ރައީސް މައުމޫން ޕީޕީއެމް އިން ވަކިކުރަން ހުށައަޅައިފި

ރައީސް ޔާމީން އާއި ރައީސް މައުމޫން- ސަން ފައިލް ފޮޓޯ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ މެމްބަރުކަމުން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަށް ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.

ރައީސް މައުމޫން ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަށް ނިންމީ ދަރުބާރުގޭގައި ދާދި ދެންމެއަކު ކުރިއަށްދިޔަ ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގަ އެވެ. ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓި އެ ބައްދަލުވުމުގައި ރައީސް މައުމޫން ޕާޓީން ވަކުކުރުމުގެ މައްސަލަ ހުށަހެޅުއްވީ އިގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

ޖުމްލަ 26 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކައުންސިލް ބައްދަލުވުމުގައި ރައީސް މައުމޫން ޕާޓީން ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަށް ނިންމީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބްރުންގެ އިއްތިފާގުންނެވެ.

ބައްދަލުވުން ނިންމާލުމަށް ފަހު މީޑިއާ ވާހަކަ ދައްކަމުން ފަލާހު ވިދާޅުވީ އޭނާ އެ މައްސަލަ ހުށަހެޅީ ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ނުކުތުމުކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައީސް މައުމޫން ޕާޓީން ވަކިކުރެއްވުމަށް ހުށަހެޅީ ވަރަށް ގިނަ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުންގެ ވެސް އެދުމުގެ މަތިން ކަމަށެވެ.

"މިއަދު މި ހުށަހެޅުނީ ޕީޕީއެމްގެ ރައީސްގެ މަގާމުން މައުމޫން ދުރުކުރާކަށް ނޫން. ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުން މައުމޫން ވަކިކުރާކަށް ކައުންސިލަކުން ނުނިންމޭނެ. އެކަން ކުރެވޭނީ ޕީޕީއެމްގެ ކޮންގްރެސްއެއް ބާއްވައިގެން،" ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވޭނީ ޕާޓީގެ މެމްބަރަކަށެވެ. ޕާޓީގެ މެމްބަރުކަމުން މައުމޫން ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ހުށާހަޅާފައިވާ އިރު މެމްބަރު ކަމުން ވަކިކޮށްފި ނަމަ ކޮންގްރެސްއަކަށް ނުގޮސް މައުމޫނަށް ޕާޓީގެ ރައީސްކަން ވެސް ގެއްލޭނެ އެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު ވިދާޅުވީ ޕާޓީގެ މެމްބަރަކު ވަކިކުރުމަށް ކައުންސިލަށް މީގެ ކުރިން ހުށަހަޅާފައި ނުވާނެ ކަމަށާއި ނަމަވެސް ރައީސް މައުމޫނަށް ކުރާ އިހްތިރާމެއްގެ ބޮޑުކަމުން ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ނިންމެވީ ކަމަށެވެ.

ރައީސް މައުމޫން ޕާޓީގެ މެމްބަރު ކަމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ހުށަހަޅަން ނިންމާފައިވާ އިރު، ރައީސް ޔާމިނާއި މިއަދުގެ ސަރުކާރާ ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދި އިދިކޮޅު ފަރާތްތަކާ އެކު ކުރިއަށް ދިއުމަށް އެއްބެސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޕީޕީއެމްގެ ރައީސް ކަމަށް މައުމޫން އިންތިހާބުކުރީ 2013 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ޖަލްސާގައި އާއްމު މެމްބަރުންގެ ވޯޓުންނެވެ. ޕީޕީއެމް އުފެދުނީ ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފެއްދި ޑީއާރުޕީ ދެ ބަޔަކަށް ބެހި އޭރުގެ އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ރައީސް މައުމޫނާ ހިޔާލިތަފާތުވުންތަކެއް އުފެދިގެންނެވެ.

comment ކޮމެންޓް