ފުލޫއާ ގުޅިގެން ކަމާބެހޭ ފަރާތްތައް ކޮމެޓީއަށް ހާޒިރުކުރަނީ

މިދުވަސް ވަރު ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދައްކަން ކިޔު ހަދާފައި --- ފޮޓޯ/ ފަޔާޒު މޫސާ

ފެތުރެމުންދާ އިންފްލުއެންޒާ ރޯގާއާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅު އެޅެމުންދޭތޯ ޔަގީން ކުރުމަށް ހެލްތު މިނިސްޓްރީގެ ކަމާބެހޭ ފަރާތްތައް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މި މަހުގޭ 15 ވަނަ ދުވަހު، އެ މައްސަލަ ކޮމެޓީއަށް ހުށަހަޅުއްވާާފައި ވަނީ، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެވެ. އޭރު ހުށަހެޅި މައްސަލާގައި ރިޔާޒު ފާހަގަކޮށްފައި ވަނީ ސުވައިން ފްލޫ ޖެހިފައިވާ މީހަކު މަރުވެފައިވާ އިރު މާބަނޑު އަންހެނަކާއި ކުޑަކުއްޖެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ހަލުވިކަމާ އެކު ސުވައިން ފްލޫ ފެތުރެމުންދާ ދިޔުން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅާތޯ ބަލައިދިނުމަށެވެ.

މިއަދު ބޭއްވި އެ ކޮމެޓީއަށް ހެލްތު މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާއި ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯސް ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒެއިނާ އާދަމެވެ.

ރޮޒައިނާގެ ހުށަހެޅުމަށް އެ ކޮމެޓީއަށް ވަޑައިގެންނެވި ހުރިހާ މެމްބަރުން ވަނީ ތާއިދުކޮށްފައެވެ. އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރަނީ މާދަމާ ރޭ 8:30 ގައެވެ.

މިހާތަނަށް 199 މީހަކު ސްވައިން ފުލޫއަށް ޕޮޒިޓިވްވެފަ އެވެ. އަދި 35 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ.

comment ކޮމެންޓް