ފުވައްމުލަކު ބޭރުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެމަގުން ފަށައިފި

މޯލްޑިވިއަންގެ ސީޕްލޭނެއް -- ސަން ފައިލް ފޮޓޯ

ފުވައްމުލަކު ސިޓީގެ ބޭރުގައި އޮންނަ ފުވައްމުލަކު ތިލަ ނަމަކަށްކިޔާ ޑައިވިންގް ޕޮއިންޓްގައި އޮތް ސަފާރީއަކުން ފީނަން ފޭބި ގޮތަށް ހަބަރެއް ނުވި ފަތުރުވެރިޔާ ހޯދަން މޯލްޑިވިއަންގެ ސީ ޕްލޭން ބޭނުންކުރަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އިއްޔެ ހަވީރު ގާތްގަނޑަކަށް 5:10ގައި ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑް އިން މޯލްޑިވިއަން ސީ ޕްލޭންގެ އެހީގައި ފަށާފައިވާ ކަމަށެވެ.

ފުވައްމުލަކު ސިޓީގެ ބޭރުގައި އޮންނަ ޑައިވިންގް ޕޮއިންޓަށް 20 މީހުންނާ އެކު ފީނާން ފޭބި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން އަންނަނީ 45 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ގައުމެއް އެއްވެސް ފަރާތަކުން އަދި އާންމެއް ނުކުރެ އެވެ.

ގެއްލުނު ފަތުރުވެރިޔާ ލައިގެން ހުރީ އަޅިކުލައިގެ ރޭސްގާޑް (ޑައިވް ޓީޝާޓް)އެއް ކަމަށާއި އަދި ކަޅުކުލައިގެ މާސްކެއް އަޅާފައިވާ އިރު، އޭނާ އަރައިގެން ހުރީ ކަޅުކުލައިގެ ފިންސަކަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ، އެ ފަތުރުވެރިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް