އެޗްޕީއޭގެ އިރުޝާދާއެކު އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވަނީ

ސްވައިން ފްލޫއާ ގުޅިގެން ސްކޫލްތަކުގައި ކިޔަވައިދިނުން މެދުކަނޑާލުމަށް ފަހު އަންނަ އާދީއްތަ ދުވަހު އަލުން ސްކޫލްތައް ހުޅުވާނެ --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ސްވައިން ފްލޫ ނުވަތަ އެޗްވަންއެންވަން ވައިރަަސް ފެތުރެމުންދާތީ، ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު، އަންނަ ހަފްތާގެ އާދީއްތަ ދުވަހު އަލުން ސްކޫލްތައް ހުޅުވާނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ހަލުއިކަމާއެކު އެޗްވަންއެންވަން ރޯގާ ފެތުރޭން ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ، މާޗް 14 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކޮށްފައެވެ. އަދި ޖެހިގެން އައި ހަފްތާއަކީ ސްކޫލުތަކުގެ މިޑްޓާމް ބްރޭކެވެ. މިޑްޓާމް ބްރޭކް ނިމުމާއެކު މިހަފްތާގައި ސްކޫލްތައް ހުޅުވި ނަމަވެސް ގިނަ ދަރިވަރުންތަކެއް ކްލާސްތަކަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ރޯގާގެ ކަންތައް ރަނގަޅުވަންދެން މިނިސްޓްރީން ވަނީ މިދިޔަ އަންގާރަ ދުވަހު އަނެއްކާވެސް ކިޔަވައިދިނުން މެދުކަނޑާލައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "މާލެއާއި ބައެއް އަތޮޅުތަކުގައި ފެތުރެމުން ދިޔަ ރޯގާއާ ގުޅިގެން 2017 މާރިޗް 28ގައި މެދުކަނޑާލެވުނު ސްކޫލް މަދަރުސާތަކުގެ ކިޔެވުން، އަލުން ފެށުން ރަނގަޅުކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިރުޝާދު ދެއްވާފައި،" ކަމަށެވެ.

"ވުމާއެކު 2017 އޭޕްރީލް 2 ވާ އާދީއްތަ ދުވަހު ރާއްޖޭގެ ސްކޫލް މަދަރުސާ ތަކުގެ ކިޔެވުން ފަށަން، މި މިނިސްޓްރީން ނިންމި ވާހަކަ އާންމުކޮށް އިއުލާނުކުރަމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެޑިއުކޭޝަނުން ބުނީ، ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް، މިފަދަ ކަންކަމާ ގުޅިގެން ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ގެއްލޭ ފިލާވަޅުތައް ފޯރުކޮށްދިނުުގެ އިންތިޒާމްތައް، މިއަހަރުވެސް ސްކޫލްތަކުން ހަމަޖައްސާނޭ ކަމަށެވެ.

ސްކޫލްތަކުގެ ވެރީންނާއި މުދައްރިސުންނާއި ބެލެނިވެރީންގެ ފަރާތުން ދަރިވަރުންގެ ކިޔެވުމާއި ތަރުބިއްޔަތަށް ލިބޭ އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީން ވަނީ ޝުކުރުއަދާކޮށްފައެވެ.

comment ކޮމެންޓް