ކުރީގެ ރައީސް ނަޝީދު އަނެއްކާ ވެސް ކޮލޮމްބޯއަށް ވަޑައިގެންފި

ރައީސް ނަޝީދު، ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާ އެކު ލަންކާގައި --- ފޮޓޯ/ ހާމިދު އަބްދުލްގަފޫރު

އިނގިރޭސިވިލާތުގައި އަރުވާލެވިގެން ދިރިއުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް އަނެއްކާ ވެސް ވަޑައިގެންފި އެވެ.

ރޭގެ ވަގުތެއްގައި ނަޝީދު ސްރީލަންކާއަށް ވަޑައިގެންފައިވާ އިރު، އެމަނިކުފާނަށް ކޮލޮމްބޯއިން މަރުހަބާ ވިދާޅުވެފައި ވަނީ ކޮލޮމްބޯގައި ދިރިއުޅުއްވާ އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްގަފޫރާއި، އެމްޑީޕީ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަހްމަދު ނަސީމެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އިނގިރޭސިވިލާތަށް ބޭސްފަރުވާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ކުރިން ސްރީލަންކާއަށް ވަޑައިގަތެވެ.

އެއަށް ފަހު އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ އިރު، ދާދި ފަހުން ވެސް ރައީސް ނަޝީދު ލަންކާއަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނާ އެކު އެމްޑީޕީގެ މުހިންމު ބައްދަލުވުންތަކެއް ވަނީ ކޮލޮމްބޯގައި ބާއްވައިފަ އެވެ.

comment ކޮމެންޓް