސްވެސް ކުރެވެއެވެ.

"ކޮންމެ ބޭފުޅަކަށްވެސް ގަބޫލު ކުރެވެން ވާނީ އަމިއްލަ ގޭގައި ތިބެގެން ކޮފީ ބޮވެނީއޭ. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ،" ވަދީފް ވިދާޅުވިއެވެ.

ބަރިސްޓާގައި ސާވްކުރާ ބައެއް ބުއިންތައް -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހަތަރު އެކުވެރިންގެ ފަރާތުން ބޮޑު ހަދިޔާއެއް

ބައިނަލްއަގުވާމީ ކޮފީ ޗެއިން ބަރިސްޓާ ރާއްޖެއަށް ގެނެސްދިނީ ވަދީފްއާއި އޭނާގެ ތިން އެކުވެރިންނެވެ. އުމުރުން 26 އަހަރުގެ ހަތަރު ޒުވާނުންނަކީ ފެށުނީއްސުރެ އެކުގައި އުޅުނު ހަތަރު މީހުންނެވެ.

"ރަހުމަތްތެރިކަމުން ފެށުނު ވެންޗާއެއް މިއީ. އެއް ގޯލަކަށް އެންމެންވެސް މަސައްކަތްކޮށް، އެއް ވިސްނުމަކުން ވިސްނަނީ ހުރިހާ ކަމެއްގައިވެސް. މާކެޓުގައި ނެތް، ތަފާތު ކްރިއޭޓިވް ކަންކަން ކުރަން އަބަދުވެސް ބޭނުންވަނީ،"

ބަރިސްޓާގެ އެންމެ މަގުބޫލު އެއް ޑިޒާޓް "ކީ ލައިމް ޕައި އިން އަ ޖާ" -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފްރެންޗައިޒެއް ގެނައުމަކީ ބޮޑު، ބުރަ މަސައްކަތެއް. އަޅުގަނޑުމެން ބަރިސްޓާއާ ވާހަކަ ދައްކަމުން ދިޔަ އިރު އެހެން ދިވެހި ކުންފުނިތަކުންވެސް ދިޔައީ މި މަސައްކަތް ކުރަމުން. އެކަމަކު އަޅުގަނޑުމެން ބޭނުްނވީ ބަރިސްޓާ ގެންނަން. އެންމެން އެކުގއި މަސައްކަތް ކޮށްގެން އެގޮތުގައި ކުރިޔަށް ދިޔައީ،" ވަދީފް ވިދާޅުވިއެވެ.

އެކަމުގެ ނަތީޖާގެ ފޮނިކަން މި ލިބުނީ ދިވެހީންނަށް، މާލޭގައި ބައިނަލްއަގުވާމީ ކޮފީ ފްރެންޗައިޒެއްގެ ކޮފީ ހެޔޮ އަގުގައި ލިބޭނެ މަގު ތަނަވަސްވެގެންނެވެ.

comment ކޮމެންޓް