ހަލުވިކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ، އެޗްވަންއެންވަން އަށް ޕޮސިޓިވްވި މީހުންގެ އަދަދު 105ށް އަރައިފި އެވެ.
ރެއާ ހަމައަށް އެ އަދަދު އުޅެނީ 82 ގައެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް އިންފުލުއެންޒާއަށް ޓެސްޓްކޮށްފައިވަނީ 335 މީހެކެވެ. އޭގެތެރެއިން 105 މީހުން ޕޮސިޓިވްވެފައިވާއިރު އެއީ ޓެސްޓް ކުރި މީހުންގެ 31 ޕަސެންޓެވެ.
މުޅިރާއްޖޭން 1815 މީހުން އިންފުލުއެންޒާއަށް ޝައްކުކުރެވޭތީ އިއްޔެ ވަނީ ޑޮކްޓަރަށް ދައްކާފައެވެ. އޭގެ ކުރީ ދުވަހު މުޅި ރާއްޖޭން 2314 ވަނީ އިންފުލުއެންޒާއަށް ޝައްކުކުރެވޭތީ ޑޮކްޓަރަށް ދައްކާފައެވެ.
ބައްޔަށް ޝައްކުކުރެވޭތީ އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 24 ހަށް އަރައެވެ.
އިންފުލުއެންޒާއަށް ޝައްކުކުރެވޭތީ އެންމެ ގިނައިން މީހުން ޑޮކްޓަރަށް ދައްކާފައިވަނީ ހދ އަތޮޅާއި ލ އަދި ކ އަތޮޅުންނެވެ.
އިންފުލުއެންޒާ އެޗްވަން އެންވަންއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ދެ މީހުން ވަނީ މަރުވެފަ އެވެ. އެއީ 26 އަހަރުގެ ފިރިހެނަކާއި 51 އަހަރުގެ އަންހެނެކެވެ.
އިންފުލުއެންޒާގެ އަލާމާތްތައް
- ހުން އައުން
- ކަރުގައި ރިހުން
- ބޮލުގައި ރިހުން
- ގައިގައި ރިހުން
- ހީކަރުވާފައި ވަރުދެރަވުން
- ބޭރަށް ހިންގުން، ހޮޑުލުން
ސަލާމުކަން ދޭންޖެހޭ ކަންތައްތައް
- އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
- އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ
- ގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
- ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
- ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
- ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން
އޭގެ އިތުރުން ހޮސްޕިޓަލު ފަދަ ތަންތަނަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.