މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބު ނުވާނެކަން ކަޅާ ހުދު ފަދައިން ސާފު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިރޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ވޯޓަކީ މަސީހާ ދެކޮޅަށް ނުވަތަ ރައީސް ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ވޯޓެއް ނޫން ކަމަށެވެ. އެއީ "ދިވެހި ރައްޔިތުންނާ ދެކޮޅަށް ނަގާ ވޯޓެއް" ކަމަށް ޔާމިން ވިދާޅުވި އެވެ.
މަޖިލީހުގައި މެޖޯރޮޓީ އޮތީ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ކަމަށާއި އެހެންވީމަ މަޖިލިސް ހިނގަނީ މެޖޯރިޓީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
" އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް ކުރަނީ ގައުމު ހަލަބޮލި ކުރާނެ ސަބަބެއް ހޯދަން. އަޅުގަނޑުމެންނަށް ވަރަށް ސާފު ކަމެއް. ކަޅާ ހުދުން ސާފުކަމެއް. މި ވޯޓަކީ އެ ބޭފުޅުންނަށް ވިން ވާނެ އެއްޗެއް ނޫން،" ވެލިދޫ ދާއިރާގެ މެމްބަރު ޔާމިން ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ހެދިގެން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް މަޑުޖެހި "ސަރުކާރު ޑިފެންސަކަށް ނުވެއްޓޭނެ" ކަމަށް ޔާމީން ވިދާޅުވި އެވެ.
" މި ސަރުކާރަކީ އެހާ ފަސޭހައިން ޑިފެންސައް ވެއްޓޭނެ ސަރުކާރެއް ނޫން. މި ސަރުކާރުގެ ފަހަތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން އެބަތިބި،" ޔާމިން ވިދާޅުވި އެވެ.
އެމްޑީޕީގެވެސް ބައެއް މަޖިލިސް މެމްބަރުން ސަރުކާރާ އެކު ތިބި ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. އެހެންވީމަ "އަޅުގަނޑުމެން މިތިބީ ވަރަށް ހެޕީކޮށް" ކަމަށް ޔާމީން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފައި ވަނީ ފެށޭ ހަފްތާގެ ހޯމަ ދުވަހަށެވެ. އެ ދުވަހުގެ ޖަލްސާގައި ޖަވާބު ދާރީވުމަށް މަސީހުއަށް 30 މިނިޓް ދިނުމަށް ކޮމިޓީން މިރޭ ވަނީ ފާސްކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މަސީހުގެ ވޯޓަކީ މިހާރު ކާމިޔާބުވެ ނިމިފައި އޮތް ވޯޓެއް ކަމަށެވެ.