15 މީހުންނާއެކު މަހަށް ދިޔަ ދޯންޏެއް ގެއްލިއްޖެ

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓު ގާޑުން ދަނީ ހަރަކާތްތެރިވަމުން -- ފޮޓޯ: އެމްއެންޑީއެފް

ފަނަރަ މީހުންނާއެކު މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ކ. ގާފަރަށް ނިސްބަތްވާ "ފަހިރޯދި" ނަމަކަށް ކިޔާ ދޯންޏެވެ. އަދި އެ ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށާއި، މަސްވެރިކަމަށް އެ ދޯނި ނުކުމެފައި ވަނީ އެރަށުގެ އިރުމަތި ފަރާތަށް ކަމަށް އެ ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް ސިފައިން ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ދިގުމިނުގައި 90 ފޫޓް އަދި ދޯނީގެ ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، ދޯނީގެ ގެގަނޑުގައި ހުދު ދަވާދު ލާފައިވާ ދޯންޏެއް ކަމަށެވެ.

އެ ދޯންޏާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ އެކަން ހިއްސާ ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް