ހަލުވިކަމާ އެކު ފެތުރެމުންދާ އެޗް1އެން1 ރޯގާގެ ސަބަބުން ބައެއް ކުޅިވަރު ހަރަކާތްތައް ފަސްކުރި ނަމަވެސް އަންނަ ބުދަ ދުވަހު ފަށާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ފަސްކުރަން ދަތި ކަމަށާއި މުބާރާތް ފަށަން އޮތް ތާރީހުގައި މުބާރާތް ފެށިގެން ދާނެ ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަން ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުރި އެ އެސޯސިއޭޝަންގެ މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރު މުހައްމަދު ޝާފީ ވިދާޅުވެއްޖެއެވެ.
ސަން ސްޕޯޓްސްއާ ވާހަކަދައްކަވަމުން ޝާފީ މިއަދު ވިދާޅުވީ، ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާގެ ސަބަބުން ބައެއް ކުޅިވަރު މުބާރާތްތައް ފަސްކުރި ކަމުގައި ވިޔަސް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ފަސްކުރަން ދަތި ކަމަށާއި އެ މުބާރާތަކީ ބައިނަލްއަގުވާމީ މުބާރާތެއްކަމުން، ފަށަން އޮތް ތާރީހުގައި ނުފެށިިއްޖެ ނަަމަ އޭގެ ސަބަބުން ޓީމުތަކަށް އެތައް ގޮތަކުން އުނދަގޫ ތަކެއް ދިމާވާނެ ކަމަށެވެ.
ޝާފީ ވިދާޅުވީ، މުބާރާތުގައި ބައިވެރިވާ ބޭރު ތިން ގައުމުންވެސް ވަރަށް ބޮޑަށް މި މުބާރާތަށް ތައްޔާރުވެފައިވާކަމަށާއި ބޭރު ތިން ގައުމަށްވެސް ރައްޖޭގެ ހާލަތު ހުރިގޮތް ވަގުތުން ވަގުތަށް އަންގައިދެމުންދާކަމަށެވެ. އަދި އެއިން އެއްވެސް ޓީމެއް ރާއްޖެ އައުމަށް ދެކޮޅު ހަދާފައި ނުވާކަމަށާއި 20 ވަނަ ދުވަހުގެ ރޭ ޓީމުތައް މާލެ އަންނަން ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ ޓީމުތަކުން މިހާރުވެސް ޓިކެޓް ގަތުމަށާއި އެހެނިހެން ކަންތައްތަކަށް ވަރަށް ބޮޑެތި ހަރަދު ތަކެއް ކޮށްފައިވާކަމަށާއި މުބާރާތް ފަސްކޮށްފިނަމަ މާލީ ގޮތުންވެސް ޓީމުތަކަށް ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.
" މިއީ ބައިނަލްއަގުވާމީ މުބާރާތަކަށް ވީމަ ނެތް ފަސްކުރެވޭކަަށް، ފަސްކޮށްފި ނަމަ މުބާރާތުގައި ވާދަކުރާ ހުރިހާ ގައުމެއްގެ އަމިއްލަ އެސޯސިއޭޝަނުން ކުރިއަށް ރޭވިފަ ހުރި މުބާރާތްތަކަށްވެސް އޭގެ އަސަރުކުރާނެ. އަނެއްކާ ހުރިހާ ޓީމަކުންވެސް ވަރަށް ބޮޑަށް ތައްޔާރުވެފަ މިތިބީ، އެހެން ވީމަ މުބާރާތް ފަސްކޮށްފިނަމަ އޭގެ ސަބަބުން މައްސަލަތެކެއް ދިމާވާނެ،" ޝާފީ ވިދާޅުވިއެވެ.
މިއަހަރުގެ ކުރީކޮޅުގައި ބޭއްވި އޭޝިއަން ސެންޓްރަލް ޒޯން އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ކުރީގެ ވޮލީ ކޯޗު ޝާފީ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބަލިމަޑުކަމެއް ފެތުރެމުންދާތީ މުބާރާތް ކުރިއަށްދާ ދުވަސްވަރު މުބާރާތުގެ ބައިވެރިންނާއި ކުޅިބަލަން އަންނަ ސަޕޯޓަރުންނަށް ސިއްހީ ގޮތުން އެހީތެރިކަން ފޯރު ކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި ޑޮކްޓަރުންނާއި ސިއްހީ އެހީތެރީން އަބަދުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެކަމަށެވެ.
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން ކިރްގިސްތާން، ނޭޕާލް އަދި ތުރުކެމަނިސްތާނެވެ. މި މުބާރަތަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފިރިހެން ޓީމު މިހާރުވެސް އަންނަނީ ތައިލެންޑުގައި ފަރިތަ ކުރުންތައް ކުރިއަށް ގެންދަމުންނެވެ.