މުޒާހަރާ ކުރާތީ އައިފިލް ޓަވަރު ބަންދުކޮށްފި

ފްރާންސްގެ އައިފިލް ޓަވަރު: މުޒާހަރާއާ ހެދި އެ ތަން ވަނީ ބަންދުކޮށްފައި -- ފޮޓޯ/ ދަ އިންޑިޕެންޑެންޓު

މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށްބުނެ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހުންނަ މަޝްހޫރި އައިފިލް ޓަވަރުގެ މުވައްޒަފުން މުޒާހަރާ ކުރާތީ އެތަން ބަންދުކޮށްފިއެވެ.

އެއީ, ދުނިޔޭގެ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އައިފިލް ޓަވަރު ބަލައިލަންދާ މީހުންނަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ.

އެ ހަޅުތާލު ކުރިއަށް ގެންގޮސްފައިވަނީ އަންނަ ޖުލައި 26 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ 2024 ވަނަ އަހަރުގެ ސަމާ އޮލިމްޕިކްސް ބާއްވަން ޕެރިހުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

މުސާރަ ނުދީގެން މުވައްޒަފުން މުޒާހަރާކުރާ މިއީ ދެވަނަ ފަހަރެވެ. މުޒާހަރާއާ ގުޅިގެން އައިފިލް ޓަވަރުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްސީލުކުރާ ސީޖީޓީ ޔޫނިއަންއިން ބުނީ މުވައްޒަފުން ކުރަމުންދާ މަސައްކަތާ އަޅައިބަލާއިރު އެ މީހުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭ ކަމަށެވެ.

ނަމަވެސް ޓަވަރު ބަލާލުމަށް ދާ މީހުންގެ އަތުން ނަގާ ޓިކެޓުގެ އަގު ބޮޑުކުރާ ކަމަށް ސީޖީޓީއިން ބުނެއެވެ.

ފަރަންސޭސިވިލާތުގެ ފަހުރެއް ކަމުގައިވާ، އުސްމިނުގައި 330 މީޓަރު ހުންނަ އައިފިލް ޓަވަރު ހުޅުވީ 1889 ވަނަ އަހަރުއެވެ. އެ ޓަވަރު ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެވްރެޖުކޮށް ހަ މިލިއަން ފަތުރުވެރިން ކޮންމެ އަހަރަކު ޒިޔާރަތް ކުރެއެވެ.

comment ކޮމެންޓް