24 ގަޑިއިރަށް ފަހު، މަޑުވައްރީއަށް ކަރަންޓު ދީފި

މަޑުއްވަރީ ފަޅުގައި ދޯނި ފަހަރު އަޅައި ފަޅުފުރިފައި -- ފޮޓޯ/ އަހުމަދު އަހުޝަމް

އިއްޔެ ހެނދުނު ރ. މަޑުއްވަރީން ކަރަންޓް ދިއުމަށްފަހު އެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ފަހު މިއަދު ހަވީރު މުޅި ރަށަށް ކަރަންޓް ދީފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުން އަންނަ މަޑުއްވަރީ އިންޖީނުގޭގައި ބޭނުން ކުރަމުންދާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އިއްޔެ ހެދުނުން ފެށިގެން އެ ރަށަށް ކަރުންޓް ދެމުން އައީ އެއް ޖަނަރޭޓަރުންނެވެ.

މައްސަލަ ޖެހުނީ އެންމެ ބޮޑު ޖަނަރޭޓަރު (250 ކިލޯގެ ޖަނަރޭޓަރު) އާއި 160 ކިލޯގެ ޖަނަރޭޓަރަށެވެ. އިއްޔެ އިން ފެށިގެން ކަރަންޓު ދެމުން ދިޔައީ 128 ކިލޯގެ އޖަނަރޭޓަރުންނެވެ. އޭގެން ކަރަންޓު ދެވެނީ ކޮންމެ ދެގަޑިއިރަކަށް ފަހަރަކު 40 ގެއަށެވެ. މަޑުއްވަރީގައި ޖުމްލަ 398 ގެ ހުރެ އެވެ.

'ސަން' އާ ވާހަކަ ދައްކަމުން މަޑުއްވަރީ ކައުންސިލްގެ ރައީސް ހަސަން އަބްދުއްރަހީމް ވިދާޅުވީ މައްސަލަ ދިމާވި ދެ ޖަނަރޭޓަރު މަރާމަތު ކުރުމަށްފަހު މިއަދު ހަވީރު 4:30 ގައި މުޅި ރަށަށް ކަރަންޓް ދީފައިވާނެ ކަމަށެވެ.

"މުޅިއަކުން އަދި ވެސް އެ ދެ ޖަނަރޭޓަރު ރަނގަޅަކަށް މަސަތްކަތެއް ނުކުރޭ. ނަމަވެސް މިހާރު އެ ވަނީ މިވަގުތައް މައްސަލަ ހައްލުކޮށް ކަރަންޓް ދީފައި،" ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2300 މީހުން ދިރުއުޅެމުންދާ އެ ރަށުގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ 300 ނުވަތަ 400 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ލިބިގެން ކަމަށާއި ކަމާބެހޭ ފަރާތްތަކަށް އެކަން ދަންނަވާފައި ވާނެ ކަމަށެވެ.

ސައުވީސް ގަޑިއިރަށް ވުރެން ގިނަ އިރަށް މަޑުއްވަރީ ރައްޔިތުން ކަރަންޓާ ނުލާ އުޅެފައިވާއިރު މިއަދު އެ ރަށު ސުކޫލް ވެސް ވަނީ ބަންދުކޮށްފައެވެ. ސިއްހީ މަރުކަޒުގައި ބޭނޫންކޮށްފައި ވަނީ އެ ތަނުގައި ހުރި ބެކަޕް ޖަނަރޭޓަރެކެވެ. އަދި ކައުންސިލް އިދާރާ ހުޅުވި ނަމަވެސް ކަރަންޓް ނެތުމުގެ ސަބަބުން ހިދުމަތް ދެވިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް