މަޖުނޫނަކީ ތާރީޚުގައި ލިޔެވޭނެ ވަރުގެ ފިލްމެއް: ނަހުލާ

މަޖުނޫންގެ ޕޯސްޓަރެއް ---

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ދިވެހި ފިލްމު 'މަޖުނޫން'އަކީ ތާރީޚުގައި ލިޔެވޭނެ ވަރުގެ ފިލްމެއްގެ ގޮތުގައި އެ ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ މިއަދު ސިފަކޮށްފިއެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ނަހުލާ ވަނީ، އެ ފިލްމު ސިނަމާގައި އެޅުވުމުގެ ކުރިން މުޅި ފިލްމު ސްކްރީނުން ބަލާފައިވާކަން ހާމަކޮށްފައެވެ.

"އަހަރެންގެ ހިތް މިއަދު އުފަލުން ފުރިއްޖެ. މިއީ އަނެއްކާ ވެސް ތާރީޚުގައި ލިޔެވޭނެ ވަރުގެ ފިލްމެއް" ނަހުލާ ބުނެފައިވެއެވެ.

https://sun.mv/227659

އޭނާ ވަނީ، އެހެން އެއްވެސް ފިލްމަކާ ދޭތެރޭ ނެތް ވަރުގެ ޔަގީންކަމެއް 'މަޖުނޫނަށް' އޮތް ކަމުގެ ޔަގީންކަން ދީފައެވެ. އަދި، އޭނާގެ އެހެން ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ކަމުދާނެ ފިލްމަކަށް މި ފިލްމު ވެދާނެހެން ހީވާ ކަމަށް ބުނެ ނަހުލާ ވަނީ، ފިލްމު އުފެއްދުމުގައި ބައިވެރިވި އެންމެނަށް ޝުކުރު އަދާކޮށްފައެވެ.

ނަހުލާގެ ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާން ވެސް ވަނީ މަޖުނޫން ބެލުމަށް ފަހު ރިވިއުއެއް ދީފައެވެ. އޭނާ ވެސް ފާހަގަކުރި ގޮތުގައި، މަޖުނޫނަކީ ނަހުލާގެ ހުރިހާ ފިލްމެއްގެ ތެރެއިން އެންމެ ފުރިހަމަ ފިލްމެވެ. އަދި، މިއީ ދިވެހި ސިނަމާގެ ތާރީޚުގައި ލިޔެވޭނެ ފިލްމެއްގެ ގޮތުގައި އީނާޝް ވެސް ވަނީ ސިފަކޮށްފައެވެ.

މިރޭ ސިނަމާގައި އަޅުވާ މަޖުނޫންގެ ލީޑު ރޯލުން ފެންނާނީ، އަހްމަދު ޝާރިފްގެ އިތުރުން މަރިޔަމް ޝިފާއެވެ. އިތުރު ރޯލުތަކުން ވާޝިޔާ މުހައްމަދާއި އަޙުމަދު އީސަ (އާނަންދު)އާއި ސާމީ ހުސައިންއާއި މުހައްމަދު މަނިކުއާއި ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި މާމަ ދަރިފުޅު އެވެލީ ފެންނާނެއެވެ.

"މަޖުނޫނު" ސިނަމާގައި އަޅުވަން ފެށުމަށް މިރޭ 8:30ގައި ބާއްވަން ހަމަޖެހިފައިވާ ހަފުލާ އެސްއެސްޓީވީން ލައިވްކޮށް ދައްކާނެއެވެ.

comment ކޮމެންޓް