އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ފެނަކަ ކޯޕަރޭޝަނާ މިއަދު ބައްދަލުކޮށްފިއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑޭތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާކަމަށް އެ ސިޓީގެ ކައުންސިލުން ރޭ ވަނީ ބުނެފައެވެ.
އައްޑުއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްފެމުން އަންނަ ފެނައިން މިއަދު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މޭޖާ (ރިޓަޔާރޑް) މުޙައްމަދު ނަޖާޙް އަދި ކުންފުނީގެ އިސްވެރިން، އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލީސް މެމްބަރުންނާ ބައްދަލުކޮށްފައި ވާކަމަށް ބުނެފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު އަޒާން މަރުޒޫޤާއި ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދާއި ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާޢީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި މި ބައްދަލު ކުރެއްވުމުގައި އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ޝުއާއު ރޭ ވިދާޅުވީ އައްޑޫ ސިޓީން ކަރަންޓުގެ ޚިދުމަތް އިރުއިރުކޮޅާ ކެނޑެމުންދާތާ މިހާރު ހަފުތާއަކަށްވުރެ ގިނަދުވަސް ވެފައި ވާކަމަށެވެ.
އޭނާ ވިދާޅުވީ ކަރަންޓު ދެމުންދާ ދެ އިންޖީނެއް ހަލާކުވުމުގެ ސަބަބުން ލޯޑް ނުހިފަހައްޓާތީ އެކި ސަރަހައްދުތަކަށް ބަހައިގެން ކަރަންޓު ދެމުންދާކަމަށެވެ. ޝުއާއު ވަނީ ހަލާކުވި ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު ފެނަކައިގެ މުވައްޒަފުން މަރާމާތު ކުރުމަށްފަހު އަނެއް އިންޖީނު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ޝުއާއު ވަނީ އެ މައްސަލަ ހައްލުނުވެ ހަފުތާއެއްވާއިރު ސަރުކާރުން ހަނު އޮތުމަކީ ހިތާމަކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ފެނަކައިން ރޭ ވަނީ މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް ކަރަންޓުގެ ޚިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އެ މައްސަލަ ހައްލުކުރުމަށްޓަކައި ޖެންސެޓަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ފެނަކައިން މިހާރުވެސް ކުރަމުން އަންނަ ކަމަށާއި ސްޕެއާ ޕާޓްސް ލިބި އެއް ޖެންސެޓުގެ މައްސަލަ މިއަދު ހައްލުކުރެވޭނެ ކަމަށް ފެނަކައިން ރޭ ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ އިތުރުން ފެނުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަ ވެސް ދޭތެރެއަކުން ދިމާވެއެވެ.