އައިޓީބީ ޗައިނާ 2024ގައި ބައިވެރިވުމަށް ހުށަހެޅޭ މުއްދަތު އިތުރުކޮށްފި

އައިޓީބީ ޗައިނާ 2023ގައި އެމްއެމްޕީއާރުސީން ބައިވެރިވުން -- ފޮޓޯ/ އެމްއެމްޕީއާރުސީ

އައިޓީބީ ޗައިނާ 2024ގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭ މުއްދަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިތުރުކޮށްފިއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ފެއާގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހު 25ގެ މެންދުރު 1:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޗައިނާގެ ޓްރެވަލް މާކެޓަށް ޚާއްސަކޮށްގެން ބާއްވާ ލީޑިން ބީޓުބީ ޓްރޭޑް ޝޯއެއް ކަމަށްވާ އައިޓީބީ ޗައިނާ ކުރިއަށްދާނީ އަންނަ މަހުގެ 27 އިން 29 އަށް ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު މާކެޓެއްގެ ގޮތުގައި ޗައިނާ ދެމިއޮތްއިރު، ޗައިނާގެ ބޯޑަރުތައް މިދިޔަ އަހަރު އަލުން ހުޅުވާލުމާ ގުޅިގެން އެ ގައުމުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މީގެއިތުރުން، އައިޓީބީ ޗައިނާގައި ބައިވެރުމަށް އިތުރުކޮށްފައިވާ މުއްދަތަކީ ޗައިނާގެ ކުރިއަރަމުން އަންނަ ޓްރެވަލް ސެކްޓަރުގެ ތެރޭގައި ނިންމުންތައް ނިންމާ ފަރާތްތަކާއި ޕޮޓެންޝަލް ޕާޓްނަރުންނާ ގުޅުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނަށް ލިބިގެންދާނެ އަގުހުރި ފުރުސަތެއް ކަން އެމްއެމްޕީރުސީން ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ، އެމްއެމްޕީއާރުސީން ވަނީ މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަތުރުވެރިކަމުގެ ކުންފުނިތަކުން އިސްލާހުކޮށްފައިވާ ސުންގަޑިއަށް ފޯމު ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް