ހުމާއި ރޯގާ ޖެހިގެން ދައްކާ އެންމެން އިންފުލުއެންޒާއަށް ޓެސްޓެއް ނުކުރާނެ

އިންފުލުއެންޒާއިން ރައްކާތެރިވުމަށް ބަޔަކު މާސްކު އަޅައިގެން: އިންފުލުއެންޒާ ޓެސްޓް ހަދާނީ ޑޮކްޓަރަށް ވަކި ކަންތައްތަކެއް ފާހަގަކުރެވިގެން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާގައި ހުމާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތަށް ޑޮކްޓަރަށް ދައްކާ އެންމެންނަކީ އިންފުލުއެންޒާއަށް ޕޮސިޓިވްވާ މީހުންނަށް ނުވެދާނެ އެވެ.

ނަމަވެސް ޑޮކްޓަރުން އިލްތިމާސްކުރަނީ އިންފުލުއެންޒާގެ އަލާމާތެއް ހުރިނަމަ ޑޮކްޓަރަށް ދެއްކުމަށެވެ.

ޑޮކްޓަރަށް ދައްކަން ދާ މީހުން ވަރަށް ގިނަ ޝަކުވާތަކެއްވެސް ހުރެ އެވެ. އެއީ ޑޮކްޓަރަށް ދެއްކުމުން ޓެސްޓު ނުހަދާތީ އެވެ. "ހުން އައިސްގެން ގޮސް ޑޮކްޓަރަށް ދެއްކީ އިންފުލުއެންޒާ ހުރިތޯ ބަލަން ޓެސްޓެއްވެސް ނުހަދާ،" ކަމަށް ބައެއް މީހުން ބުނެ އެވެ.

މިއީ ބައެއް މީހުންނަށް ސާފުނުވެ އޮތް ކަމެކެވެ. ހުމާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި ނަމަވެސް އިންފުލުއެންޒާއަށް ޓެސްޓް ހަދަން ނުޖެހޭކަން މީހުންނަށް އޮތީ ސާފުނުވެ އެވެ.

އޭޑީކޭގައި މަސައްކަތްކުރާ، ގިނަ ބައެއްގެެ މަގުބޫލުކަން ހޯދާފައިވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފު ވިދާޅުވީ، އިންފުލުއެންޒާއަށް ޓެސްޓް ހަދަނީ ބަލިމީހާގެ ވަކި އަލާމާތްތަކެއް ހުރިކަން ޑޮކްޓަރަށް ފާހަގަކުރެވޭ ނަމައެވެ. އެގޮތުން ޑޮކްޓަރުން ބަލާ ވަކި ކަންތައްތަކެއް ހުންނަ ކަމަށް ޑރ ނިޔާފު ވިދާޅުވި އެވެ.

" ޑޮކްޓަރުން ގެންގުޅޭނެ ޗެކްލިސްޓެއް. ޗެކްލިސްޓުގައި ހުންނަ ވަކި ކަންކަމެއް ފާހަގަކުރެވުނީ ޓެސްޓް ހަދަން ޑޮކްޓަރުން އިރުޝާދު ދޭނީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ޑޮކްޓަރަށް ދައްކާއިރު، ހުން އައިސްފައި ރޯގާ ހުއްޓަކަސް ޓެސްޓް ހަދާކަށް ނުޖެހެ އެވެ. ޓެސްޓް ހަދަން ޖެހޭ ހާލަތެއްގެ ގޮތުގައި ޑރ. ނިޔާފު ފާހަގަކުރެއްވީ ކަށިގަނޑު އަޅައިގެން ބަލާއިރު ފުއްޕާމޭގައި އުނދަގުލެއް ހުރިކަމަށް ޑޮކްޓަރަށް ފާހަގަކުރެވޭނަމަ ފުއްޕާމޭ ސާފުތޯ ބެލުމަށް ފަހު އެވެ.

އެއީ އިންފުލުއެންޒާގައި ފުއްޕާމެއަށް އުނދަގޫވުމާއި ނޭވާލާން އުނދަގޫވާ ކަހަލަ އަލާމާތްތަކެއް ހުންނާނެ އެވެ. އެފަދަ ހާލަތެއް އަތުވެ ނޭވާލާން އުނދަގޫވެއްޖެ ނަމަ ބަލިމީހާ ސީރިއަށް ހާލަތަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ފުލޫގައި ޑޮކްޓަރަށް ދެއްކިނަމަވެސް ޑޮކްޓަރުން ހަމައެކަނި ބަލަނީ އިންފުލުއެންޒާގެ އަލާމާތްތަކެއް ހުރިތޯ ނޫން ކަމަށް ޑރ ނިޔާފު ވިދާޅުވި އެވެ. މިދުވަސް ވަރަކީ ޑެންގޫ ފެތުރެމުންދާ ދުވަސްވަރެއް ކަމުން ޑެންގޫގެ އަލާމާތްތައް ހުރިތޯ ބެލުމަށް ފަހު އެއަށްވެސް ޓެސްޓް ކުރަން ފޮނުވައިފާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. އެހެންކަމުން މިކަންކަމަށް ބަލިމީހުން ސަމާލުކަން ދިނުން މުހިންމެވެ.

އިންފުލުއެންޒާއަށް ޕޮސިޓިވް 82 މީހަކު މިހާތަނަށް ރާއްޖޭން ވަނީ ފެނިފައެވެ. އަދި އިންފުލުއެންޒާ ޖެހިގެން 2 މީހަކު ވަނީ ނިޔާވެފައެވެ.

އިންފުލުއެންޒާގެ އަލާމާތްތައް

  • ހުން އައުން
  • ކަރުގައި ރިހުން
  • ބޮލުގައި ރިހުން
  • ގައިގައި ރިހުން
  • ހީކަރުވާފައި ވަރުދެރަވުން
  • ބޭރަށް ހިންގުން، ހޮޑުލުން

ސަލާމުކަން ދޭންޖެހޭ ކަންތައްތައް

  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
  • އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ

  • ގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
  • ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
  • ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
  • ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން

އޭގެ އިތުރުން ހޮސްޕިޓަލު ފަދަ ތަންތަނަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް