ފިނޭއާއި ނޮޅިވަރަންފަރުގެ މެޗުން ހަމަހަމަ ނިމުމެއް

މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ބުރުގައި ފިނޭއާއި ނޮޅިވަރަންފަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން --- ފޮޓޯ/ ޓީމް ނޮޅިވަރަންފަރު އެފްބީ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ. އަތޮޅު ބުރުގައި ފިނޭއާއި ނޮޅިވަރަންފަރު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހދ. ކުޅުދުއްފުށީގައި އިއްޔެ ހަވީރު ފިނޭއާއި ނޮޅިވަރަންފަރު ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. އެ މެޗަކީ ނޮޅިވަރަންފަރުގެ ފުރަތަމަ މެޗަށްވީއިރު، އެއީ ފިނޭ ކުޅުނު ދެވަނަ މެޗެވެ. ފިނޭ ކުޅުނު ފުރަތަމަ މެޗުގައި ނޮޅިވަރަމް އަތުން 5-3 ލަނޑުން ވަނީ ބަލިވެފައެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައީ އެންމެ ލަނޑެކެވެ. ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ފިނޭއަށް އެލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އާރިފްއެވެ. އެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ފިނޭ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ތިން ލަނޑު ފެނިގެންދިޔައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ނޮޅިވަރަންފަރަށް މުހައްމަދު ރިޔާޒް ނަތީޖާ ހަމަހަމަކޮށްދިންއިރު، މެޗުގެ 69 ވަނަ މިނެޓުގައި ފިނޭއަށް އަލުން ލީޑު ހޯދައިދިނީ އަބްދުﷲ ޝާމް ޝަރީފްއެވެ. ފިނޭއިން ލީޑު ހޯދިތާ މިނެޓެއްފަހުން ނޮޅިވަރަންފަރަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނީ ހުސައިން ނިޝާންއެވެ.

އެ މުބާރާތުގެ ހދ. އަތޮޅު ބުރު ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޅުދުއްފުށްޓާއި، ކުރިނބީ އަދި ކުމުންދޫއެވެ. ގްރޫޕް ދޭއްގައި ނޮޅިވަރަމްއާއި، ފިނޭ އަދި ނޮޅިވަރަންފަރު ހިމެނޭއިރު، ގްރޫޕް ތިނެއްގައި ހިމެނެނީ ހަނިމާދުއާއި، ނޭކުރެންދޫ އަދި ހިރިމަރަދޫއެވެ. އަތޮޅު ބުރުގެ ސެމީގައި ވާދަކުރާނީ ތިން ގްރޫޕުގެ އެއްވަނަ ހޯދާ ޓީމުތަކާއި ރަނަރަޕް ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމެވެ.

މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 81 ރަށަކުން ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ އަތޮޅު ބުރެވެ. އެ ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެއެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.

އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ބ. އޭދަފުށްޓެވެ. އެ ޓީމު އެ މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ތ. ތިމަރަފުށި 1-0 ލަނޑުން ބަލިކޮށްގެންނެވެ.

comment ކޮމެންޓް