ސަރުކާރަށް ދައްކަންޖެހޭ އެންމެ ބޮޑުލާރިއެއްވެސް ނޯންނާނެ: ގާސިމް

ޖުމްހޫރި ޕާޓީން މިރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ ---ސަން ފޮޓޯ/ ފަޔާޒު މޫސަ

ސަރުކާރަށް ދައްކަންޖެހޭ އެންމެ ބޮޑުލާރިއެއްވެސް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައިވަނީ ރިސޯޓު ތަރައްގީކުރުމަށް ގާސިމްގެ ވިލާ ކުންފުންޏަށް ދީފައިވާ ފަޅުރަށް ތ. އެލާގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާ ކަމަށް ބުނެ، އެކުންފުނީގެ ހުރިހާ އެކައުންޓެއް ފްރީޒުކޮށްފައިވާ ދަނޑިވަޅުގައެވެ.

ޖުމްހޫރީ ޕާޓީން ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ވިލާ ޝިޕިންގްގެ އެކައުންޓުތައް ފްރީޒު ކޮށްފައިވާތީ، އެކުންފުނީގެ ހުރިހާ މަސައްކަތެއް އޮތީ ހުއްޓިފައި ކަމަށެވެ.

"ކަސްޓަމްސްއިން މުދަލެއް ނުނެރެވޭ. އިމިގްރޭޝަނުގެ އެއްވެސް ކަމެއް ނުކުރެވޭ،" ގާސިމް ވިދާޅުވިއެވެ.

23 މާޗް 2017: ޖުމްހޫރީޕާޓީ އިން މިރޭ މ.ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން: މި ޖަލްސާގައި ޖުމްހޫރީޕާޓީ އާއި ސަރުކާރާ އިދިކޮޅު ގިނަ ބަޔަކު ވަނީ ބައިވެރިވެފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މީރާއިން ވިލާގެ އެކައުންޓްތައް ޕްރީޒުކުރީ ތ. އެލާގެ މައްސަލައިގައި ދަށު ކޯޓުން ވިލާއާ އެއްކޮޅަށް ކުރި ހުކުމް ހައިކޯޓުން ބާތިލުކުރުމުގެ ސަބަބުންނެވެ. އެލާގެ ޖޫރިމަނާގެ ގޮތުގައި 18 މިލިޔަން ޑޮލަރު ދެއްކުމަށް މީރާއިން ވަނީ ވިލާއަށް އަންގައިފައެވެ.

ގާސިމް ވިދާޅުވި ގޮތުގައި މިއީ އޭނާއަށް ޖެހުނު ވަރަށް ހިތާމަވެރި، ނިކަމެތި ކަމެކެވެ. ގާސިމް ސިފަކުރެއްވީ އެއީ ނުހައްގުން ލިބުނު ބޮޑު އަނިޔާއެއްގެ ގޮތުގައެވެ.

"އަނެއްކޮޅުން އެތައް މިލިޔަން ޑޮލަރެއް ދޭންޖެހޭނެ ކަމަށް ބުނި އިރު، އަޅުގަނޑު ނޯންނާނެ ގާނޫނީ އުސޫލުން ްއެންމެ ބޮޑުލާރިއެއްވެސް ސަރުކާރަށް ދައްކާކަށް،" ގާސިމް ވިދާޅުވިއެވެ.

23 މާޗް 2017: ޖުމްހޫރީ ޕާޓީ އިން މިރޭ މ.ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން: މި ޖަލްސާގައި ޖުމްހޫރީ ޕާޓީ އާއި ސަރުކާރާ އިދިކޮޅު ބޭފުޅުން ވަނީ ބައިވެރިވެފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ތ. އެލާގެ މައްސަލައިގައި ދަށު ކޯޓުގެ ނިންމުން ހައި ކޯޓުން ބާތިލު ކުރުމުން، އެ މައްސަލަ ވިލާ ކުންފުނިން ވަނީ ސުޕްރީމް ކޯޓަށްވެސް ހުށަހަޅައިފައެވެ. ގާސިމް މިރޭ ވިދާޅުވީ އިންސާފު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، މިވަގުތު ކެތްތެރިވުން ނޫން ގޮތެއް ނެތް ކަމަށެވެ.

"ކިތަންމެ ހާސް މީހުންނެއް [ކުންފުނީގައި] ތިއްބަސް މިއަދު އޮތް ގޮތް މިއީ. އަޅުގަނޑު ދެން ކެތްތެރިވުން ނޫން އެހެން ގޮތެއް ނެތް،" ގާސިމް ވިދާޅުވިއެވެ.

މިރޭ ޖުމްހޫރި ޕާޓީން ބޭއްވި ޖަލްސާގައި އެޕާޓީގެ އިސްވެރިންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕުގެ ބައެއް ބޭފުޅުންނާއި، ޕާލަމެންޓްރީ ގްރޫޕުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވަފާތެރިވާ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް