ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ކުރިއަށްގެންދާ ރީޖަން ލީގުގައި ވާދަކުރާ ޓީމުތަކަށް ދޭ މާލީ އެހީ ބޮޑުކުރަން އެ އިދާރާގެ ހިންގާ ކޮމިޓީން ނިންމައިފިއެވެ.
ދަތުރުފަތުރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމާ ގުޅިގެން، ޓީމުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކޮންމެ ޓީމަކަށް ކުރިން ދޭން ނިންމި 90,000 ރުފިޔާގެ ބަދަލުގައި، މިހާރު ވަނީ އިތުރު 30,000 ރުފިޔާއާއެކު ޖުމްލަ 120,000 ރުފިޔާ ދޭން ހަމަޖައްސާފައެވެ.
މި ނިންމުމާއެކު، މުބާރާތުގެ ތިން ރީޖަންގައި ވާދަކުރާ ޖުމްލަ 12 ޓީމަށް އެފްއޭއެމް އިން ކުރާ ހޭދަ މިހާރު ވަނީ 1.4 މިލިއަން ރުފިޔާއަށް އަރާފައެވެ.
މި މުބާރާތަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، "ފީފާ ފޯވާޑް" ޕްރޮގްރާމްގެ ދަށުން ދެއްވި 266,000 ޑޮލަރު (4.1 މިލިއަން ރުފިޔާ) ގެ އެހީގައި ކުރިއަށްގެންދާ މުބާރާތެކެވެ.
ފީފާގެ ރުހުން ލިބިފައިވާ އޮނިގަނޑަކަށް ބައްޓަންކޮށްފައިވާ މި މުބާރާތުގެ މެޗުތައް މިހާރު ކުރިއަށްދަނީ ތިން ސަރަހައްދަކަށް ބަހާލައިގެން "ހޯމް އެންޑް އަވޭ" އުސޫލުންނެވެ. \
އޭގެ ތެރޭގައި ހިމެނެނީ ނޯތު ރީޖަން (ދިއްދޫ، ހަނިމާދޫ، މަނަދޫ، އޭދަފުށި)، ސެންޓްރަލް ރީޖަން (ހުރާ، މަހިބަދޫ، މީދޫ، ކުޑަހުވަދޫ) އަދި ސައުތު ރީޖަން (ގަން، ކުނަހަންދޫ، ގައްދޫ، ފޭދޫ) އެވެ.
މި މުބާރާތުގެ ނަތީޖާ އިންތިހާއަށް މުހިންމުވަނީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު މި މުބާރާތުގެ ތެރެއިން ހުޅުވިފައިވާތީއެވެ.
ކޮންމެ ރީޖަން ލީގެއްގެ ޗެމްޕިއަން ޓީމަށް ޕްރިމިއާ ލީގު ކޮލިފިކޭޝަނުން ޖާގަ ލިބޭނެއެވެ. މި ކޮލިފިކޭޝަންގައި ދެން ވާދަކުރާނީ މާލޭ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ޓީމާއި، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސްއެވެ.
މި ހަ ޓީމުގެ މެދުގައި ކުޅެވޭ ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް 26/27 ވަނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ކަށަވަރުވާނެއެވެ.