ކުންފުނިތައް މެދުވެރިކޮށް ކްލަބުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުން، ފިތުނައިގައި ނުޖެހި އެކަން ފަހިކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ހުރިހާ ބޭފުޅުންވެސް ޝުކުރު އަދާކުރަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެއެވެ.
ޑޭވް އެހެން ވިދާޅުވީ ޓީސީ ސްޕޯޓްސް ކްލަބުގެ ކާމިޔާބު ފާހަގަކުރެއްވުމަށް ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ. އެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސް ޔާމީނެވެ.
"އަޅުގަނޑު މީގެ ހަފްތާއެއް ކުރިން ކޮފީ މޭޒެއްގެ މަތިން ބަޔަކު ބުނި އަޑުއެހިން ފުޓްބޯޅަ ޓީމުތަކަށް ކުންފުނިތަކުން ސްޕޮންސަރުން ދީގެން މިކުރަނީ ކޮންކަމެއްހޭ. އޭގެ ބޭނުމަކީ ކޮބައިހޭ. އެމީހުންދެއްކީ ވަރަށް ފިތުނަވެރި ވާހަކަތަކެއް. އަޅުގަނޑު އެންމެހާ ބޭފުޅުން ކައިރީ ދަންނަވާލަން ބޭނުންވަނީ އެ ފިތުނައިގައި ޖެހިވަޑައި ނުގަންނަވައްޗޭ،" ޑޭވް ވިދާޅުވިއެވެ.
ޑޭވް ވިދާޅުވީ، ވަރަށް ހާލުގައި ޓީމުތަކެއް އޮއްވައި އެޓީމުތައް ކޮޅަށް ޖަހާނެ ގޮތެއް ހޯދުމަށްޓަކައި އެކިއެކި ފަރާތްތަކާއެކު ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި ކްލަބުތަކަށް ފައިސާދޭނެ އުސޫލެއް މިހާރު ހޯދިފައިވާ ކަމަށެވެ.
"ވަރަށް ހާލުގައި ޓީމުތަކެއް އޮއްވާ އެޓީމުތައް ކޮޅަށްޖަހާނެ މެކޭނިޒަމެއް ގާއިމްކުރުމަށް ބައިވަރު ބޭފުޅުންތަކަކާއެކު ކުރި ވަރަށް މިންނެތް މަސައްކަތްތަކަކަށްފަހު މިއަދު ﷲގެ ވާގިފުޅާއެކު އެކަން ވެގެންމިދިޔައީ. ހުރިހާ ޓީމުތަކަށް ވެސް ލުއިވެގެންދާނެ ގޮތަކަށް. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުމާ އެއްގޮތަށް އެކަންތައް ކުރައްވާފައި އޮތީމަ އަޅުގަނޑުމެން އެންމެން ވެގެންވީ އެމަނިކުފާނަށް ސަޕޯޓްދީ ކުރިއަށްއޮތްތަނުގައި ފިތުނައިގައި އެއްވެސް ބޭފުޅަކު ނުޖެހެން،" އޭނާ ވިދާޅުވިއެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ވަރަށް ހާލުގައި ފުރަތަމަ ޑިވިޝަންގެ ކްލަބުތައް ހިންގަމުންދިޔަ ނަމަވެސް، މިހާރު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކޮންމެ ކްލަބަކަށް ފައިސާގެ އެހީތެރިކަން ކުންފުނިތަކުން ފޯރުކޮށްދޭނެއެވެ. މާލޭ ލީގުގައި ވާދަކުރާ ކޮންމެ ކްލަބަކަށް ހަމެޖެހުނު ކުންފުނިން އެ ކްލަބަކަށް ދެ މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.