މަޑުވައްރީގައި ކަރަންޓު ނެތްތާ ދެ ދުވަސް، ސްކޫލާއި އޮފީސްތައް ބަންދުކޮށްފި

ރ. މަޑުއްވަރި: އެރަށުން ކަރަންޓް ކެނޑޭ މައްސަލަ ވަނީ ބޮޑުވެފައި -- ފައިލް ފޮޓޯ

މަޑުއްވަރިއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވެ، ކަރަންޓް ކެނޑުނުތާ ދެ ދުވަސްވެ، ސްކޫލާއި ރަށުގެ ސަރުކާރު އޮފީސްތައް ބަންދުކޮށްފި އެވެ.

ރަށުގައި ވިޔަފާރިވެރިން ފުރިޖް ކޮށްގެން ގެންގުޅޭ މުދާ އެއްކޮށް ހަލާކުވެފައިވާ ކަމަށް މަޑުއްވަރީން 'ސަން' އާ ވާހަކަދެއްކި މީހަކު ބުންޏެވެ.

އެކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދަން 'ސަން' އިން މަސައްކަތް ކުރާތާ ދެދުވަސް ވެއްޖެ އެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގެ ޑިރެކްޓަރު އަހުމަދު ޝަރީފަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ކަރަންޓު ނެތުމުގެ ސަބަބުން އިއްޔެ މަޑުއްވަރީ ސްކޫލުގައި ކިޔަވައިދިނީ ސްކޫލު ގޯތިތެރޭ ގަސްތައް ދޮށަށް ކުދިން ނެރިގެނެވެ. މިއަދު ސުކޫލު ވެސް ވަނީ ބަންދުކޮށްފަ އެވެ.

މަޑުއްވަރީ ސްކޫލުގައި މަސައްކަތް ކުރާ ސުޕަވައިޒަރަކު ވިދާޅުވީ ސްކޫލު ބަންދު ކުރީ ކަރަންޓު ނެތުމުގެ ސަބަބުން ކިޔަވައިނުދެވޭނެތީ ކަމަށެވެ. އަދި ގޭގޭގައި ކަރަންޓު ނެތުމުން ކުދިންނަށް ސުކޫލަށް ދިޔުމަށް ދަތި ކަމަކަށް ވާތީ ކަމަށެވެ.

ރަށުގެ ސަރުކާރު އިދާރާތަކުގައި އެއްވެސް މަސައްކަތެއް ނުކުރެވޭ އިރު ސިއްހީ މަރުކަޒުގައި ކުޑަ ޖަނަރޭޓަރެއް ހިންގައިގެން ބަލި މީހުންނަށް ފަރުވާ ދެމުންދާ ކަމަށް އެރަށު މީހަކު ބުންޏެވެ.

މަޑުއްވަރީ ކައުންސިލުގެ ރައީސް ހަސަން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު އޮފީސްތަކުންނާއި ކައުންސިލް އިދާރާއިން ވެސް އެއްވެސް ހިދުމަތެއް ނުދެވޭ ކަމަށެވެ. "ފެނަކައިގެ މުވައްޒަފުންނާ ބައްދަލުކުރުމުން ކަރަންޓު ލިބޭނީ ކޮންއިރަކުކަން ބުނަން ދަތިކަމަށް ބުނެފައިވާ" ކަމަށް ހަސަން ވިދާޅުވި އެވެ.

"މިހާރު މިތާ ކައިރި ރަށަކުން ފިޔުލް ޕަމްޕެއް އިނޭ ބުނެގެން އެ ބަލާ ދިޔައީ، އޭތި މިރަށުގައި އިންނަ އިންޖީނާ ދިމާވިއްޔާ ފަހަރެއްގައި މިރެއަށް ކަރަންޓު ލިބިދާނެ ކަމަށް ބުނަނީ،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ރޭ އެއްކޮށް ރަށުގައި ކަރަންޓު ނެތްއިރު ގިނަ މީހުން ނިދާފައި ވަނީ ގޭން ބޭރު މަގުތަކުގައި ފަތްޖެހި އެނދުގައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ހޫނުވާތީ ކުޑަކުދީންނަށް ނުނިދިގެން އުޅޭ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ނަންް ހާމަ ނުކުރަން އެދި ވާހަކަ ދެއްކި ފެނަކައިގެ މުވައްޒަފަކު ބުނީ ހަލާކުވެފައި ވަނީ އެ ރަށުގައި ކަރަންޓު ދޭން ގެންގުޅޭ އެންމެ ބޮޑު އިންޖީނު (250 ކިލޯގެ އިންޖީނު) އާއި 160 ކިލޯގެ އިންޖީނު ކަމަށެވެ. އެދޭތީގެ ފިޔުލް ޕަމްޕު ފެއިލް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިހާރު ކަރަންޓު ދޭން ހުރީ 128 ގެ އިންޖީނެއް ކަމަށާއި އޭގެން ކަރަންޓު ދެވެނީ ކޮންމެ ދެގަޑިއިރަކަށް ފަހަރަކު 40 ގެއަށް ކަމަށް ވެސް އޭނާ ބުންޏެވެ. މަޑުއްވަރީގައި ޖުމްލަ 398 ގެ ހުރެ އެވެ. ރަށުގައި ޖުމްލަ 3500 މީހުން ދިރިއުޅޭއިރު އެންމެންގެ ޝަކުވާއަކީ ކަރަންޓު ލިބޭނެ ވަކި އިރެއް ނޭނގޭތީ އެވެ.

comment ކޮމެންޓް