ދަރިންނަށް ވަޒީފާ ދިން މައްސަލަ ބޭޒާރުވެ، ފަރަންސޭސި ދާޚިލީ ވަޒީރު އިސްތިއުފާ ދެއްވައިފި

ބްރޫނޯ މެދުގައި ފަރަންސޭސި ރައީސް ގެ އަރިހުގައި

ޕެރިސް (މާޗް 22) : ނުފޫޒު ބޭނުންކުރައްވައިގެން ފަރަންސޭސިވިލާތުގެ ދާޚިލީ ވަޒީރު ބްރޫނޯ ލޯރޯ، އޭނާގެ ދެ ދަރިންނަށް ދައުލަތުގެ ވަޒީފާ ހަމަޖައްސައި ދިނުމަށް ފަހު ގަވައިދާ ޚިލާފަށް މުސާރަދިން މައްސަލައެއް ބޭޒާރުވުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ބްރޫނޯ މަގާމުން އިސްތިއުފާ ދެއްވުމުން ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކުރައްވައި އެމަގާމަށް ސްޓޭޓް މިނިސްޓާ ފޯ ކޮމާސްގެ މަގާމުގައި ހުންނެވި މެޓިޔަސް ވައިކަލް އައްޔަން ކުރައްވައިފަ އެވެ. ބްރޫނޯގެ ދެއަންހެން ދަރިންނަށް ފަރަންސޭސި ޕާލަމެންޓުގެ އިދާރާ އިން ވަޒީފާ ހަމަޖައްސައިދީފައި ވަނީ 2009 ވަނަ އަހަރާއި 2016 ވަނައަހަރާ ދެމެދުގަ އެވެ. ބްރޫނޫ އަށް ފަރަންސޭސިވިލާތުގެ ދާޚިލީ ވަޒީރުކަން ލިބިވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އެއީ އޭރުގެ ދާޚިލީ ވަޒީރު ބާނާޑް ކުޒްނޯވް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިދެކުދިންނަށް ވަޒީފާ ހަމަޖައްސައި ދިންއިރު ބްރޯނޯ ހުންނެވީ ޕާލަމެންޓްގެ މެންބަރަކަށެވެ. ވަޒީފާ ހަމަޖައްސައިދިނުމަށް ފަހު އެ ދެ ކުދިންނަށް މުސާރަ ދިނުމުގައި ޕާލަމެންޓް މެންބަރަކަށް ހުންނަވައިގެން ޕާލަމެންޓްގެ އިދާރާއަށް ބްރޫނޯ ބާރާއި ނުފޫޒު ފޯރުވި މައްސަލަ ފެންމަތިވީ މި އަހަރުގެ ކުރީކޮޅުގަ އެވެ. މިކަން ބޭޒާރުވުމުން ބްރޫނޯ ވަނީ އަންހެން ދެދަރިންނަށް ވަޒީފާ ހޯދައިދިނުމުގައި ވެސް އަދި މުސާރަ ދިނުމުގައި ވެސް ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސްކަމެއް ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފަރަންސޭސިވިލާތުގެ ގާނޫނު ބުނާގޮތުން ޕާލަމެންޓް މެންބަރުންގެ މަސައްކަތްތަކަށް އެހީތެރިވާ މުވައްޒަފުންގެ ގޮތުގައި އެބޭފުޅުންގެ ދަރިންނާއި އާއިލާގެ އެހެނިހެން މެންބަރުން ލެއްވިދާނެ އެވެ. އެފަދަ މުވައްޒަފުން މަސައްކަތްކުރާނީ ޕާލަމެންޓް އިމާރާތުގަ އެވެ. މަސައްކަތް ކުރުމުގައި ބޭނުންކުރާނީ ދައުލަތުގެ ވަސީލަތްތަކެވެ. ނަމަވެސް އެފަދަ މުވައްޒަފުންނަށް މުސާރަ ދޭންޖެހޭނީ އެފަދަ މުވައްޒަފުންނަށް މަގާމުދިން ޕާލަމެންޓް މެންބަރެކެވެ.

ބްރޫނޯގެ ދެ ދަރިންނަށް ވެސް ވަޒީފާ ދިނީ އެދެކުދިންގެ ކިޔަވަމުން ދިޔަ ދުވަސްވަރު ހޫނުމޫސުމުގެ ޗުއްޓީގައި މިގޮތަށްކަމަށްވެ އެވެ. މިގޮތަށް އެއްފަހަރަށް ވުރެ ގިނަ ފަހަރަށް އެދެކުދިންނަށް ވަޒީފާ ދިންކަމަށްވެ އެވެ. ނަމަވެސް ބައެއް މަސްތަކުގައި އެދެކުދިންނަށް މުސާރަ ދީފައި ވަނީ ޕާލަމެންޓް އިދާރާގެ ބަޖެޓުން ކަމަށާއި ބްރޯނޯގެ މުސާރައިން ނޫންކަން ފަހުން ވަނީ ފަޅާއަރާފަ އެވެ.

މިގޮތަށް މުސާރައިގެ ކަންތައް ހަމަޖެއްސީ ބްރޫނޯ އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށްވެ އެވެ. ބްރޫނޯ ގެ މިމައްސަލަ ބޭޒާރުވި އިރު ފަރަންސޭސި ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓެއްކަމަށްވާ ފްރާންސްވާ ވިޔޮން އަށްވެސް ވަނީ އޭނާގެ އަންހެނުންނަށާއި އާއިލާގެ ބައެއް މެންބަރުންނަށް ސަރުކާރުން މުސާރަދޭ ގޮތަށް އޭނާގެ އެހީތެރިންގެ ގޮތުގައި ވަޒީފާ ހަމަޖައްސައި ދިން މައްސަލައެއް ބޭޒާރުވެފަ އެވެ. ފަރަންސޭސި ރިޔާސީ އިންތިޚާބު ގާތްވެފައިވާ އިރު މިމައްސަލަ ވެސް މިހާރުވަނީ ވަރަށް ހޫނުވެފަ އެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް