ފްރާންސަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އެންމެ މަތީ ދަރަޖައަށް އުފުލައިފި

ފަރަންސޭސިވިލާތުން ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އެންމެ މަތީ ދަރަޖައަށް އުފުލައިފައި ވަނީ ރަޝިޔާއަށް ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން --- ފޮޓޯ/ރޮއިޓާސް

ރަޝިޔާއަށް ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ފަރަންސޭސިވިލާތަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އެންމެ މަތީ ދަރަޖައަށް އުފުލައިފިއެވެ.

އެކަން އިއުލާނުކުރެއްވީ ފަރަންސޭސިލާތުގެ ރައީސް އިމަނުއެލް މެކްރޮންއާއި ސަލާމަތީ އަދި ދިފާއީ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ގެބްރިއަލް އަޓަލްއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އަޓަލް ވިދާޅުވީ އެ ގައުމުގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް ބާއްވަން ދުވަސްކޮޅަކަށްވެފައި އޮއްވައި ނިންމި އެ ނިންމުމަކީ ރަޝިޔާގެ ޓެރަރިސްޓް ހަމަލާ އިސްލާމިކް ސްޓޭޓް (އައިއެސް)އިން ޒިންމާ ނެގި ގޮތާއި ފަރަންސޭސިލާތަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ އަލީގައި ނިންމި ނިންމުމެއް ކަމަށެވެ.

ފަރަންސޭސިވިލާތުގެ ޓެރަރިސްޓް އެލާޓް ސިސްޓަމްގެ ތިން ލެވެލްއެއް ހުންނައިރު، އެންމެ މަތީ ލެވެލް އިއުލާނުކުރާނީ އެ ގައުމުގައި ނުވަތަ ގައުމުން ބޭރުގައި ނަމަވެސް އެ ގައުމަށް އަމާޒުކޮށް ހަމާލާއެއް ދިނުމުގެ ނުރައްކާ އޮންނަ ހާލަތުގައެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ކޮންސެޓެއް ބޭއްވި ހޯލަކަށް ހުކުރު ދުވަހު ދިން ބަޑީގެ ހަމަލާގައި މިހާތަނަށް 137 މީހަކު މަރުވެފައިވާއިރު، 150 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން އުފުލާފައިވާއިރު މިފަދަ ޖަމާއަތަކުން ރަޝިޔާގައި ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރު އެމެރިކާއިން މި މަހުގެ ކުރީކޮޅު ވަނީ ދީފައެވެ.

comment ކޮމެންޓް