އެމެރިކާގެ ބިލިއަނަރު ޑޭވިޑް ރޮކަފެލާ މަރުވެއްޖެ

އެމެރިކާގެ ބިލިއަނަރު ޑޭވިޑް ރޮކަފެލާ -- ފޮޓޯ: އޭޕީ

އެމެރިކާގެ ބިލިއަނަރު ޑޭވިޑް ރޮކަފެލާ، އުމުރުން 101 އަހަރުގައި މަރުވެއްޖެ އެވެ.

ޗޭސް މެންހަޓަން ބޭންކުގައި އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުން ފެށިގެން ޗެއާމަން ކަމާއި ސީއީއޯގެ މަގާމުވެސް ފުރާފައިވާ ރޮކަފެލާ މަރުވީ ހާޓް ފެއިލްވުމުގެ ސަބަބުން ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ.

ޑޭވިޑް ރޮކަފެލާއަކީ ތެޔޮ ކުންފުނި، ސްޓޭންޑާޑް އޮއިލް ވުޖޫދަށް ގެނައި ޖޯން ޑީ ރޮކްފެލާގެ ކާފަ ދަރިއެކެވެ. އޭނާގެ ހަތަރު ބޭބެއިންގެ ތެރެއިން ދެ ބޭބެއިން ކަމަށްވާ ނެލްސަން އާއި ވިންތްރޮޕް ވަނީ ގަވަރުނަރުންގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ނެލްސަން ރޮކަފެލާ ވަނީ 1974ން 1977ށް އެމެރިކާގެ ނައިބު ރައީސްކަން ކުރައްވައިފައެވެ.

އަމިއްލަ މިލްކިއްޔާތުގައި ތިން ބިލިއަން ޑޮލަރު ހުރި ކަމަށް އަންދާޒާ ކުރެވިފައިވާ ރޮކަފެލާ ވަނީ އޭނާގެ ހަޔާތުގައި ރޮކަފެލާ ޔުނިވާސިޓީ އާއި ހާވާޑް ޔުނިވާސިޓީ އާއި ދާރުލްއާސާރުތަކަށް ދެ ބިލިއަން ޑޮލަރު ހަދިޔާކޮށްފައި ކަމަށް ރޮކަފެލާ ފައުންޑޭޝަނުން ބުނެ އެވެ.

ރޮކަފެލާ މަރުވި އިރު އޭނާގެ ހަ ކުދިންގެ ތެރެއިން ފަސް ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އޭނާގެ އަންހެނުން މާގަރެޓް ވަނީ 1996 ވަނަ އަހަރު މަރުވެފައެވެ. (ބީބީސީ)

comment ކޮމެންޓް