ރާއްޖެ-ފަލަސްތީން މެޗުގެ ޓިކެޓާއެކު ގައުމީ ޖާޒީއެއް ވަރަށް ހެޔޮ އަގެއްގައި

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް މިދިޔަ އަހަރު ބައްދަލުކުރި މެޗަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11 --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ވަރަށް ހެޔޮ އަގެއްގައި ގައުމީ ޖާޒީ ލިބޭނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްއިން ބުނީ، ވަކިން ގަންނަން ލިބޭ އަގަށްވުރެ ޓިކެޓެއް ގަނެގެން ގައުމީ ޖާޒީގެ އަގު ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ. ޓިކެޓް ވިއްކަން ފަށާނެ ތާރީހެއް އެފްއޭއެމްއިން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ގޮނޑިބަރިން ޓިކެޓެއް ޖާޒީއާއެކު 200 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 100 ރުފިޔާއަށެވެ. ވީއައިޕީން ޓިކެޓެއް ޖާޒީއާއެކު 250 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 150 ރުފިޔާއަށެވެ.

ގޮނޑިބަރިންނާއި ވީއައިޕީގެ ޓިކެޓާއެކު ޑިސްކައުންޓް އަގެއްގައި ޖާޒީ ލިބެން ހުރި ނަމަވެސް، ސިޑިބަރިން ޓިކެޓް ގަންނަ ފަރާތްތަކަށް އެ ޑިސްކައުންޓެއް ނުހިމެނެއެވެ. ސިޑިބަރީގެ ޓިކެޓެއްގެ އަގަކީ 50 ރުފިޔާއެވެ. ވަކިން ޖާޒީއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ޖާޒީ ލިބެން ހުންނާނީ 310 ރުފިޔާއަށެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ރާއްޖޭގައެވެ. ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން އޮތީ އޮމާން އަދި ބޫޓާންއާއެކު 'ގްރޫޕް ޑީ'ގައެވެ.

comment ކޮމެންޓް