އާސެނަލްގެ ތާރީޚީ ބައްޔާއެކު ވެންގާ ގޮތެއް ނިންމައިފި!

މެޗަކުން ބަލިވުމުން އާސެނަލްގެ ކޯޗް އަސެން ވެންގާ ކަންބޮޑު ވެފައި --- ފޮޓޯ/ ރޮއިޓަސް

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ތަޖްރިބާކާރު އެއް ކްލަބު ކަމަށްވާ އާސެނަލް އަކީ ތަފާތު ކްލަބެކެވެ. ޕްރިމިއާ ލީގުގައި މިވަގުތު ހުރި، އެއް ކްލަބެއްގައި އެންމެ ގިނަ ދުވަސްވީ ތަޖްރިބާކާރު ކޯޗު އާސެން ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް ފެނިގެންދަނީ ޒުވާން ކުޅުންތެރީންނާއެކު ރީތި ކުޅުމެއް ދައްކާ އަދި ނަތީޖާ ވެސް ނެރޭ ކްލަބެއްގެ ގޮތުގައެވެ.

އެހެން ނަމަވެސް މިހާރު މަންޒަރު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މިފަހަކަށް އައިސް އާސެނަލުން ނެރެމުންދާ ދަށް ނަތީޖާތަކާއެކު ކްލަބުގެ ސަޕޯޓަރުން ހަމަ ރަނގަޅަށް ވެސް ރަތަށް އަރައިފިއެވެ.

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައި އަޑު އުފުލަނީ -- ފޮޓޯ: ގޯލް

ޕްރިމިއަރ ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުން ވެސްޓް ބްރޮމް އަތުން 3-1 ލަނޑުން ބަލިވުމާ އެކު، ފަސް މެޗުގެ ތެރޭން ހަތަރު މެޗުން ބަލިވުން ވެގެންދިޔައީ ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ވެސް ލީގުގައި އެޓީމުން ފެނިގެން ދިޔަ އެންމެ ދަށް ނަތީޖާގެ ގޮތުގައެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރޭން ހަތަރު މެޗުން ބަލިވުމަކީ، އާސެނަލްގެ ސަޕޯޓަރުންނަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އެހެނީ މިގޮތަށް ލީގުގައި ފަސްމެޗުގެ ތެރޭން ހަތަރު މެޗުން އާސެނަލް ބަލިވެފައި ވަނީ މީގެ ކުރީން އެންމެ ފަހަރަކުއެވެ. އެއީ މީގެ 22 އަހަރު ކުރީން، އޭޕްރީލް 1995ގައެވެ. އޭރު އާސެނަލަށް އިރުޝާދުދޭން ހުރީ، ފަހުން ކުއީން ޕާކް ރޭންޖާސްގެ ކޯޗުކަމުގައި ހުރި ސްޓެވާޓް ހޯސްޓަންއެވެ. އެހެން ނަމަވެސް 1996ގެ ސެޕްޓެމްބަރު މަހު، އާސެނަލްގެ ކޯޗުކަމާ ވެންގާ ހަވާލުވިފަހުން އެޓީމުން މިފަދަ ގޮތަކަށް ބަލިވެފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، ފެބްރުއަރީ މަހު ވޮޓްފޯޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. އަދި ހަމަ އެ ހަފްތާގައި ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން 3-1 ލަނޑުން ބަލިވި އިރު، މާރިޗު މަހު، އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލީވީ 3-1 ލަނޑުންނެވެ. އެޓީމު އެންމެ ފަހުން މޮޅުވެފައި ވަނީ، ފެބްރުއަރީ މަހު ހަލް ސިޓީއަތުން 2-0 ލަނޑުންނެވެ.

ވެންގާއާ އެކު އާސެނަލުން އެންމެ ފަހުން އާކުރި އެއްބަސްވުމުގެ މުއްދަތު، މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. މިހާރު މިދާ ގޮތުން ނަމަ އާސެނަލުން ވެންގާއާއެކު އާ އެއްބަސްވުމަކަށް އައުން ގާތްހެއްޔެވެ. ހަމަ ޔަގީނުން ވެސް އާސެނަލްގެ ސަޕޯޓަރުން ިމިހާރު އެޓީމުގެ ކޯޗެއްގެ ގޮތުގައި ވެންގާ ބޭނުމެއް ނޫނެވެ. އެކަން ދަނީ، އާސެނަލް ކުޅޭ ކޮންމެ މެޗެއްގައި ވެސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ދަނޑުބޭރުން ފެންނަމުންނެވެ. ވެންގާގެ އިސްތިއުފާއަށް ގޮވައި، ބެނާތަކާ އެކު ސަޕޯޓަރުން ދަނީ އަޑުއުފުލައި ޝުއޫރު ފާޅުކުރަމުންނެވެ.

ވެންގާ: އޭނާ ބުނީ އާސެނަލްގެ ކޯޗުގެ މާގާމުގައި ހުރުމާ މެދު މިހާރު ގޮތެއް ނިންމާފައި ވާކަމަށް. ވަރަށް އަވަހަށް އޭނާގެ ނިންމުން އިއުލާނުވެސް ކުރާނޭ ކަމަށެވެ. ފޮޓޯ: އޭޕީ

ހޮނިހިރު ދުވަހު، ވެސްޓް ބްރޮމް އަތުން އާސެނަލް ބަލިވި މެޗަށް ފަހު ސްކައި ސްޕޯޓްސްއާ ވާހަކަދައްކަމުން ވެންގާ ބުނީ، "އަހަންނަށް އެނގޭ ކުރިއަށް އޮތްތާނގައި އަހަރެން ކުރާނޭ ކަންތައް. ކަލޭމެންނަށް ވެސް އެކަން ވަރަށް އަވަހަކަށް އެނގިގެން ދާނެ،" ކަމަށެވެ.

ވެންގާގެ ނިންމުން އޭނާ ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް އޭނާ ބުނީ، އާސެނަލްގައި އޭނާގެ މުސްތަގްބަލާ މެދު އޭނާ މިވަގުތު ފިކުރު ނުކުރާ ކަމަށާއި، މިވަގުތު އޭނާއަށް އެންމެ މުހިއްމު ކަމަކީ، ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އާސެނަލަށް ކުރިމަތި ނުވާފަދަ ގިލަންވެރިކަމެއް މިހާރު ކުރިމަތިވެފައި ވުމުން އެކަމުން އަރައިގަތުން ކަމަށެވެ.

"ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހު ކުރިމަތި ނުވާފަދަ ތަފާތު އުނދަގޫ މަރުހަލާއެއް މިހާރު ގުނަމުން މިދަނީ، މިއީ އަހަރެންގެ މުސްތަގުބަލަށް މާ މުހިއްމު ކަމެއް،" އާސެނަލްގެ އެންމެ ކާމިޔާބު ކޯޗު ބުންޏެވެ.

"އަހަރެމެން ހުރިހާ ޒިންމާއެއް ނަގަން. މިގޮތަށް މެޗުތަކުން ބަލިވަމުން ދިއުމަކީ ހަމަ ޔަގީނުންވެސް ވަރަށް ބޮޑު ހިތްދަތިކަމެއް. އަހަރެމެން އެންމެންގެ ވެސް ޒިންމާއެއް ކުރިއަށް އޮތް މެޗަށް ތައްޔާރުވުމަކީ.

"މިއީ ވަރަށްބޮޑަށް ވިސްނާން ޖެހޭ ކަމެއް. އަހަރެމެންނަކީ ފަސް މެޗުގެ ތެރޭން ހަތަރު މެޗުން ބަލިވުން ތަޖްރިބާކުރާ ބައެއް ނޫން. އަދި މި ކަމުން އަރައިގަތުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރާން އެބަ ޖެހޭ."

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް އާއި ނޯވިޗު ސިޓީ ކުޅުނު މެޗުގައި އާސެނަލްގެ ސަޕޯޓަރުން އެ ޓީމުގެ ކޯޗު އާސެން ވެންގާއާ ދެކޮޅަށް އަޑު އުފުލަނީ --- ފޮޓޯ: އޭޕީ

މި ސީޒަންގައި އާސެނަލް ދަށް ނަތީޖާތަކެއް ނެރެމުން ދަނީ ހަމައެކަނި ޕްރިމިއާ ލީގުގައެއް ނޫނެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16އިން އެޓީމު ކެޓީވެސް ހަމަ އެހާމެ ހިތްދަތި ގޮތަކަށެވެ. ޖަރުމަނުގެ ބަޔާން މިއުނިކުން ވަނީ، ގަދަ 16ގެ ދެ ލެގުގައި ވެސް އާސެނަލް 5-1ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

މިހާރު އުމުރުން 67 އަހަރުގެ ތަޖްރިބާކާރު ކޯޗު ވެންގާ، އާސެނަލާ ހަވާލުވިތާ މިހާރު 20 އަހަރަށް ވުރެ ގިނަދުވަސްވީއެވެ. އޭނާއަކީ އާސެނަލްގައި އެންމެ ދިގު މުއްދަތެއް ހޭދަކުރާ ކޯޗެވެ. އަދި މިހާތަނަށް އާސެނަލްގެ އެންމެ ކާމިޔާބު ކޯޗުވެސްމެއެވެ. އަދި ކުޑަ ޚަރަދެއް ކޮށްގެން އާސެނަލް ވަރުގަދަ ޓީމަކަށް ހެދި ކޯޗަކީވެސް ވެންގާއެވެ.

