ހަނގުރާމަ މެދުކަނޑައިލުމުގެ މަޝްވަރާތަކަށް އިސްރާއީލުގެ ޓީމެއް ފްރާންސަށް

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިވާ ކުޑަކުދިންތަކެއް. ފޮޓޯ/އަލްޖަޒީރާ

މީގެ ކުރިން ވެސް ކުރިއަށް ގެންގޮސް މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވާ ޣައްޒާ ހަނގުރާމަ މެދުކަނޑައިލައި ރަހީނުން މިނިވަންކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އިސްރާއީލުގެ ޓީމެއް ފްރާންސަށް ފޮނުވަން ނިންމައިފިއެވެ.

އެ ޓީމުގައި އިސްކޮށް ހުންނަވާނީ އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ ޑިރެކްޓަރު ޑޭވިޑް ބާނިއާއެވެ.

މިދިޔަ ހަފުތާ މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި މަޝްވަރާތަކުގައި ބައިވެރިވި ގޮތަށް ހަމައެކަނި ހުށަހެޅުން އަޑުއެހުމަށްވުރެ އަމަލީ ގޮތުން މަޝްވަރާތަކުގައި ބައިވެރިވުމުގެ ބާރު ޓީމަށް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އެ ނިންމުން ނިންމާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަނގުރާމައިގެ ކެބިނެޓް ބައްދަލުވުމެއްގައެވެ. އިސްރާއީލުން މަޝްވަރާތަކުގައި ބައިވެރިވުމާމެދު އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ މެދުއިރުމަތީގެ ކޯޑިނޭޓަރު ބްރެޓް މެކްގާކް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް އިސްރާއީލުގެ އިސް އޮފިޝަލުންނާ ވަނީ ބައްދަލުކުރައްވައިފައެވެ.

އިސްރާއީލުގެ އޮފިޝަލް ވިދާޅުވީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ މީހުންނާ ހަމައަށް ބޭސް ފޯރުކޮށްދީފައިވާކަން ކަށަވަރުވާ ދުވަހަކަށް އިސްރާއީލު ސަރުކާރުން އިންތިޒާރު ކުރަމުން އައި ކަމަށާއި، މަޝްވަރާތަކަށް ދާން ނިންމީ އޭގެ ފަހުގައި ކަމަށެވެ.

މަޝްވަރާތަކަށް ދިއުމަށް އިސްރާއީލުން ނިންމީ މިއީ އަންނަ މަހު ފެށޭ މާތްވެގެންވާ ރަމަޟާން މަހުގެ ކުރިން ހަނގުރާމަ ހުއްޓައިލުމާ ދެކޮޅަށް އެމެރިކާއިން މަސައްކަތްކުރާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. މަޝްވަރާތަކުގައި ބައިވެރިވި ނަމަވެސް ހަނގުރާމަ މެދުކަނޑައިލާނެ ހަމައެކަނި ގޮތަކީ ހަމާސްގެ ބެލުމުގެ ދަށުގައިތިބި ރަހީނުން ދޫކޮށްލުން ކަމުގައި އިސްރާއީލުން ބުނެއެވެ.

އަނެއްކޮޅުން ހަމާސް އިން ބުނަނީ އެއްބަސްވުންތަކަށް ދާނީ ހަމައެކަނި ގޮތަކީ ދާއިމީކޮށް ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވުމުން ކަމަށެވެ.

comment ކޮމެންޓް