ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި

ދިވެހި އަސްކަރިއްޔާގައި މިހާރު ބޭނުންކުރާ ކުރަނގި ހެލިކޮޕްޓަރު: ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި މިއަދު ވަނީ ހެލިކޮޕްޓަރު ބޭނުން ކުރަން ފަށާފައި --- ފޮޓޯ/ އަނަސް ނަޝީދު

ފުވައްމުލައް ސިޓީގެ ބޭރުގައި އޮންނަ ފުވައްމުލަކު ތިލަ ނަމަކަށްކިޔާ ޑައިވިން ޕޮއިންޓްގައި އޮތް ސަފާރީއަކުން ފީނަން ފޭބި ގޮތަށް ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި އެވެ.

މިމަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު، ގެއްލިގެން ހޯދަން ފެށި އެ ފަތުރުވެރިޔާއަކީ 45 އަހަރުގެ ފިރިހެނެކެވެ.

އެމްއެންޑީއެފް އިން ބުނެފައި ވަނީ ގެއްލިގެން ހޯދާ ފަތުރުވެރިޔާ ލައިގެން ހުރީ އަޅިކުލައިގެ ރޭޝްގާޑް (ޑައިވް ޓީޝާޓް)އެއް ކަމަށާއި، އަދި ކަޅު ކުލައިގެ މާސްކެއް އޭނާ އަޅާފައިވާ ކަމަށެވެ. އަދި އޭނާ އަރައިގެން ހުރީ ކަޅުކުލައިގެ ފިންސަކަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމީހާ ގެއްލުނު ސަރަހައްދުން މިދިޔަ ބުދަ ދުވަހު ޑައިވިން ޖެކެޓަކާއި ޑައިވިން ފުޅިއެއް އޮޔާދަނިކޮށްވަނީ ފެނިފަ އެވެ. އެ ތަކެތި ފެނިފައި ވަނީ ފުވައްމުލަކު "ދަނޑިމަގު ފަންނު"އާ ގާތްގަނޑަކަށް 50 މީޓަރު ބޭރުން ދަތުރުކުރަމުން ދިޔަ މަސް ދޯންޏަކަށް އެ ދުވަހުގެ ހެނދުނު 7:50ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ހެލިކޮޕްޓަރު ބޭނުން ކޮށްގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އެމީހާ ހޯދުމުގެ މަސައްކަތުގައި މޯލްޑިވިއަންގެ ސީޕްލޭން ވެސް ދަނީ ބޭނުން ކުރަމުންނެވެ.

comment ކޮމެންޓް