ހަމުގެ ކުލަ ކަޅުވުމުން އެތައް ފަހަރަކު ވަނީ ރިޖެކްޓު ކޮށްފައި: އުލްކާ

'ޖާންސީ ކީ ރާނީ'ގެ މަންޒަރެއްގައި އުލްކާ --

ޒީ ޓީވީ އިން ގެނެސްދިން ޑްރާމާ ސިލްސިލާ 'ޖާންސީ ކީ ރާނީ'ގައި ޖާންސީގެ ރާނީ ލަކްޝްމީ ބާއިގެ ރޯލުން އުލްކާ ގުޕްތާ އަކީ ގިނަ ދިވެހިންނަށް އާ މޫނަކަށް ނުވާނެ އެވެ. އުލްކާ ވަނީ 2009 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް ލަކްޝްމީ ބާއިގެ ރޯލު ކުޅެފަ އެވެ.

އެ ޑްރާމާ އިން އިލްކާ އަށް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފަ އެވެ. އަދި އޭނާ އަކީ މީހުން ބަލައިގަންނަ އެކްޓަރަކަށް ވެގެން ދިޔަ އެވެ. ނަމަވެސް އެއީ އޭނާ އަށް އެހާ ފަސޭހަ އިން ހޯދުނު ކާމިޔާބީއެއް ނޫނެވެ. އުލްކާ މިއަދު ހުރި ހިސާބަށް އާދެވިފައި ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށް ފަހު އެވެ.

އުލްކާ އަށް ފިލްމީ ދާއިރާގައި ކުރިއަށް ދިއުމަށް ހުރަހަކަށް ވެގެން ދިޔައީ އޭނާގެ ހަމުގެ ކުލަ އެވެ. ކަޅު ވުމުން އުލްކާ އަށް އެތައް ފުރުސަތެއް ގެއްލި، ހުނަރު ހުރި ނަމަވެސް އެތައް ޑައިރެކްޓަރުންނެއް އޭނާ ރިޖެކްޓު ކުރި ކަމަށް އުލްކާ މިވަނީ ބުނެފަ އެވެ.

"އަހަންނަކީ ކުޑަ އިރުން ފެށިގެން ވެސް އެކްޓު ކުރުމަށް ވަރަށް ޝައުގުވެރިވި ކުއްޖެއް. ނަމަވެސް އުމުރުން ވަރަށް ހަގު އިރު، އަހަންނަށް ވަނީ މި ދާއިރާގެ ނުފެންނަ ފަރާތް ފެނިގެން ގޮސްފައި. އަހަރެން ކުޑަ އިރު ކޮންމެ ދުވަހަކު ވެސް ބައްޕަ އާ އެކު އޮޑިޝަންތަކަށް ދަން. އެކަމަކު ހުރިހާ ޕްރޮޑިއުސަރުން ވެސް ބޭނުން ވަނީ ދޮން ކުދިން. އަހަރެން ކަޅުވުމުން އެތައް އޮޑިޝަން އަކުން އަހަރެން ވަނީ ރިޖެކްޓު ކޮށްފައި،" އުލްކާ ބުންޏެވެ.

އުލްކާ އަށް އެންމެ ފުރަތަމަ ޑްރާމާ އަކުން ފުރުސަތު ލިބުނީ ވެސް 'ސާތު ފޭރޭ'ގެ ލީޑު ރޯލުން ފެނިގެންދާ ސޮނާލީގެ ދަރިފުޅުގެ ރޯލުންނެވެ. އެއީ އެ ޑްރާމާ އަށް ބޭނުންވަނީ ކަޅު ކުއްޖަކަށް ވާތީ އެވެ.

އުލްކާ ބުނީ މިހާރު ވެސް، ގިނަ ޑްރާމާތަކެއް ކުޅެ ތަޖުރިބާ ލިބިފައި ވީނަމަވެސް، ދޮން ކުދިން ބޭނުންވެގެން އޭނާގެ ކާސްޓިންގ އެޖެންޓަށް އަންގާ ކަމަށެވެ.

"މިހާރު އެކަހަލަ އޮޑިޝަންތަކަކަށް ނުވެސް ދަން. އެއީ އަހަރެން ބޭނުން ވަނީ އަހަރެންގެ ހުނަރުގެ ސަބަބުން މީހުން އަހަރެން ބަލައިގަންނަން. އަހަރެންގެ ހަމުގެ ކުލައެއް ނޫން،" އުލްކާ ބުންޏެވެ.

އުލްކާ ބުނީ މިހާރު މޫނުގައި އުނގުޅާ އެއްވެސް ކްރީމެއް ނުވަތަ ސައިބޯންޏެއް ވެސް ބޭނުން ނުކުރާ ކަމަށެވެ.

އަދި މިހާރު ވިސްނުން ހުރީ ފިލްމު ކުޅުމަށް ކަމަށް ވެސް އުލްކާ ވަނީ ބުނެފަ އެވެ. އަންނަ މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މަރާޓީ ފިލްމަކުން އުލްކާ ފެނިގެން ދާނެ އެވެ.

comment ކޮމެންޓް