މަސީހުގެ މައްސަލަ ދެން ހުށަހެޅިއަސް ފެއިލްކޮށްލާނަން، ރީކޯގެ ވޯޓް ވެސް ކާމިޔާބް ކުރާނަން: ނިހާނު

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ނިހާން(ވ) އާއި ޕީޕީއެމްގެ ބައެއް މެމްބަރުން ގާސިމް އިބްރާހިމްއާ ވާހަކަފުޅު ދައްކަވަނީ ---ސަން ފޮޓޯ/ ފަޔާޒު މޫސަ

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ފުލުފުލުގައި އިތުބާރު ނެތް ކަމުގެ މައްސަލަތައް ވެއްދި ނަމަވެސް އެ ގަރާރުތައް ފައިލް ކޮށްލާނެ ކަމަށް ޕީޕީއެމް އަދި އެމްޑީއޭ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް މިއަދު ނެގި ވޯޓް ގަބޫލު ނުކުރައްވާނެ ކަމަށް ބުނެ އަލުން އެ މައްސަލަ ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ހާމަކޮށްފައެވެ.

ނިހާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީގެ ނައިބް ރައީސް މޫސާ މަނިކް(ރީކޯ މޫސަ)ގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ވެސް ފެއިލް ކޮށްލާނެ ކަމަށާއި ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ ސްޓޭންޑަކީ މޫސަގެ އިތުބާރު އޮތް ކަމަށް ވޯޓް ދިނުން ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާއަށް ފަހު ނިހާނު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސަ

"ޖެހިޖެހިގެން ދުވާލަކު އެއްފަހަރު މި ގަރާރު ލިޔަސް ބޭގަރާރު ކޮށްލާނަން. މިގަރާރުތަކުން ދެންް ޖެހޭނީ ބޭގަރާރު." ނިހާނު ވިދާޅުވިއެވެ.

ޕީޕީއެމާއި އެމްޑީއޭގެ ޖޮއިންޓް ޕާލެމަންޓަރީ ގްރޫޕްގެ ސާފު އަގުލަބިއްޔަތު އަދިވެސް މަޖިލީހުގައި އޮތް ކަން ފާހަގަކޮށް ނިހާނު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް އެއްވެސް ކަމެއް ކާމިޔާބް ކުރެވިފައި ނުވާނެ ކަމަށާއި މުސްތަގްބަލްގައި ވެސް އެކަން އޮންނާނީ އެގޮތަށް ކަމަށެވެ.

ސާޅީސް އަށް މެމްބަރުންގެ އިއްތިފާގުން މަސީހު ވަކިކުރުމަށް މިއަދުގެ ޖަލްސާއިން ފާސްކޮށްފައިވާއިރު އެ ޖަލްސާގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރެއް ބައިވެރިވެފައެއް ނުވެއެވެ. 13 މެމްބަރެއްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުމުން ބޭރުކުރިއިރު އަނެއް 21 މެމްބަރުން ވަނީ މަޖިލިސް ދޫކޮށް ނިކުމެވަޑައިގެންފަ އެވެ.

"ނިމިދިޔަ މަޖިލީހުގައި ސިފައިން ވަނީ ޔުނީފޯމްގައި ވަދެ މެމްބަރުން ބޭރުކޮށްފައި. އޭރާ އަޅާ ބަލާއިރު މިއަދު ކަން ހިނގިގޮތް އަދި މާ ރީތި. މި މަޖިލީހުގެ ރިޔާސަތުން އެއްވެސް ކަމެއް އަލަކަށް އަދި ގާނޫނާއި ގަވާއިދުތަކާ ހިލާފަކަށް ނުހިންގާ،" ނިހާނު ވިދާޅުވިއެވެ.

comment ކޮމެންޓް