ތޮއްޔިބުގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

ތައްޔިބު ---

ކުރި ޓްވީޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ކުރީގެ ނޫސްވެރިޔާ ތޮއްޔިބު ޝަހީމްގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ތޮއްޔިބުގެ ބަންދުގެ މުއްދަތަށް މިއަދު އިތުރުކުރީ 15 ދުވަސް ކަމަށް އޭނާގެ ގާނޫނީ ވަކީލު މަހުފޫޒް ސައީދު "ސަން"އަށް މިއަދު ވިދާޅުވިއެވެ.

މަހުފޫޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޓުން ތޮއްޔިބުގެ ބަންދަށް އިތުރު 15 ދުވަސް އިތުރުކުރީ "ތޮއްޔިބު ކުރަމުން ގެންދާ ކަންތައްތަކަކީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބުނެ" ކަމަށެވެ.

ތޮއްޔިބު ހައްޔަރުކުރީ ރާއްޖޭގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަންއާއި އެހެނިހެން ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުންދާ ކަމުގެ ތުހުމަތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.

ތޮއްޔިބު ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ، ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އާލް ސައުދު ރާއްޖެއަށް ކުރައްވަން އުޅުއްވި ދަތުރުފުޅާ ގުޅޭގޮތުން ބައެއް ޓްވީޓުތައް ކޮށްފައެވެ. އެގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭގެ ދެމީހެއްގެ ބެލުމުގެ ދަށުން އާރަށުގެ ވީވީއައިޕީ ބަންގަލޯއަށް ސައުދީ ހެލިކޮޕްޓަރުން 12 ކަޅުފޮށި އަދި އެއް ސިލްވާ ފޮށި ވެއްދިކަމަށް ބުނެ ޓްވީޓު ކުރިއެވެ.

ނަމަވެސް އެމްއެމްއޭއިން އެކަން ވަނީ ދޮގުކޮށްފައެވެ. ހުކުރު ދުވަހު އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެމްްއެމްއޭއާއި އެ އޮތޯރިޓީގެ މުވައްޒަފުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރާ ފަރާތްތަކާ މެދުފިޔަވަޅު އަޅާނެ ކަމަށެވެ.

ތޮއްޔިބު ހައްޔަރުކުރުމާ ގުޅިގެން، އެމްނެސްޓީ އިންޓަނޭޝަނަލުން އޭނާއަށް ވަނީ ޟަމީރުގެ ޤައިދީއެއްގެ ލަގަބު ދީފައެވެ.

comment ކޮމެންޓް