ހުއްދަ ނެތި އިންފްލުއެންޒާ ވެކްސިން އެތެރެނުކުރަން އިލްތިމާސްކޮށްފި

އިންފުލުއެންޒާ ވެކްސިން: ހުއްދަ ނެތި އެވެކްސިން އެތެރެނުކުރަން ވަނީ އިލްތިމާސްކޮށްފައި ----

އިންފުލުއެންޒާއަށް ޖަހާ ފުލޫ ވެކްސިން ހުއްދަނެތި ރާއްޖެ އެތެރެނުކުރުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުން އިންފުލުއެންޒާ ވެކްސްސިން ގެނައުން އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތް މިނިސްޓްރީން ބުނީ އެއީ ވަކި ފިނިހޫނިމިނެއްގައި ގެންގުޅެންޖެހޭ ވެކްސިނަކަށްވާއިރު އެގޮތަށް ނުބެލެހެއްޓޭނަމަ އެވެކްސިނުގެ ސަބަބުން ސިއްހަތައް ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ.

"އިންފްލުއެންޒާ ވެކްސިން އަކީ އުފައްދާ ވަގުތުން ފެށިގެން ވެކްސިން ބޭނުން ކުރުމާއި ހަމައަށް 2oC-8oC ގައި ބަހައްޓަންޖެހޭ. މި ނޫން ގޮތަކަށް ގެންގުޅެފިނަމަ ހަލާކުވާނެ އެއްޗެކެއް،" ހެލްތް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ ވެކްސިން ގެނައުމުގައި އަމަލުކުރަންޖެހޭ މިންގަޑުގައިވާ ގޮތުން، ޕެކްކުރުމާއި ގެންގުޅުމުގެ އެއްވެސް މަރުހަލާ އެއްގައި ވެކްސިން އަށް ގެއްލުމެއްވާ މިންވަރަކަށް ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ، އެކަން އެނގޭނެ ޑިވައިސްއެއް އެޕެކްގައި ނުވަތަ ކޮންޓެއިނާގައި ހިމަނަންޖެހެއެވެ.

ހެލްތް މިނިސްޓްރީން މިހާރު އަންނަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކާއި މާބަނޑު މީހުންގެ އިތުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖަހައިދެމުންނެވެ. މާލޭގައި އައިޖީއެމްއެޗްއާއި އޭޑީކޭގެ އިތުރުން ދަމަނަވެށިން އެވެކްސިން ޖަހާއިރު އަތޮޅުތެރެއިންނަމަ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ވެކްސިން ޖަހައިދެއެވެ.

މިހާރު ފެތުރެމުންދާ އެޗްވަންއެންވަން އިން ރާއްކާތެރިވެ ތިބުމަށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި މާސްކަކުން އަނގަޔާއި ނޭފަތް ނިވާކޮށް އަވަސް އަވަހަށް އަތް ސާފުކުރަން އިސްކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް