އަހުމަދު ޝިޔާމް
ބައެއް މީހުން އިންސާފު އެއީ އޮންނަ އެއްޗެއް ކަމަށް ގަބޫލެއް ނުކުރެ އެވެ. އަނެއްބައި މީހުނަށް އިންސާފަކީ އެމީހާ ބޭނުންވާ ގޮތަށް އެކަމެއް ވުމެވެ. އިންސާފަކީ ފައިސާއާއި ބާރުން ގަނެވޭ އެއްޗެއް ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އުޅެ އެވެ. އަނެއް ބަޔަކަށް ކޮންމެ ގޮތަކަށް އިންސާފު ދިޔަޔަސް ވަރިހަމަ އެވެ. އިންސާފަކީ އޮންނަ އެއްޗެއްކަމަށް ގަބޫލުކުރާ ބަޔަކު ވެސް އުޅެ އެވެ.
ވަރަށް ގިނަ ކަންތަކާ ގުޅިގެން އިންސާފު ކުރެވެ އެވެ. ކޯޓުތަކުން ވެސް ކުރަނީ އިންސާފެވެ. މުބާރާތްތަކުގައި ވެސް ކުރަނީ އިންސާފެވެ. އުނގެނުމުގެ ދާއިރާއިން ވެސް އެންމެ ފަހުން ކުރާކަމަކީ އިންސާފެވެ. ދިރިއުޅުމުގައި ވެސް އާއިލާ ތެރޭގައި ވެސް ކުރެވެނީ އިންސާފެވެ. ކޮންމެ އިންސާފު ކުރުމެއްގައި ވެސް ފަނޑިޔާރުން ތިބެ އެވެ. ރެފްރީން ވެސް ތިބެ އެވެ. އެންމެ ފަހުން ނެރެނީ ނަތީޖާ އެވެ. އެކި ނަންނަމުގަ އެވެ. ބައެއް ފަހަރަށް އަމިއްލަ ނަފުސު ވެސް އިންސާފު ކުރަންޖެހެވެ.
ނަމަވެސް ކޮންމެ ކޮންމެ މީހަކަށް އިންސާފެއް ނުކުރެވޭނެ އެވެ. ރަނގަޅަށް އިންސާފު ކުރެވޭނީ ތަމްރީނުވެ އަދި ތަޖުރިބާތަކެއް ލިބިގެންނެވެ. ލަވަކިޔާ ކޮންމެ މީހަކަށް ލަވަޔަށް އިންސާފުކުރާކަށް ނޭނގޭނެ އެވެ. ފުޓްބޯޅަކުޅޭ ކޮންމެ މީހަކަށް ރެފްރީކަމެއް ނުކުރެވޭނެ އެވެ. ފިލްމު ޑައިރެކްޓްކުރާ ކޮންމެ މީހަކަށް ފިލްމަށް އިންސާފު ކުރާކަށް ނޭނގޭނެ އެވެ. ނަމަވެސް ފާޑު ކިއިދާނެ އެވެ. ފިލްމު އެ ވޯޑު ދިނުމުގެ ހަފްލާއެއްގައި އިންސާފުކުރި ފަޑިޔާރަކު ވާހަކަދައްކަމުން ބުނީ އެންމެ ފުރިހަމައަށް އިންސާފު ލިބޭނީ ގިޔާމަތް ދުވަހުން ކަމުގަ އެވެ. އެއީ ވަރަށް ވެސް ބޮޑު ތެދެކެވެ.
އަޅުގަނޑަކީ ފުރަތަމަ ގައުމީ ފިލްމް އެވޯޑާއި ދެވަނަ ގައުމީ ފިލްމު އެވޯޑްސް ބޭއްވުމުގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ވިލަރެސް ކުރާން އުޅުނު މީހެއްކަމަށް ވެފައި އަޅުގަނޑަށް ލިބިފައި ހުރި ތަޖުރިބާއާއި މައުލޫމާތުގެ އަލީގައި ބައެއް ވާހަކަ ހިއްސާ ކޮށް ލާނަމެވެ.
ނަވާރަސަތޭކަ ނުވަދހިފަހެއްގައި ބޭއްވި ފުރަތަމަ ގައުމީ ފިލްމް އެވޯޑަށް އިންސާފު ކުރުމަށް ރާއްޖެ އިން ބޭރުން ފަނޑިޔާރުން ގެނެވުނެވެ. ފަނޑިޔާރުން ހޯދުމަށް ފުރަތަމަ މަސައްކަތް ކުރެވުނީ އިންޑިއާއިންނެވެ. ނަމަވެސް އެ ވަގުތު އިންޑިއާ އިން ފަނޑިޔާރުން ލިބެން ނެތުމާ އެކު ސްރީލަންކާ އިން ފަނޑިޔާރުން ގެނެވުނެވެ. ސްރީލަންކާ އިން ފަނޑިޔާރުން ގެނައިމާ ވެސް ބައެއް ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވި އެވެ. ސްރީލަންކާ އިން ގެނައީ އެތާނގެ ގައުމީ ފިލްމް ބޯޑުގެ މެންބަރުން ނެވެ. އެމީހުންނަކީ 25 އަހަރު ދުވަހު ފިލްމު އުފެއްދުމުގެ މަސައްކަތްކޮށް އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ފިލްމު ފެސްޓިވަލްތަކުގައި ޖަޖުކަން ކޮށްފައިވާ ބައިނަލް އަގުވާމީ ޖަޖުންނެވެ. ދިވެހި ފިލްމު ފެސްޓިވަލްގައި ފަނޑިޔާރުކަން ކޮށްފައިވާ މީހުނެވެ. އިންސާފުކުރުމަށް ބަލާނެ މިންގަނޑެއް ތައްޔާރުކުރެވި ދިވެހި ވަންތަކާމާއި ޅެމާއި ލަވަޔަށް ދިވެހި ފަނޑިޔާރުން އިންސާފު ކުރި ކަމުގައި ވިޔަސް، ދެން ހުރިހާ ބައިތަކަށް އިންސާފު ކުރީ ބޭރުން ގެނައި ފަނޑިޔާރުންނެވެ.
ފިލްމުތަކަށް އިންސާފު ކުރުމުގެ މަސައްކަތް ފެށި ފުރަތަމަ ދުވަހު އެމީހުން ކައިރީ މާކުސް ދޭން ޖެހޭނެ ނޫންތޯ ސުވާލު ކުރުމުން ބުނީ ފިލްމަށް އިންސާފުކުރާ އިރު މާކުސް ދިނުމެއް ނޯނާނެ ކަމަށެވެ. ނޮމިނޭޓްވާ ފަރާތްތައް އަހަރެމެން ހޮވައިދޭނަމެވެ. އަދި ބުންޏެވެ. މިއީ ދުވުމުގެ ރޭހެއް ނުވަތަ ޓެސްޓް ޕޭޕަރެއް ނޫނެވެ. އަހަރެމެންނަށް މިކަން ކުރަންވާ ގޮތް އެނގެ އެވެ.
ނޮމިނޭޝަންތައް ހޮވާ ނިމުނު އިރު ބައެއް ކެޓަގަރީން ނޮމިނޭޝަން ނެތުމުން ސުވާލު ކުރުމުން ބުނީ ނޮމިނޭޝަން ވެސް އެއީ ވަކި އަދަދަކަށް ކަނޑައެޅޭ އެއްޗެއް ކަމަށާއި ތިނަކަށް ވުރެ މަދު ނަމަ ނޮމިނޭޝަން ނޯންނާނެ ކަމަށެވެ. ވާދަ ކުރަން ދޭއް އެއީ އަދަދެއް ނޫން ކަމުގަ އެވެ. ގިނަ ވެގެން ފަހެއް އަދި މަދުވެގެން ތިނެއް ކަމުގަ އެވެ.
ފިލްމެއް ބަލަމުން ދާއިރު އެ ފިލްމަކަށް ބެލުންތެރިން އިންސާފު ކުރާ ގޮތާއި ފަނޑިޔާރުން އިންސާފުކުރާ ގޮތާ ވަރަށް ބޮޑު ތަފާތު ހުރެ ދާނެކަމަށް ގަބޫލު ކުރަން ޖެހެވެ.