ވެންގާ ބުނީ، ކުރިއަށް އޮތީ އިންޓަނޭޝަނަލް ބްރޭކް ކަމަށާއި، އަދި އޭގެ ފަހުން އާސެނަލަށް ބޮޑެތި މެޗުތަކެއް އެބަ ހުރި ކަމަށެވެ. އެހެންކަމުން މިހާރު ޓީމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމާއި، އަދި ޓީމުގެ ހުރި ބަލިކަށި ކަންކަން އިތުރަށް ދެނެގަނެ، ކުރިއަށް ހުރި މެޗުތަކަށް ވަރަށް ބޮޑަށް ތައްޔާރުވާނޭ ކަމަށްވެސް އޭނާ ބުންޏެވެ.

ވޭތުވެ ދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ވެންގާ ވަނީ އާސެނަލާއެކު 15 ޓްރޮފީ ހޯދައިފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގު 3 ފަހަރު، އެފްއޭ ކަޕް 6 ފަހަރު، އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް 5 ފަހަރު ހިމެނެއެވެ. އާސެނަލްގެ އެންމެ ކާމިޔާބު ދުވަސްވަރު ދުށީވެސް ވެންގާގެ އިރުޝާދުގެ ދަށުންނެވެ. 2004/2005ގެ ފުޓްބޯޅަ ސީޒަންގައި ޖެހިޖެހިގެން 49 މެޗުން ބަލިނުވެ ރެކޯޑުހަދައި "ދަ އިންވިންސިބަލް"ގެ ގޮތުގައި އާސެނަލް މަޝްހޫރުކަން ހޯދީވެސް ވެންގާގެ ބެލުމުގެ ދަށުންނެވެ. އެފަހަރު އާސެނަލް ވަނީ ލީގާ އެކު އެފްއޭކަޕް ވެސް ހޯދައިފައެވެ.

އާސެނަލްއަށް ޕްރިމިއާ ލީގާއި އެފްއޭ ކަޕް ޑަބަލް ހޯދައި ދިނުމަށް ފަހު ވެންގާ އުފާފާޅުކުރަނީ --

މި ހުރިހާ ޓްރޮފީތަކަށް ވުރެވެސް ބޮޑަށް ވެންގާ ފާހަކުރާ އިތުރު ޓްރޮފީއެއް އެބަ އޮތެވެ. އެއީ، ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނި، ޗެމްޕިއަންސް ލީގު ކުޅުމެވެ. 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ފަސް ވަނަ ބުރުގައި ސަންޑަލޭންޑް އަތުން ބަލިވެ މުބާރާތުން ކެޓި މެޗަށް ފަހު ވެންގާ ބުނީ، "ފުރަތަމަ ތައްޓަކީ ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުން. އަހަރެން ގަބޫލުކުރާ ގޮތުގައި ގަދަ ހަތަރެއްގައި އޮތުމަކީ އަހަރުމެންނަށް ވަރަށް ބޮޑު ކާމިޔާބީއެއް،" ކަމަށެވެ.

އެއީ ތެދެކެވެ. ވެންގާ އާސެނަލްއާ ހަވާލުވި ފަހުން ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ވެސް އާސެނަލް ވަނީ ޗެމްޕިއަންސް ލީގުގައި ކުޅެފައެވެ. މިއީ މިދިޔަ ދުވަސްތަކުގައި އިނގިރޭސި އިތުރު ކްލަބަކަށް ލިބިފައިވާ ޝަރަފެއް ނޫނެވެ. އެހެން ނަމަވެސް، މިފަހަރު ގަދަހަތަރެއްގެ ޓްރޮފީވެސް އަތުގައި ނުޖެހިދާނޭ ކަމުގެ ބިރު މިހާރު ވަނީ ހީވާން ފަށައިފައެވެ.

comment ކޮމެންޓް