ޒުވާނުންނަށް ޚާއްސަ "ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން" ތައާރަފުކޮށްފި

ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް ހާއްސަ "ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން" ތަޢާރަފްކުރުން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން" ތަޢާރަފުކޮށްފިއެވެ.

މިއަދު ފެށި "ޔޫތު އޮންޓްރަޕްރިނަސް އެކްސްޕޯ" ގައި މި ފައިނޭންސިން ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި ނެގޭ ގޮތަށް ހުޅުވާފައިވާ ފުރުސަތެކެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭ މި ފެސިލިޓީއަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެކެވެ.

އަހަރަކު ހަތް އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ޕްރޮސެސްކޮށް ނިންމައި، އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް ހާއްސަ "ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން" ތަޢާރަފްކުރުން -- ފޮޓޯ/ ބީއެމްއެލް

މީގެ އިތުރުން، ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ލިބޭނެއެވެ. ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ފެސިލިޓީ އިފްތިތާހުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި އެއް ބިލިއަން ރުފިޔާގެ ފައިނޭންސިން ސްކީމްގެ ސަބަބުން، ޒުވާނުންގެ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި، ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް. އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި އެއް ބިލިއަން ރުފިޔާގެ ފައިނޭންސިންގ ސްކީމްގެ ސަބަބުން، ޒުވާނުންގެ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި، ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ،" ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ބަދުރުއްދީން ޙަސަން ވިދާޅުވީ، ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން މެދުވެރިކޮށް، 24 ގަޑިއިރު ތެރޭގައި ލޯނު އެޕްރޫވްކޮށް، ފަސޭހަކަމާއެކު ފައިސާ ދޫކުރެވިގެންދާނެކަމަށެވެ. އަދި މީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންގެ ޚިޔާލުތައް ލަސްކަމެއް ނެތި ހަގީގަތަކަށް ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ފައިނޭންސިން އަކީ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖޭގެ އައު ޖީލުގެ ވިޔަފާރިވެރިންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ރަމްޒެކެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން "ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން" ގެ ނަމުގައި ޒުވާނުންނަށް ޚާއްސަ މާލީ އެހީގެ ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވި މި ފެސިލިޓީއަކީ އެއް ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު ހިންގާ ޕްރޮޖެކްޓެކެވެ. މީގެ މައިގަނޑު މަޤުޞަދަކީ އެއްވެސް ރަހުނަކާ ނުލައި، ޒުވާން ވިޔަފާރިވެރިންނާއި ފްރީލާންސަރުންނަށް މާލީ އެހީތެރިކަމާއި ފަންނީ އިރުޝާދު ފޯރުކޮށްދީ، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ކާމިޔާބު ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމެވެ.

  • އުމުރުން 18 އާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުން.
  • ރަހުނަކާ ނުލައި، އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ލޯނު ހަމަޖައްސައިދިނުން.
  • ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުން.
  • ލޯނު އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 5 އަހަރުގެ މުއްދަތެއް ދިނުން.
  • މާލީ އެހީގެ އިތުރުން މެންޓަރޝިޕް އަދި ވިޔަފާރީގެ އަމަލީ އިރުޝާދު ފޯރުކޮށްދިނުން.
  • ޒުވާނުންގެ އައު އީޖާދީ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށް ފަސޭހަ މާލީ އެހީތެރިކަމެއް ލިބުން.
  • އިޤުތިޞާދީ ގޮތުން ޒުވާނުން ބާރުވެރިކޮށް، ކުދި ވިޔަފާރިތައް ފުޅާކުރުމަށް ފުރުޞަތު ފަހިވުން.
  • މާލީ އެހީގެ އިތުރުން ތަމްރީނާއި އިރުޝާދު ލިބުމުން، ވިޔަފާރީގެ ދިގު މުއްދަތުގެ ކާމިޔާބީގެ ފުރުޞަތު ބޮޑުވުން.
comment ކޮމެންޓް