ފުރަތަމަ ބޭއްވި ދެ ފެސްޓިވަލްގެ ފިލްމުތަކަށް އިންސާފުކުރި ބޭރުގެ ފަޑިޔާރުން ދިން ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ގިނަ ފިލްމުތައް އެދުވަސް ވަރު ހުރީ ހިންދީ ފިލްމުތަކުގެ ނުފޫޒުގައި ބަނދެވިފައި ކަމަށެވެ. އަދި ގިނަ ފިލްމުތަކުގެ ސްކްރީންޕްލޭގެ ފަގީރުކަމުން ރަނގަޅު ވާހަކައެއް އޮތަސް ފަގީރު ސްކްރޭންޕްލޭގެ ސަބަބުން ރަނގަޅު ފިލްމުތައް އުފެއްދިފައި ނުވާ ކަމަށެވެ. ފަގީރު ސްކްރީންޕްލޭއަކަށް މޮޅު ފިލްމެއް ނެހެދޭނެ ކަމަށެވެ. މޮޅު ސްކްރީންޕްލޭއަކަށް އާދައިގެ ޑައިރެކްޓަރަކަށް ވެސް މޮޅު ފިލްމެއް އުފެއްދިދާނެކަމަށް ގަބޫލު ކުރާން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ތިބި މަދު ޑައިރެކްޓަރުންނާއި އެކްޓަރުންނަށް ތަމްރީނު ދެވިއްޖެ ނަމަ ބައިނަލްއަގުވާމީ ފެސްޓިވަލުތަކުން ދިވެހި ފިލްމުތަކަށް ޖާގަ ލިބި ވަނަ ހޯދުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމުގަ އެވެ. ދިވެހި އެކްޓަރުންގެ ތެރޭގައި ވެސް ހުނަރުހުރި މީހުން އެބަތިބި ކަމަށާއި ބޭނުމީ ތަމްރީނު ކަމުގަ އެވެ. އެމީހުން އެނބުނި ބަސް އެތައް އަހަރުތަކެއް ފަހުން ކާމިޔާބާ ހަމައަށް ދަތުރު ކޮށްފި އެވެ. ބޭރުގެ ފެސްޓިވަލުތަކުގައި ދިވެހި ފިލްމްތައް ބައިވެރިކޮށް ވަނަ ހޯދައިފި އެވެ. އެމީހުން ފާހަގަ ކުރި އަދި އެއް ވާހަކަ ބުނެލާނަމެވެ. ހުސް އެކަނި ހިންދީ ފިލްމު ބަލައިގެން އެ ގޮތަށް ފިލްމު ހެދުން ދިވެހިން ދޫކުރަން ޖެހޭ ކަމަށެވެ. މެދު އިރުމަތީގެ ފިލްމުތަކާއި ލެޓިން އެމެރިކާގެ ގައުމުތަކުގެ ފިލްމުތައް ބަލައިގެން ތަފާތު ތަޖުރިބާތައް ހޯދަން ޖެހޭ ކަމަށެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ބޭއްވި މިފަހަރުގެ ގައުމީ ފިލްމު އެވޯޑްސްގައި އަޅުގަނޑަށް ފާހަގަ ކުރެވި ބައެއް ކަންކަން ލިޔެލާނަމެވެ. ފުރަތަމަ ކަމަކީ އެއް ކެޓަގަރީ އަކުން ދެ ނޮމިނޭޝަން އޮތުމެވެ. އެއީ ހައިރާން ކުރުވާވަރުގެ ކަމަކަށް އަޅުގަނޑަށްވި އެވެ. ދެން މިއުޒިކަށް ބަލައި ލަމާ ހެއްޔެވެ. ފިލްމުގައި މިޔުޒިކު ހިމަނަނީ އަބަދު ހުއްޓުމެއްނެތި މޮޅު މިޔުޒިކެއް ޖަހާފައި ހުންނަ ގޮތަކަށް ނޫނެވެ. ފިލްމެއްގައި މިޔުޒިކު ހިމަނަނީ އެ ވަގުތަކާއި ހާލަތަކަށް އެ މަންޒަރު ފުރިހަމަ ކޮށްދޭ އިރު އިހުސާސްތަކެއް ގެނުވައިދީ މަންޒަރަށް ފުރިހަމަ ކަމެއް ގެނުވައިދޭށެވެ. ނުވަތަ އެމިޔުޒިކަކުން އެތައް ވާހަކަތަކެއް ބުނެދީ ފިލްމު ފުރިހަ ކުރުމަށެވެ. މިޔުޒިކުގެ ރޮނގުން މަތީ ތަޢުލީމު ލިބިފައި ހުންނަ މީހަކަށް މިޔުޒިކުގެ މޮޅު ދެރަމިން ކަނޑައެޅި ދާނެ އެވެ. އަދި ސްޓޭޖެއްގައި ބަޔަކު ހުށަހަޅައިދޭ މިޔުޒިކު މުބާރާތަކަށް އިންސާފު ކުރެވިދާނެ އެވެ. ފިލްމްގައި އެ މިޔުޒިކު ގެނެސް ދީފައި އެވަނީ ކީއްވެގެންކަން ނޭނގޭ ނަމަ އިންސާފު ކުރެވޭނީ އެ މިޔުޒިކެއްގެ މޮޅު ދެރަ މިނަ ކަށެވެ.
