ތ. ހިރިލަންދޫގައި ސުވައިންފުލޫ ފެތުރެމުންދަނިކޮށް އެ ރަށު ސިއްހީ މަރުކަޒުގައި ހުންނަ ޑޮކްޓަރަށް ރޯގާޖެހި އިތުރު ޑޮކްޓަރެއް އެ ރަށަށް ގެންގޮސްފި އެވެ.
އެ ރަށު ކައުންސިލް އިން މިއަދު ބުނި ގޮތުގައި 1200 އާބާދީއެއް ހިމެނޭ އެރަށް ވަނީ ބަލިމަޑު ކަމެއްގެ ތެރޭގަ އެވެ. ސްކޫލަށް ވެސް މިއަދު ދިޔައީ އެންމެ ހަތް ކުދިންނެވެ. ވަޒީފާތަކަށް ވެސް މީހުންނަށް ނުދެވެ އެވެ.
ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް މިއަދު ސަން އަށް ވިދާޅުވީ އެރަށުގައި ހުންނެވި ޑޮކްޓަރަށް ރޯގާޖެހިގެން އިއްޔެ ކަނޑޫދޫގައި ހުންނަ ޑޮކްޓަރު ގެނެސް ބަލި މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ.
އަދި މިއަދު ތ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަކާއި ނަރުހެއް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެ ދިޔަ ދެ ދުވަހު 30 މީހުން އެރަށުން ރޯގާއަށް ފަރުވާ ހޯދާފައިވާ އިރު އޭގެ ތެރޭގައި 15 ކުޑަކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލާލް ވިދާޅުވީ އެ ރަށު ހަ މީހެއްގެ ސާމްޕަލް ނަގައި މާލެ ފޮނުވައިގެން ޓެސްޓް ހެދި އިރު އޭގެ ފަސް ސާމްޕަލް އިން އިންފުލުއެންޒާ އޭއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި އަހަރު ކުރީކޮޅު މުޅި ރާއްޖެ ހިމެނޭ ގޮތަށް ވަނީ ވަރަށް ބޮޑަށް ސްވައިން ފުލޫ ފެތުރި އެތައް ބަޔަކު އެބަލީގައި މަރުވެފަ އެވެ.