ޗައިނާއިން އާ ބާވަތެއްގެ ސްވައިން ފްލޫ ވައިރަހެއް ފެނިއްޖެ

ޗައިނާގެ ސައިންސުވެރިން އެމެރިކާގެ ސައިންޓިފިކް ޖާނާލްއެއްގައި ޝާއިއު ކުރި ދިރާސާއެއްގައި ވަނީ އާ ބާވަތެއްގެ ސްވައިން ފްލޫއެއް ފެނިފައިވާ ކަމަށް ބުނެފަ -- ފޮޓޯ: ޒިންހުއާ

ބެއިޖިން (ޖުލައި 1): ޗައިނާއިން އާ ބާވަތެއްގެ ސްވައިން ފްލޫ ވައިރަހެއް ފެނިއްޖެ ކަމަށް އެގައުމުގެ ސައިންސުވެރިން ބުނެފި އެވެ.

ޗައިނާގެ ޝަންޑޮންޑް އެގްރިކަލްޗަރަލް ޔުނިވާސިޓީ އާއި އެގައުމުގެ ނެޝަނަލް އިންފްލުއެންޒާ ސެންޓަރުގެ ސައިންސުވެރިން ހިމެނޭ ގޮތަށް ހެދި ދިރާސާއަކުން ހޯދިފައި ވަނީ 2009އެއްގައި ދުނިޔޭގައި ފެތުރުނު އެޗްވަންއެންވަން ވައިރަހާ އެއްގޮތް ވައިރެހެކެވެ.

އެމެރިކާގެ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ޕްރޮސީޑިންސް އޮފް ދަ ނެޝަނަލް އެކެޑެމީ އޮފް ސައިންސެސްގައި މިހާރު ޝާއިއުކޮށްފައިވާ އެ ދިރާސާގައިވާ ގޮތުން އެ ވައިރަހަށް ދީފައިވާ ނަމަކީ ޖީ4 ވައިރަސް އެވެ.

އެ ދިރާސާގައިވާ ގޮތުން ޖީ4 ވައިރަސް ފެނުނީ 2011 އާއި 2018 އާ ދޭތެރޭ ޗައިނާގެ 10 ޕްރޮވިންސެއްގައި ގެންގުޅޭ އޫރުން ސައިންސުވެރިން ނެގި 30،000އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓުކޮށްގެންނެވެ. އެ ސާމްޕަލްތަކުން 179 އިންފްލުއެންޒާ ވައިރަސް ފާހަގަ ކުރެވުނު އިރު އޭގެ ގިނަ ވައިރަސްތައް ކަންބޮޑުވާން ޖެހޭ މިންވަރަކަށް ނުފެތުރެ އެވެ. ނަމަވެސް ޖީ4 ވައިރަސް ކޮންމެ އަހަރަކު ވެސް އޫރުތަކުން ފެންނަމުން ދިޔަ ކަމަށާއި 2016 ވަނަ އަހަރު އޫރުގެ އާބާދީ ތެރޭ އެ ވައިރަސް ފެތުރުނު މިންވަރު ވަރަށް ބޮޑަށް އިތުރުވި ކަމަށް ސައިންސުވެރިން ބުންޏެވެ.

އެހެންކަމުން އެ ވައިރަހުގެ އިތުރު ޓެސްޓުތައް ހެދުމުން، އެ ވައިރަސް އޫރުގެ ފަރާތުން އިންސާނުންގެ ގަޔަށް އަރާކަން އެނގުނެވެ. އެގޮތުން އޫރު ގިނަ އަދަދަކަށް ގެންގުޅޭ ޗައިނާގެ ދެ ޕްރޮވިންސެއް ކަމަށްވާ ހީބެއި އާއި ޝަންޑޮންގްގައި އޫރު ގެންގުޅޭ ދަނޑުތަކުގެ މަސައްކަތް ކުރާ މީހުންގެ ތެރެއިން 10 ޕަސެންޓު މީހުންގެ ގައިން ވައިރަހުގެ އެންޓިބޮޑީތައް ފެނިފައިވެ އެވެ.

ނަމަވެސް އެ ވައިރަސް އިންސާނުންގެ ތެރޭގައި ގައިން ގަޔަށް އަރާ ކަމުގެ އެއްވެސް ހެއްކެއް ނުފެންނަ ކަމަށް ޔުނިވާސިޓީގެ އޮފް ވޮޝިންޓަންގެ ބަޔޮލޮޖީ ޕްރޮފެސަރު ކާލް ބާގްސްޓްރޮމް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ވައިރަސް އިތުރަށް ބަދަލުވެ، އިންސާނުންގެ ގައިންގަޔަށް އަރާ ބަލިމަޑުކަމަކަށް ވުމުގެ ފުރުސަތު އޮތް ނަަމަވެސް، މިވަގުތު ވައިރަހުގެ ބޮޑު ނުރައްކަލެއް އާއްމު ސިއްހަތަށް ނެތްކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އަދި އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީގެ ޕަބްލިކް ހެލްތު ސްކޫލުގެ ވައިރޮލޮޖިސްޓު ޑރ. އެންޖެލާ ރަސްމުސެން ވަނީ އެ ވައިރަހާ ބެހޭ ގޮތުން މީހުން މާ ބޮޑަށް ހާސްވެ، ކަންބޮޑު ނުވުމަށް އެދިއްލާވަފަ އެވެ. އަދި މި ވަގުތު އެ ވައިރަސް، އެޗްވަންއެންވަންގެ އެހެން ބާވަތްތަކުގެ ވައިރަހަށް ވުރެ ނުރައްކާތެރި ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.

އެ ދިރާސާ ޝާއިއު ކުރި ސައިންސުވެރިން ވަނީ ވައިރަސް އޫރުގެ މެދުގައި ފެތުރުން ކޮންޓްރޯލް ކުރުމާއި އޫރުގެ ވިޔަފާރީގައި މަސައްކަތް ކުރާ މީހުންގެ ސިއްހީ ހާލަތު ބަލަމުން ގެންދިޔުން ފަދަ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް