ސުކޫލު ދައުރުން ފެށިގެން އޭނާ އެންމެ ފުރަތަމަ ވެސް ޝައުގުވެރިވީ އާޓުގެ ދާއިރާއަށެވެ. އޭނާގެ ހުވަފެނުގައި ކުލަ ޖައްސަން ފެށީ ތަފާތު ކުރެހުންތައް ކުރަހައިގެނެވެ. ކުރެހުންތައް ކުރަހަމުން ގޮސް އާޓުގެ ދާއިރާއާ ގުޅޭ އެހެނިހެން ކަންކަމަށް ވެސް އޭނާގެ ޝައުގު އަތުލައިފިއެވެ. ފަހަރު ކަމެއް ތަޖުރިބާކުރަން ފެށުނެވެ.
މިއީ 22 އަހަރުގެ އަހުމަދު އަހްޒަމް ނަސީމް (ފިން)ގެ އާޓުގެ ދުނިޔޭގެ ވާހަކައެވެ. ޕްރައިމަރީ ގްރޭޑުތަކުން ފަށައިގެން ސުކޫލުގައި ވެސް އެހެނިހެން މާއްދާތަކަށް ވުރެ ފިންއަށް އިސްކަން ދެވުނީ އާޓުގެ މާއްދާއަށެވެ. މި ދާއިރާގައި އެކި ކަންކަން ތަޖުރިބާ ކުރަން ފިން ފެށި އެ ދަތުރުގައި އަދި ވެސް ދެގޮތެއް ނުވެ ދަނީ ކުރިއަށެވެ.

ފިން ބައިވެރިވި އެގްޒިބިޝަނެއްގެ ގަދަ ދިހައެއްގައި ހިމެނުން ---
މި ދާއިރާއަށް ހިތުގައި އޮތް ލޯއްބެއްގެ ބޮޑުކަމުން އެންމެ ފުރަތަމަ ފިން ފެށީ ކެންވަސްތަކުގައި އެކްރިލިކް ޕެއިންޓު ބޭނުންކޮށްގެން ކުރެހުމުގެ މަސައްކަތެވެ. އެކަމުގެ ތެރެއިން ދެން އޭނާ ފެށީ ސްކެޗް ކުރާށެވެ. އޭގެފަހުން، އެކި އެއްޗިހި ބޭނުންކޮށްގެން ކްރާފްޓުގެ މަސައްކަތް ކުރަން ފެށިއެވެ. އޭގެތެރޭގައި، ކްލޭ ބޭނުންކޮށްގެން ހަދާ ތަކެތި ވެސް ހިމެނެއެވެ.

ފިން ހަދާފައި އިން މާބޮނޑިއެއް ---
އެކަމުގެ ތެރޭގައި އުޅެނިކޮށް، ދެން ފިންއަށް ވަދެވުނީ ވޫލް ބޭނުންކޮށްގެން ވިޔުމުގެ މަސައްކަތަށެވެ. މިހާބައިވަރު ކަންތައް ކުރާތީ، އެންމެ ގަޔާވަނީ ކޮން ކަމެއް ތޯ ސުވާލުކޮށްލީމެވެ.
"އިޓްސް ރިއަލީ ހާޑު ޓު ޗޫސް. ކްރެޗޭ ކުރަން ފެށިފަހުން ކްރޮޗޭއަށް ވަރަށް އިންޓްރެސްޓުހުރޭ. 2023 އިން ފެށިގެން ކްރޮޗޭ ކުރަމުން މި އަންނަނީ." ފިން ކިޔައިދިނެވެ.
އެއީ ކުރާ ހިތުން އެއް ދާއިރާގެ ގިނަ ކަންތައްތަކެއް ކުރާ ކޮންމެ މީހަކަށް ވެސް ދެބަސްނުވެވޭނެ ކަމެވެ. ކިތަންމެ ބުރަ ނަމަވެސް ޝައުގުވެރިވާ ކަމެއް ކުރަން އުޅެވޭނެއެވެ.

ފިން މި ކަވި މަސައްކަތްތައް ކޮންމެ މީހަކަށް ވެސް ވަރަށް ރީތިވާނެ ކަން ގައިމެވެ. ފިންގެ އުފެއްދުންތައް ގަންނަން ބޭނުންވާނެއެވެ. އެކަން ފިންގެ ޚިޔާލަށް އައި ހިސާބުން އެ ޗާލު މަސައްކަތްތައް ދައްކާލަން 'ފިންއެކްސް ކްރިއޭޓް'ގެ ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ހުޅުވިއެވެ. އެ އެކައުންޓުގެ ސްޓޯރީތަކާ ޕޯސްޓުތައް މެދުވެރިކޮށް އޭނާގެ މަސައްކަތް އިޝްތިހާރު ކުރަން އަތުކުރި އޮޅާލިއެވެ. އަގަށް އޯޑަރުތައް ނަގައިގެން ވިޔަފާރިއެއް ފެށިއެވެ.

ކްލޭ އިން ފިން ހަދާފައި ހުރި އުފެއްދުންތަކެއް ----
އޭނާ ބުނީ، އުފެއްދުންތަކުގެ އަގު ކަނޑައަޅަނީ މަސައްކަތުގެ ބުރަ ކަމާއި ހުނަރަށް ބެލުމަށް ފަހުގައި ކަމަށެވެ. އެކަން ދިވެހި އެހެން އާޓިސްޓުންގެ ތެރޭގައި ވެސް އޮތްކަން ފިން ފާހަގަކުރިއެވެ.
އެކި އެއްޗެހި ބޭނުންކޮގެން ފިން މި ތަކެތި އުފައްދަމުން އައީ އޭނާގެ ހުރި ހުނަރާއި އެ މަސައްކަތެއްގެ ތެރެއިން ކަންކަން ދަސްކޮށްގެނެއެވެ. އެކަމަކު، ފިން އުންމީދަކީ މި މަސައްކަތް އިތުރަށް ކިޔަވައިގެން ކުރިއަށް ދިޔުމެވެ.

"އަސްލު އާޓަކީ ވަރަށް ކިޔަވާ ހިތްވާ އެއްޗެއް. ފިން އެއްވެސް ގޮތަކަށް އާޓު ކިޔަވައިގެނެއް ނޫން މިހާ ހަމައަށް އައިއްސަ މިހުރީ. ހަމަ ލާނިން އޮންދަ އިންޓަނެޓް، ޔޫޓިއުބް، ލޮޓްސް އޮފް ފްރީ ސައިޓްސް މިހާރު ބޭނުންކޮށްލެވޭ. ދެން އެކަހަލަ ސައިޓްތަކާ އެއްޗެހި ބޭނުންކޮށްގެން ފިން ހަމަ ދަސްކުރަނީ. އެކަމަކު، މުސްތަގުބަލުގައި އެބަ ވިސްނަން ޕްރޮފެޝަނަލްކޮށް އާޓް ކިޔަވަން,"
އެހެން ކުރެހުންތެރިންނެކޭ އެއްގޮތަށް ފިންއަށް ވެސް އުފެއްދުންތައް ހަދަން ބޭނުންވާ ތަކެތި ރާއްޖޭން ހޯދަން ދަތިތަކާ ކުރިމަތިވެއެވެ.

ކޭކެއްގެ ބައްޓަމަށް ފިން ވިޔެފައި އިން ޓިޝޫ ބޮނޑިއެއް ----
ބައެއް ފަހަރަށް ރާއްޖޭން އެތަކެތި ލިބުނު ކަމަށްވިޔަސް ލިބެނީ ވަރަށް އަގު ބޮޑު ކޮށެވެ. އެހެންވެ، ފިން މިހާރު އޭނާގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަންނަނީ އޮންލައިންކޮށް ރާއްޖޭން ބޭރުންނެވެ. އެހެން ގަތުމުން މާ އަގު ހެޔޮ ކޮށް ލިބޭ ކަމަށް ފިން ބުންޏެވެ.
އެއާއެކު، ފިން ބުނީ، އޭނާ އެންމެ ޝައުގުވެރި ވަނީ އެކި ޚިޔާލުތައް ބޭނުންކޮށްގެން ހަދާ ކުރެހުންތަކަށް ކަމަށެވެ. އެންމެ ރީތިކޮށް، އޭނާއަށް ކުރެވެނީ ވެސް މިކަހަލަ މަސައްކަތެވެ. މި މަސައްކަތްތައް ދައްކާލުމަށް ފިން އެގްޒިބިޝަންތަކުގައި ބައިވެރިވިއެވެ. އޭގެން އެގްޒިބިޝަނެއްގެ ގަދަ ދިހައެއްގައި ވެސް އޭނާ ހިމެނުނެވެ. ކުރިއަށް އޮތް ތަނުގައި ވެސް އިތުރު އެގްޒިބިޝަންތަކުގައި ބައިވެރިވެ، ހުނަރު ދައްކާލަން އޭނާ ބޭނުންވެއެވެ.

ފިން ހެދި ގަހެއް ----
މުސްތަގްބަލުގައި އޭނާގެ އުންމީދަކީ މި މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް އެ މަސައްކަތް ދަސްކޮށްދިނުމެވެ.
ފިންގެ މި މަސައްކަތަކީ ޒުވާން އާޓިސްޓުންނަށް ކުރިއަށް ދާން ކޮށައިދެވޭ މަގެކެވެ. ޒުވާން އުމުރުގައި ވެސް ގިނަ ކަންތައްތަކެއް ކުރެވިދާނެކަން ސާބިތުކޮށްދޭ މިސާލެވެ. ކުރަން ބޭނުންވާ ކަންތައްތަކެއް ކޮށްގެން ވެސް ކާމިޔާބު ހޯދިދާނެ ކަމުގެ ހެއްކެކެވެ. އެއީ، ކިތަންމެ ބުރަ ކަމެއް ވިޔަސް ކުރެވޭނެކަމެވެ.