މި ދުވަސްވަރު މާލެ އާއި އަތޮޅުތަކުގައި އަރިދަފުސް ރޯގާ ފެތުރިދާނެ ކަމަށާއި އެކަމަށް ތައްޔާރުވުމަށް އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު އަރިދަފުސް ރޯގާ ފެތުރޭ ކަން ފާހަގަ ކުރެވިފައިނުވި ނަމަވެސް މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރުގެ މިހާ ހިސާބުގައި އަރިދަފުސް ރޯގާ އިތުރުވެގެންދާ ކަމަށެވެ.
މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހޭ މީހުންގެ ތެރެއިން އިންފުލުއެންޒާ ޖެހޭ މީހުން ފެންނަމުންދާ ކަމަށާއި މިފަދަ ބަލިތައް ޖެހުމުން މާބަނޑު މީހުންނާށާއި ފަސް އަހަރުން ދަށުގެ ކުޑަދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާދޭ މީހުންގެ ބަލި ހާލަތު އާންމު ސިއްހަތު ރަނގަޅު މީހުންނާ އަޅައި ބަލާ އިރު ބޮޑުކަމަށް އެ އެޖެންސީ އިން ބުންޏެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ އެކަންތައްތަކަށް ސަމާލުވުމަށް ދުރާލާ ތައްޔާރު ވާންޖެހޭނެ ކަމަށާއި އެ ކެޓެގަރީތަކަށް ނިސްބަތްވާ މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ޖެހޭނެ ކަމަށެވެ.
އެ ފަދަ ނުރައްކާތެރި ރޯގާތަކުން ސަލަމާތްވުމަށް އާއްމު ސާފުތާހިރުކަމަށް ވިސްނުމާއި ރޯގާ ޖެހި ހުންއަންނަ ނަމަ ޕެރެސެޓަމޯލް ފިޔަވާ އެހެންް އެއްވެސް ބޭހެއް ބޭނުންކުރާ ނަމަ ޑަކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދަން ޖެހުމާ އެކު ވެކްސިން ޖެހުމަށް ސަމާލުކަން ދިނުމަށް އެ ބަޔާނުގައިވެ އެވެ.
ވެކްސިން ޖެހުމުން އެއް އަހަރުގެ މުއްދަތަކަށް ރައްކާތެރިކަން ލިބިގެންދާ އިރު އަތޮޅުތެރޭގައި ހޮސްޕިޓަލްތަކުންނާއި ސިއްހީ މަރުކަޒުތަކުން ވެކްސިން ޖެހުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މާލޭގައި ވެކްސިން ޖަހާދޭނީ ދަމަނަ ވެށިން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.