ރާއްޖޭގައި އިންޝުއަރަންސްގެ ދާއިރާ، މިވީހާ ދުވަހުވެސް ނެތީ މުޅިން ދިވެހީން ހިއްސާވާ އަމިއްލަ ކުންފުންޏެކެވެ. މުޅިންވެސް އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭރުގެ ކުންފުނިތައް އެކަނި ހިއްސާވާ މާކެޓެކެވެ. މިކަމަށް ނިމުމެއް އައީ ދިވެހީންތަކެއް ގުޅިގެން އުފެއްދި، ރާއްޖޭގެ ފުރަތަމަ 100 ޕަސަންޓު ދިވެހީން ހިއްސާވާ އިންޝުއަރަންސް ކުންފުންޏެވެ.
ސޮލަރެލް އިންޝުއަރަންސަށް އިންޝުއަރަންސް ޚިދުމަތް ދިނުމުގެ ލައިސަންސް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ލިބުނު އިރު، އެކުންފުނީގެ ވިޔަފާރި އޭގެ މަސް ދުވަސް ފަހުން ފަށައިގެންފިއެވެ.
ސަރުކާރާއި އަމިއްލަ ގިނަ ކުންފުނިތަކެއްގެ ބޮޑެތި މަގާމުތައް ފުރުއްވާފައިވާ ވިޔަފާރީގެ ތަޖުރިބާކާރު ބަންދު އިބްރާހީމް ސަލީމްގެ ޗެއާމަންކަމުގެ ދަށުގައި ހިންގާ ސޮލަރެލް އިންޝުއަރަންސް ކުންފުނީގެ ވިޔަފާރިއަށް އެއް އަހަރު ދުވަސް ފުރުމާ ދިމާލަށް ދާއިރު، އެކުންފުނީގެ އަމާޒު ހުރީ ބައިނަލްއަގުވާމީ ފެންވަރުގެ ޚިދުމަތްތަކެއް ދިނުމަށެވެ.
ސޮލަރެލް އިންޝުއަރަންސްގެ ސީއީއޯ މުހައްމަދު އަހުމަދު ވިދާޅުވި ގޮތުގައި، ސޮލަރެލްގެ އިންޝުއަރަންސް ޚިދުމަތްތަކަކީ މިހާރުވެސް ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެކެވެ. އެކުންފުނިން ބޭނުންވަނީ އިންޝުއަރަންސްގެ ދާއިރާއަށް ދިވެހި އަމިއްލަ ކުންފުނިތައް އަދިވެސް ވަނުމެވެ.
ތިރީގައި މިވަނީ ސޮލަރެލް އިންޝުއަރަންސް ކުންފުންޏާއި އެކުންފުނީގެ އަމާޒުތަކާ ގުޅޭގޮތުން، ކުންފުނީގެ ސީއީއޯ މުހައްމަދު އަހްމަދު "ސަން"އަށް ދެއްވި އިންޓަވިއުއެވެ.
ސޮލަރެލް އިންޝުއަރަންސަކީ އިންޝުއަރަންސް ވިޔަފާރީގެ ތެރެއަށް ވަން ފުރަތަމަ 100 ޕަސަންޓު ދިވެހި ޕްރައިވެޓް ކުންފުނި. މި ކުންފުނި އުފެދެން ޖެހުނީ ކިހިނެއްތޯ؟
"މި ކުންފުނި އުފެދިގެން އައީ މި ޚިދުމަތް ދޭ އަމިއްލަ ދިވެހި ކުންފުންޏެއް ނެތީމަ އެ އައިސްފައި އޮތް ހުސްކަން ފޫބެއްދުމުގެ ގޮތުން، މިތަނުގެ ހިއްސާދާރުން އެބޭފުޅުންގެ މެދުގައި މަޝްވަރާކޮށްގެން، ދިވެހި އިކޮނޮމީއަށް އެބޭފުޅުން ޚިދުމަތް ކުރެއްވުމުގެ މަގްސަދުގައި.
"އިންޝުއަރަންސް ސެކްޓަރގައި ޒަމާނުއްސުރެ ހަރަކާތްތެރިވަމުން އައިސްފައި ތިބީ ބޭރުގެ ކުންފުނިތައް. އޭގެ ފަހުން އެލައިޑް އިންޝުއަރަންސް ފުދޭވަރަކަށް ބޮޑު ރޯލެއް ކުޅެމުން ދިޔަ. އެހެން ނަމަވެސް ޕްރައިވެޓް ސެކްޓަރގެ ހިއްސާ ވަރަށް ކުޑަކޮށް އޮތީ. އެހެންވެ މި ސެކްޓަރއަށް ދިވެހީންގެ ވިޔަފާރިވެސް މީގެ ތެރެއަށް ވެއްދުމުގެ މަގްސަދުގައި މި ކުންފުނި އުފެއްދީ."
ސޮލަރެލްގެ ފަހުންވެސް ދިވެހި އަމިއްލަ އިންޝުއަރަންސް ކުންފުންޏެއް ވަނީ މި ވިޔަފާރިއަށް ވަދެފައި. އެހެންވީމަ ދިވެހީން މި ވިޔަފާރިއަށް ވެއްދުމަށް ތިބޭފުޅުން ބޭނުންވި މަގްސަދު ހާސިލުވާ ކަމަށް ގަބޫލު ކުރައްވަންތޯ؟
"އަޅުގަނޑުމެން ވަރަށް މަރުހަބާ ކިޔަން ދިވެހި ކުންފުންޏެއް އަޅުގަނޑުމެންގެ ފަހަތުން އެހާ އަވަހަށް އުފެދިގެން އައިކަން. ކުރިޔަށް އޮތް ތަނުގައި އަޅުގަނޑުމެން އެންމެންނަށް ދިވެހީން އިތުރު އިންޝުއަރަންސް ކުންފުނިތައް މި ދާއިރާއަށް ވަދެ، މި ދާއިރާގައި ދިވެހިންގެ ރޯލު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރަން. ތަބީއީ ގޮތުން މިގޮތަށް ކަން ހިނގަން ވާނީވެސް."
ސޮލަރެލްގެ ޚިދުމަތް ދޭންފެށިތާ މިހާރު އަހަރެއްހާ ދުވަސް ވާން ގާތް ވެއްޖެ. މިހިނގާ ފުރަތަމަ އަހަރު ތެރޭގައި ސޮލަރެލްގެ ވިޔަފާރިއާއި ކަސްޓަމަރ ބޭސް ކިހިނެއްތޯ؟
"ވިޔަފާރިއާއި ކަސްޓަމަރ ބޭސް، އަޅުގަނޑުމެން ފޯކާސްޓް ކުރި ވަރަށް ވުރެވެސް މާ ރަނގަޅަށް ދިޔައީ. އޭގެން ދައްކައިދެނީ ދިވެހި ވިޔަފާރިވެރިިން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިތަކުން، ދިވެހި އިންޝުއަރަންސް ކުންފުނިތަކަށް ދޭން ބޭނުންވާ ތަރުހީބު. އެ ތަރުހީބަށް މޯޅިކަމެއް ނައިސް އަދިވެސް ދަނީ ކުރިޔަށް. ދިވެހި ކުންފުނިތައް ގިނަވި ވަރަކަށް އެބައި ދާނީ ފުޅާވަމުން."
އިންޝުއަރަންސް ވިޔަފާރީގެ ތެރެއަށްް ސޮލަރެލް ވަނުމަށް ކޮން ކަހަލަ ގޮންޖެހުންތަކެއްތޯ ކުރިމަތިވީ؟
"ދެތިން ވައްތަރުގެ ގޮންޖެހުންތަކެއް ހުރި. އެއްކަމަކީ ފިޒިކަލް ފެސިލިޓީސް ސެޓްއަޕް ކުރުން. ފައިސާ ޚަރަދުކުރަންޏަ ކުރެވިދާނެ، އެކަމަކު އަލަށް ފަށާ ބަޔަކަށް އިގްތިސާދީ ކޮށް، ފަސޭހަ ރޭޓުތަކެއްގައި ނޫން މާކެޓުގައި އެކަންކަން ހުރީ.
"ދެވަނައަށް ދިމާވި ޗެލެންޖަކީ މިކަމަށް ބޭނުންވާ މީސްމީހުން، ދިވެހި ރައްޔިތުން މަދުކަން. އަޅުގަނޑުމެން ފަށައިގަތް ފުރަތަމަ ކުންފުނި ވީމާ އެހާ ބޮޑެތި ދަތިތަކެއް ހުރިއެކޭ ނޫން. އަޅުގަނޑުމެން ބޭނުންވި ވަރަށް ކޮލިފައިޑް މުވައްޒަފުން ލިބުނު. އަލަށް ފަށާ ބަޔަކަށް އެހާ ފަސޭހަނުވެ ހިނގައިދާނެ. އެކަމަކު މިއީ މިހެން ދައްކާލާފައި ހުއްޓާލަންވީ ވާހަކައެއް ނޫން. އެންމެންވެގެން މީހުން ތައްޔާރުކުރަންވީ މި ދާއިރާއަށް.
"ތިންވަނަ ކަމަކަށް ދިމާވި ޗެލެންޖަކީ، އަލަށް ފަށައިގަންނަ އިންޝުއަރަންސް ކުންފުންޏަކާ އެއްކޮށް މީހުން ވިޔަފާރިކުރުމަށް ކިހާ ވަރަކަށް ކޮންވިންސްޑްތޯ ބެލުން. އަޅުގަނޑުމެންނާ އެއްކޮށް މި ވިޔަފާރިއަށް ވަދެގެން އަންނާނެ ހީނަރުކަމެއް ނެތްކަން ވިސްނައިދިނުމަށް އަޅުގަނޑުމެން ދެގުނަ ތިންގުނައަށް އިތުރަށް މަސައްކަތް ކުރުމަކި ފުދޭވަރެއްގެ ބޮޑު ޗެލެންޖެއް. އެ މަރުހަލާ އަޅުގަނޑުމެން ހުރަސް ކޮށްފީމު."
ރާއްޖޭގައި އިންޝުއަރަންސް ދާއިރާގައި ބޭރުގެ ކުންފުނިތަކެއް އެބަހުރި. ބޭރުގެ ކުންފުނިތައް ހުރުމާ މެދު ދެކެނީ ކިހިނެއްތޯ؟
"އެކުންފުނިތައް އޮޕަރޭޓު ކުރުމަކީ މި އިންޑަސްޓްރީ ޑިވެލޮޕްވެގެން އަންނަން އެޅޭ ވަރަށް ބޮޑު ބާރެއް. އިންޝުއަރަންސް އެކަންޏެއް ނޫން. އެހެން ވިޔަފާރިތަކުންވެސް. މިސާލަކަށް ކުޅިވަރުގެ ދާއިރާގައި، ރާއްޖޭގެ މީހުން ހިމެނޭ ރާއްޖޭގެ ޓީމުތަކުން ކުޅެކުޅެ ހުއްޓަސް ތަރައްގީއެއް ނައިސްފާނެ. ރަނގަޅަށް ޓްރެއިންވެފައި ހުރި ޓީމަކާ ބައްދަލުވީމާ އެނގޭނީ ކިހާވަރެއްގެ ކަމެއްކަން. އެކަން އޮތީ ހަމަ އެގޮތަށް މި ވިޔަފާރީގައިވެސް. ބޭރުގެ ކުންފުނިތައް ހަރަކާތްތެރިވުމަކީ ޚިދުމަތް ދިނުމަށް އެޅޭ ވަރަށް ބޮޑު ބާރެއް.
