ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތައް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން (އެމްޔޫއޯ) އިން ގޮވާލައިފި އެވެ.
އިދިކޮޅު ފަރާތްތަކުން ގުޅިގެން އުފުއްދާފައިވާ އެމްޔޫއޯ އިން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު ޝިދާތާ ޝަރީފު ވިދާޅުވީ ފ. އަތޮޅުގައި ސައުދީން ހިންގުމަށް ތައްޔާރުވަމުން އަންނަ މަޝްރޫއާ ގުޅޭ ތެދު މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވުމުން އެކަމުގައި އަޑި ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް އުކުލެވިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބޭރުގެ އިންވެސްޓްމަންޓްތަކަކާ ދެކޮޅެއް ނޫން. ދެފުށް ފެންނަ ރަނގަޅު ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކުރިއަށް ގެންދެވޭ އިންވެސްޓްމަންޓްތަކަށް އަޅުގަނޑުމެން މަރުހަބާ ކިޔަން،" ޝިދާތާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މި ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ މިއަދާ ހަމައަށް ވެސް ސަރުކާރަން ފ. އަތޮޅަށާއި އެ އަތޮޅުގެ ރައްޔިތުންނަށް ވާން އުޅޭ ގޮތެއް ހާމަކޮށްފައި ނުވާ ކަމަށާއި މުޅި ދިވެހި ގައުމު އޮތީ ސުވާލުމާކެއްގެ ތެރޭގައި ކަމަށެވެ.
"ފ. އަތޮޅުގައި ޕްރޮޖެކްޓެއް ހިންގާ ކަމުގައިވާ ނަމަ އެއީ ކުއްޔަށް ދީގެން ކަމުގައި ވަނީ ނަމަވެސް ސަރުކާރުން ފ. އަތޮޅުގެ ރައްޔިތުންނަށް އެކަން ހިއްސާކޮށްދެއްވާށޭ. ރާއްޖޭގައި ހުރި ސިޔާސީ ޕާޓީތަކަށް އެކަން ހިއްސާކޮށްދެއްވާށޭ،" މަލީހު ވިދާޅުވި އެވެ.
އެމްއޯޔޫ އިން އަންނަނާ ފ. އަތޮޅު ވިއްކާ ނުލުމަށް ގޮވާލާއި އަންނަ ހަފްތާގެ ހުކުރު ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.