ފިލްމުގައި ލަވަ ހިމެނުމުގެ އެންމެ އަސާސީ ސިފައަށް ވިސްނާ ލަމާ ހެއްޔެވެ. ހިންދީ ފިލްމެއްގައި ލަވަ ހިމެނުމާއި އިނގިރޭސި ފިލްމެއްގައި ލަވަ ހިމެނުމާއި ހާސް ބައި ތަފާތު ހުރެ އެވެ. ހިންދީ ގިނަ ފިލްމުތަކުގައި ލަވަ ހިމަނަނީ މުނިފޫހި ފިލުވުމަށެވެ. އަދި ފިލްމާ ގުޅުމެއްނެތް ކިތަންމެ ލަވައެއް ހުރެ އެވެ. އެމީހުން ގިނައިން އުފައްދަނީ ވެސް މަސާލާ ފިލްމެވެ. ނަމަވެސް އެހެން ގައުމުތަކުގެ ފިލްމުތަކުގައި ލަވަ ހުންނަނީ ވަރަށް މަދު ފަހަރަކު އެވެ. އަދި އެލަވަޔަކުން ފިލްމުގެ ވާހަކަ އެތައްތަނެއް ކުރު ކޮށްދެ އެވެ. ފިލްމުގެ މައިގަނޑު މިޔުޒިކުގެ ސަބަބުން ވެސް ފިލްމަށް ދިރުން ގެނެސް ދެ އެވެ. އެކަމުގެ އެންމެ ބޮޑު މިސާލަކީ ޖޭމްސް ބޮންޑުގެ ފިލްމު ތަކެވެ. އެތަކެއް އަހަރު ފަހުން ވެސް އެ ސިލްސިލާގެ ފިލްމުތަކުން އެ އިވޭ މިޔުޒިކުގެ އަޑު ޒަމާނާ އެއްގޮތަށް ކުދިކުދި ބަދަލުގެނައި ކަމުގައި ވިޔަސް އެ މިޔުޒިކުގެ އަސްލަށް ބަދަލެއް ނާދެ އެވެ. ފިލްމު ބަލަމުން ދާއިރު އެމިޔުޒިކުގެ އަޑު އިވޭ ކޮންމެ ފަހަރަކު ބަލާ މީހުންގެ ހިއްސުތަކާއި ކުޅެލަ އެވެ. އެ މިޔުޒިކު ނެތް ނަމަ އެ ސިލްސިލާގެ ފިލްމެއް ބަލަމުންދާކަމުގެ އިހުސާސެއް ނުކުރެވޭނެ އެވެ.
މިއުޒިކުގެ ބައިން ނޮމިނޭޓް ނުވެ ދިޔަ ބައެއް ފިލްތައް ހުރި ކަމީ ވެސް އެތަކެއް ސުވާލު އުފެދިގެން ދިޔަ ކަމެކެވެ. އެވޯޑް ނުލިބުމަކީ އެހެން މައްސަލަ އެކެވެ. ނަމަވެސް ނޮމިނޭޓް ނުވެ ދިޔަކަން ފާހަގަވި އެވެ.
ކެމެރާއަށް ބަލައިލަމާ ހިނގާށެވެ. ސިނަމެޓޮފޮޓޯގްރަފީ، މިއީ ވެސް ފިލްމެއްގެ ރީތިކަން ބެލުން ތެރިންނަށް ގެނެސް ދިނުމުގެ އިތުރުން ވަރަށް ޚާއްސަ ބަޔެކެވެ. ކިތަންމެ ރީތި މަންޒަރުތަކެއް ފިލްމަށް ނަގާފައި ހުއްޓަސް ފިލްމަށް ސިނަމެޓޮފޮޓޯގްރަފީން ކޮށްދިނީ ކޮންކަމެއްތޯ ސުވާލު ކޮށްލާން ޖެހެ އެވެ. ފިލްމު ކުރިއަށް ގެންގޮސް ދިނުމުގައި އަދާކުރި ރޯލާ ވަގުތާ ހާލަތައް ބަލާން ޖެހެ އެވެ. އަދި ފިލްމު މޮޅު ފިލްމަކަށް ވުމުގައި އަދާކުރި ރޯލާ މެދުވެސް ބަލާން ޖެހެ އެވެ. އެބައިގައި ވެސް ނޮމިނޭޝަންތައް ދިޔަ ގޮތާ މެދު ސުވާލު އުފެދެ އެވެ.
އެކްޓަރުންގެ ރޯލްތަކުން ފެންނަ މޫނުގެ ކުލަވަރަކީ ވެސް ވަގުތާއި ހާލަތަށް ބަލައިގެން ތަމްސީލު ކުރެވޭ ކުރެވުމެކެވެ. ހަމަ އެގޮތަށް ޓެކްނިކަލް ބައިތަކަށް ވެސް އިންސާފު ކުރުމުގައި ވަރަށް އާދައިގެ ފިލްމުތައް ވެސް ނޮމިނޭޓް ވެފައި ހުރިކަން ފާހަގަ ކުރެވެ އެވެ. ކޮންމެއަކަސް އަޅުގަނޑަކީ ފަނޑިޔާރެއް ނޫނެވެ. މިދަންނަވާ ލެވުނީ މަންޒަރު ފެނުނު މީހެއްގެ ނަޒަރުން ދެކޭ ގޮތެވެ.
ދެން އޮތީ އެހެން ވާހަކަ އެކެވެ. ފިލްމް އެ ވޯޑްގެ ހަފުލާގެ ވާހަކަ އެވެ. މިފަހަރުގެ އެވޯޑް ހަފުލާ ފެނުނީ ޖަލްސާއެއްގައި އިނާމު ދޭހެންނެވެ. މި ހަފުލާ ވާންޖޭހޭނީ މިއަށް ވުރެ ކުލަގަދަ ހަފުލާއަކަށެވެ. މުނިފޫހިފިލުވުމުގެ ބައިތައް ވެސް ދިޔައީ ވަރަށް ފަނޑުކޮށް އަދި ވަރަށް ފެންކޮށެވެ. ހަމަ އެގޮތަށް އެވޯޑްތައް ދިނުމަށް އަރާ މެހުމާނުންނަކީ ވެސް މުނިފޫހި ފިލުވުމާ ގުޅުން ހުރި މީހުން ކަމަށް ހެދުމީ ވެސް މިފަދަ ހަފުލާތަކުގެ އަސާސީ ސިފައެކެވެ. ހަމަ އެގޮތަށް ހޯސްޓުންނަކީ ވެސް ވަރަށް މުހިންމު ބައެއް އަދާކުރާ ބަޔެކެވެ. އެ މީހުން ވެސް ދުރާލާ ތައްޔާރުވެ ތަމްރީނު ވާންޖެހެ އެވެ.
ފަންނުވެރިންގެ ފަންނު ދިރުވައި ތަރައްގީ ކުރުމަށް އެންމެންގެ ބައިވެރިވުމާ އެކު ސިޔާސަތުތައް ބައްޓަންކޮށް އެކަށައަޅާ، ގަވާއިދުތަކާއި ހަމަޔާއި އުސޫލު، މަސައްކަތުގެ އަޚުލާގާއި އިހުތިރާމު ހިމެނޭ އޮނިގަނޑެއްގެ ތެރޭގައި އިތުބާރު ދަމަހައްޓައި މަސައްކަތްކުރުމަށް ވިސްނަންޖެހެ އެވެ.
ގައުމީ ފިލްމު އެވޯޑަށް އެތަކެއް ފަހަރު ބޭރުގެ ފަނޑިޔާރުން ގެނަ އެވެ. އެކަމުގެ ހެޔޮ ނަތީޖާ ވެސް ވަނީ ފެނިފަ އެވެ. ދިވެހިރާއްޖޭގެ ފުންނާބު އުސް ފިލްމު އުފެއްދުން ތެރިން ކުރާ ބުރަ މަސައްކަތުގެ ނަތީޖާއަކީ ލިބޭ އެވޯޑެވެ. އެވޯޑަށް އިންސާފު ކުރަން ފަނޑިޔާރުން ކަނޑައަޅާ އިރު ކަމާ ބެހޭ އެންމެ ހާ ފަރާތްތަކުން ވަރަށް ފުންކޮށް ވިސްނާން ޖެހެ އެވެ. ކަމެއް ރަނގަޅަށް އެނގިގެން ކުރުމާއި ރަނގަޅަށް ނޭނގި ކުރުމާއި ތަފާތު ހުންނާނެކަން ހަނދާން ކުރާންޖެހެ އެވެ. ގައުމީ ފިލްމު އެ ވޯޑަށް އިންސާފު ކުރުމަށް ބޭރުގެ ފަޑިޔާރުން ވެސް ބައިވެރި ކުރާން ޖެހެވެ. އޭރުން މައްސަލަތައް ކުޑަވެ އިންސާފާ މެދު އޮންނަ އިތުބާރު ބޮޑުވެގެން ދާނެ އެވެ.