މިހާރު ސޮލަރެލްއިން ކޮން ކަހަލަ އިންޝުއަރަންސް ޕްލޭންތަކެއްތޯ އޮފަރ ކުރަނީ؟
"ލައިފް އިންޝުއަރަންސް އަދި ތަކަފުލް ނުހިމެނި، ޖެނެރަލް އިންޝުއަރަންސްގައި ހިމެނޭ އެހެން ހުރިހާ ވައްތަރެއްގެ އިންޝުއަރަންސް މިކުންފުނިން ދެން."
ސޮލަރެލްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ ހުސައިން ރަޒީން:
"ޖެނެރަލްކޮށް ހުރިހާ ޕްރޮޑަކްޓެއް ގެންގުޅެން. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މާވަޑިޔާ ކިޔާ ޕްރޮޑަކްޓެއް، ބިލްޑާސްއަށް ޕްރޮޑަކްޓެއް ތައާރަފުކުރިން. މީގެ މަހެއް ވަރު ކުރިން އަޅުގަނޑުމެން މޮޓޯ އިންޝުއަރަންސް ޕްރޮޑަކްޓެއް. ތާޑް ޕާޓީ ޕްލަސް، ކަމެއް ދިމާވެއްޖެ ނަމަ ޑްރައިވަރަށް މެޑިކަލް އިންޝުއަރަންސެއް ލާފައި އޮންނަ ޕްރޮޑަކްޓެއް. އޭގެ އިތުރުން ޖެނެރަލް ހުރިހާ ޕްރޮޑަކްޓްސް އެބައުޅޭ. މިސާލަކަށް ފަޔާ އިންޝުއަރަންސް، އިންޑަސްޓްރިއަލް ޕްރޮޑަކްޓްސް."
މިއަހަރުގެ ތެރޭގައި ސޮލަރެލްއިން ކުރުމަށް ރާވާފައިވާ ކަންތައްތަކަކީ ކޮބައިތޯ؟
"ސަރުކާރުން މެންޑޭޓުކޮށްފައި އޮތް ހަލް އިންޝުއަރަންސް. ކަނޑުގައި ދުއްވާ ހުރިހާ އުޅަނދެއް އިންޝުއާކުރުމުގެ ރިކުއަމެންޓް. މިކަން ކާމިޔާބުކުރުމަށް އަޅުގަނޑުމެން ބައިވެރިވެ، އޮޑިވެރިންނަށް ލުއިފަސޭހަ ގޮތަކަށް މި ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދީގެން ކުރިޔަށް ގެންދިއުމަކީ މިއަހަރުގެ އެންމެ ބޮޑު ޓާގެޓަކީ. މި ޓާގެޓް ހާސިލުކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ" ކުންފުނީގެ ސީއީއޯ މުހައްމަދު އަހްމަދު ވިދާޅުވިއެވެ.
ސޮލަރެލް އިންޝުއަރަންސްގެ ޗެއާމަން ބަންދު އިބްރާހީމް ސަލީމަކީ ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ވަރަށް ތަޖުރިބާކާރު ބޭފުޅެއް. ކުންފުނީގެ ވެރިއެއްގެ ގޮތުގައި ސަލީމް ހުރުމަކީ ކުންފުންޏަށް ކިހާވަރެއްގެ ރައުސްމާލެއްތޯ؟
"ކުންފުންޏަކަށް ލިބޭނެ ދެ ވައްތަރުގެ ރައުސްމާލު. އެއީ ފައިސާގެ ރައުސްމާލާއި، ނޯ-ހައު އަދި އެކްސްޕީރިއެންސްގެ ރައުސްމާލު. އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑުމެންގެ ހިއްސާދާރުންގެ ތެރޭގައި، މި ދެންނެވި ރައުސްމާލު މަދު ބަޔަކަށް ނޫނީ އެކަން އެވެއިލަބަލް ނުވާހެނެއް. ބަންދު ސަލީމުގެ އިތުރުން އަޅުގަނޑުމެންގެ އެހެން ހިއްސާދާރުންގެ ތަޖުރިބާއާއި ކޮންޓެކްސް ނުލައި މިކަހަލަ ވިޔަފާރިއެއް ފަށައި، ކާމިޔާބުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ.