އޭސީސީން ތަހުގީގު ކުރަނީ އުމަރު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަން

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ވަނީކޮށްފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ޓީމެއް ހޯމް މިނިސްޓްރީއަށް ވަދެ ތަހުގީގު ކުރަމުންދަނީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ވުޒާރާގައި ހިންގެވި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތެއް ކަމަށް ބުނެފި އެވެ.

ހޯމް މިނިސްޓްރީގައި މިއަދު މެންދުރު ކުއްލި ގޮތަކަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިސްޓަރު އަހުމަދު އަޒްލީން ވިދާޅުވީ އޭސީސީން ތަހުގީގު ކުރަނީ "މިނިވަން 50"އާ ގުޅިގެން 2015 ވަނަ އަހަރު ހޯމް މިނިސްޓްރީން ހިންގާފައިވާ ކަންތައްތައް ކަމަށެވެ.

ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވިއިރު، މިނިސްޓްރީގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކާއި މާލީ ޒިންމާދާރުވެރިޔާގެ މަސައްކަތް "ބައިޕާސްކޮށް" އޭރުގެ މިނިސްޓަރު ބޭނުންވާ ފަރާތްތަކަށް މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ ބޮޑެތި އަދަދުތަކުގެ ފައިސާގެ މަސައްކަތްތައް، މާލިއްޔަތު ގާނޫނާ ހިލާފަށް ހަވާލު ކުރި ކަމަށާއި އަގު ނުހޯދައި މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

މިނިވަން 50ގެ މަސައްކަތްތައް އެއްބަސްވުމެއް ނެތި ހަވާލުކޮށްފައިވާ މައްސަލަ ވެސް ފެންމަތިވެފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އުމަރު ނަސީރު ހޯމް މިނިސްޓްރީ ހިންގެވިއިރު، ތަކުރާރުކޮށް އެއްބަޔަކަށް މަސައްކަތް ހަވާލުކޮށްފައިވާކަން ރެކޯޑުތަކުން ފެންނަން އެބަހުރި ކަމަށެވެ.

"އެއްވެސް ހާލަތެއްގައި ދިވެހިރާއްޖޭގެ މާލިއްޔަތު ގާނޫނާ ހިލާފަށް ކަންތައްތައް ކުރުމުގެ ބާރުވެރިކަމެއް އެއްވެސް ވަޒީރަކަށް ނޯންނާނެ،" މިނިސްތަރު އަޒްލީން ވިދާޅުވި އެވެ.

މިނިވަންކަމަށް 50ގެ ހަރަކާތްތައް ހިންގުމަށް 2015 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ފަސް ވަޒީރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދާފަ އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އޭރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އޭރުގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.

އެ ބޭފުޅުންގެ ލަފާގެ މަތިން، މިނިވަން 50ގެ ހަރަކާތް ހިންގުމަށް އުފެއްދި އޮފީހަށް ދީފައިވާ ނަމަކީ "މިނިވަން 50" އޮފީހެވެ.

އަޒްލީން ވިދާޅުވީ ހޯމް މިނިސްޓްރީގެ ތެރޭގައި ކަމެއް ހިނގާ ކަމުގައިވާނަމަ އެކަމުގެ ޒިންމާ ހޯމް މިނިސްޓްރީން އުފުލަންޖެހޭނެ ކަމަށެވެ.

އަޒްލީން ވިދާޅުވީ މިނިވަން 50ގެ ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓާ ޖެނަރަލްގެ އޮފީހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އޭސީސީ އާއި އޮޑިޓާ ޖެނަރަލްގެ އޮފީހުގެ ތަހުގީގު ނިންމުމަށްފަހު ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

comment ކޮމެންޓް