އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗަށް ބަންގާޅަށް ފުރައިފި

އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗަށް ބަނގްލަދޭޝްއަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން: މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނަންޖެހޭނީ ބަންގާޅު ޗެމްޕިއަން ދާކާ އަބަހާނީއާ ދެކޮޅަށް --- ސަން ފޮޓޯ

އޭއެފްސީ ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކުޅޭ ފުރަތަމަ މެޗަށް ބަނގްލަދޭޝްއަށް ފުރައިފިއެވެ.

ބަންގާޅު ޗެމްޕިއަން ދާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗުގައި ވާދަކުރުމަށް މާޒިޔާ، ފުރާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތެއްގައެވެ.

މިއަދު ބަންގާޅަށް ފުރި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ޓީމުގެ މުހިންމު ކުޅުންތެރިން އެ ދަތުރުގައި ބައިވެރިވެފައިވާއިރު، އެޓީމުގެ ކޯޗު މަރްޔަން ސެކުލޮވްސްކީ ބުނީ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި ޓީމުގެ ފަރިތަކުރުންތައް ވަރަށް ރަނގަޅަށް ގޮސްފައިވާ ކަމަށެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ މިފަހަރު އޮތީ ބަނގްލަދޭޝްގެ ޗެމްޕިއަން ދާކާ އަބަހާނީއާއި، އިންޑިއާ ޗެމްޕިއަން ބެންގަލޫރު އެފްސީ އަދި އެގައުމުގެ ރަނަރަޕް މޯހަން ބަގާންއެކު 'ގްރޫޕް އީ'ގައެވެ. އޭގެ ތެރެއިން ބެންގަލޫރު އެފްސީއަކީ އިންޑިއާގެ ޗެމްޕިއަނުންގެ އިތުރުން އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ރަނަރަޕެވެ.

ބަންގަބަންދު ނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ 'ގްރޫޕް އީ'ގެ މެޗުގައި ދާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ ނުކުންނާނީ އަންނަ އަންގާރަ ދުވަހު ރާއްޖެގަޑިން ހަވީރު 5:10 ގައެވެ.

comment ކޮމެންޓް