"ކީއްވެ" ފިލްމުގެ އޯޑިއޯ ލަވަތައް ރިލީޒްކޮށްފި!

އަންނަ ހަފުތާގެ ބުދަ ދުވަހު އޮލިޕްމަހަށް އަންނަ، ދިވެހި ފިލްމު 'ކީއްވެ'ގެ އޯޑިއޯ އަލްބަމް ރިލީޒްކޮށްފިއެވެ.

މި އަލްބަމްގައި ޖުމުލަ ފަސް ލަވައެއް ހިމެނެއެވެ. އެއީ، ޕްރޮމޯ ލަވަ "ކީއްވެ"، ތީމް ލަވަ "ކީއްވެ ހޭ"، "ފިދާ"، "ލޮލުން ތިޔަ ބަލާ" އަދި "ގުޅުމޭ އާއިލީ"އެވެ.

މި ފިލްމުގެ އޯޑިއޯ ލަވަތައް ސްޕޮޓިފައި، އެޕަލް، މިއުޒިކް، އައިޓިއުންސް ސައުންޑްކްލައުޑް އަދި ޔޫޓިއުބުން މިހާރު އަޑުއަހާލެވޭނެއެވެ.

ފިލްމްގެ ޓިކެޓް އޮލިމްޕަސް ޓިކެޓް ކައުންޓަރުގެ އިތުރުން، އޮންލައިންކޮށް ގަނެވޭނެއެވެ.

މިއީ، ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

‎މި ފިލްމްގެ ޓްރެއިލަރާއެކު ފިލްމަށް އޮތް އިންތިޒާރާއި ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ. ފަންސަވީސް އަހަރަށް ފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރު ރީކޯ މޫސާ މަނިކުގެ މި ފިލްމްގެ ލީޑް ރޯލުން ފެންނައިރު، އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިން ޓްރެއިލާއިން ވަރަށް ފުރިހަމައަށް ފެނެއެވެ. އެގޮތުން މޫސަ ގެ އަޑުން "އަދި އެއްފުރުސަތު ދީ.." އާއި "ހަތަރު ވަނަ މީހަކާވެސް އިންނަންވީތަ..?" ބުނާ އަޑު އިވެއެވެ. މި ޑައިލޮގުތަކުން އެކަނިވެސް ފިލްމާއި މެދު އޮތް ޝައުގުވެރިކަން ވަނީ ބޮޑުވެފައެވެ.

އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލަގެ ޒަރީއާއިން ބެލުންތެރިންނަށް ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވެއެވެ.

‎މި ފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމް ތަކާއި ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، މި ފިލްމު ޑައިރެކްޓުކުރަނީ 20 އަހަރުގެ މެދުކެނޑުމަކަށް ފަހު، ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފެވެ.

comment ކޮމެންޓް