ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ޑޮލަރު އެބަހުރި ކަމަށާއި މި އަހަރު ފުރަތަމަ ހަ މަސް ދުވަހު އެކަނި ވެސް ބެންކުން 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި "ޔޫތު އޮންޓްރަޕްރިނާސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، 2021އިން 2023ގެ ނިޔަލަށް ޑޮލަރުން ދޫކޮށްފައިވާ ލޯނަށް ވުރެ ދެގުނަ އިތުރަށް މި ދިޔަ މަހުގެ ނިޔަލަށް ބީއެމްއެލްއިން ވިޔަފާރިތަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އިގުތިސާދުގެ މައިނާރުކަމަށްވާ ފަތުރުވެރިކަމަށް ޑޮލަރުން ދޫކޮށްފައިވާ ލޯނުގެ ޢަދަދު 860 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެހާސް އެކާވީހުން 2023ގެ ނިޔަލަށް ޑޮލަރުން ލޯނު ދޫކޮށްފައިވަނީ ޖުމްލަ 249 މިލިއަން ޑޮލަރު ކަމަށް ވާއިރު، 2024ގައި އިތުރަށް 142 މިލިއަން ޑޮލަރު، 2025ގައި އިތުރަށް 284 މިލިއަން ޑޮލަރު އަދި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކަނިވެސް އިތުރަށް 226 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ،" ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ތާރީޚުގައި ވެސް އެވަރެޖުކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހެވެ. އެގޮތުން ކާޑުގެ މުޢާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ތަޢުލީމު އަދި ބޭސްފަރުވާގެ ކަންތައްތަކަށާއި ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާއާއެކު ބޭންކުން ޑޮލަރު ވިއްކި ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔޫތު އޮންޓްރަޕްރިނާސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް
ޝަރީފް ހާމަކުރެއްވި ތަފާސްހިސާބުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރު އެވަރެޖުކޮށް ކޮންމެ މަހަކު 21 މިލިއަން ޑޮލަރު ވިއްކަމުން އައިސް، 2023ގައި އެ އަދަދު ހުރީ 37 މިލިއަން ޑޮލަރަށް އަރައިފައެވެ.
"މި އަހަރު މިދަނީ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ކޮންމެ މަހަކު ވިއްކަމުން. މިހާވަރަށް އިތުރަށް މިހާރު ޑޮލަރު ވިއްކަނީ ޑޮލަރު ނެތީމަތޯ؟" ޝަރީފު ސުވާލު އުފެއްދެވިއެވެ.
އޭނާ ވަނީ، 2020 ވަނަ އަހަރުގެ ސެޕްޓެންބަރުން ފެށިގެން ޑެބިޓް ކާޑުގެ މުޢާމަލާތް ކުރުމަށް ހުރިހާ ކަމަކަށް ކަނޑައެޅިފައިވާ 250 ޑޮލަރު ލިމިޓު މިހާރު އިތުރުކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރުން ފެށިގެން، ރާއްޖެއިން ބޭރުގައި ޚިދުމަތަށާއި ތަކެއްޗަށް އަގު ދެއްކުމަށް 1000 ޑޮލަރާއި ދަތުރު ޓިކެޓް ގަތުމަށާއި، ހޮޓަލަށް ފައިސާ ދެއްކުމަށާއި ބޭސްފަރުވާއަށް 3000 ޑޮލަރު މިއަދާ ހަމައަށް ވެސް ދެމުން އަންނަކަން ޝަރީފު ފާހަގަކުރެއްވިއެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ބީއެމްއެލްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން" ވަނީ ތަޢާރަފުކޮށްފައެވެ.
އެ ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި ނެގޭ ގޮތަށް ހުޅުވާފައިވާ ފުރުސަތެކެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭ މި ފެސިލިޓީއަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.